[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 7

މަލާއިކަތުންގެ ޞިފަފުޅުތައް

 

ޚަލްޤީ ޞިފަފުޅުތައް

 

ޚަލްޤީ ޞިފަތަކަކީ އުފެއްދެވުމުގައި ﷲ ތަޢާލާ ލައްވާފައިވާ ކަންކަމެވެ. އެގޮތުން އެ މަޚުލޫޤެއް އުފެއްދެވުނު މާއްދާއާއި ޖިންސާއި ކެއިންބުއިމަށް ބޭނުން ޖެހުމާއި އަދިވެސް އެ އެމަޚުލޫޤެއްގެ ކިބައިގައި ލައްވާފައިވާ މިފަދަ ޞިފަތައް ހިމެނެއެވެ. މަލާއިކަތުންނަކީ ވެސް ﷲ ތަޢާލާގެ މަޚުލޫޤުންތަކަކަށް ވީ ހިނދު އެބޭކަލުންގެ ކިބައިގައިވާ ޚަލްޤީ ޞިފަފުޅުތަކުގެ ތެރެއިން ބައެއް ޞިފަފުޅުތައް ކީރިތި ޤުރްއާނާއި ނަބިއްޔާ صلى الله عليه  وسلمގެ ސުންނަތުގައި ބަޔާންވެގެންވެއެވެ.

1.      ޚަލްޤުކުރައްވާފައިވަނީ ނޫރުންނެވެ.

މަލާއިކަތުން އުފައްދަވާފައިވަނީ ނޫރުންކަމާއި، އެކަމުގެ ދަލީލު އިސްވެދިޔަ ސުރުޚީގެ ދަށުގައި ބަޔާންވެ ހިނގައްޖެއެވެ.

 

2.      އެބޭކަލުންނަށް ފިޔަފުޅުތަކެއް ލިބިލައްވާފައިވެއެވެ.

މަލާއިކަތުންނަށް ފިޔަފުޅުތައް ލިބިލައްވާފައިވަނީ ހުރިހާ ބޭކަލުންނަށް އެއްވަރަކަށް ނޫނެވެ. އަދި ކިއެއް އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނަށް ދެ ފިޔަފުޅު ލިބިލައްވާފައިވާއިރު އަނެއްބައި ބޭކަލުންނަށް ތިނެއް ނުވަތަ ހަތަރު ފިޔަފުޅު ލިބިލައްވާފައިވެއެވެ.

މިކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ فاطر: ١ މާނައަކީ [ޙަމްދުހުރީ ﷲއަށެވެ. އެއިލާހުއީ، އިސްވެދިޔަ މިސާލަކާއި ނުލާ އުޑުތަކާއި ބިން އުފެއްދެވި އިލާހެވެ. ދެޔަކުން، ތިނަކުން، އަދި ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ މަލާއިކަތުން އެއީ، އެކިއެކި ކަންކަމާއިގެން ފޮނުއްވާ ރަސޫލުންތަކެއް ކަމުގައި ލެއްވި އިލާހެވެ. ހެއްދެވުމުގައި އިރާދަކުރައްވާ ގޮތަކަށް އިތުރުކުރައްވަތެވެ. ހަމަކަށަވަރުން، ﷲއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.]

ޖިބްރީލް عليه السلامއަށް 600 ފިޔަފުޅު ލިބިލައްވާފައިވާ ކަމަށް ވާރިދުވެފައިވެއެވެ. އިސްރާއާއި މިއުރާޖުގެ ރޭގައި ކީރިތި ރަސޫލާ صلى الله عليه  وسلمއަށް، ޖިބްރީލް عليه السلام، އެކަލޭގެފާނުގެ އަޞްލު ސޫރައިގައި ދެކެވަޑައިގެންނެވިއެވެ. އެކަން ބަޔާންކުރައްވާ އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ” رَأَى جِبْرِيلَ، لَهُ سِتُّمِائَةِ جَنَاحٍ ” މާނައަކީ [ހަމަކަށަވަރުން ރަސޫލާއަށް ޖިބްރީލްގެފާނު (އެކަލޭގެފާނުގެ އަޞްލު ޞޫރައިގައި) ފެނިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް 600 ފިޔަފުޅު ލިބިލައްވާފައިވެއެވެ.] [1]

 


[1] ރަވާހުލް ބުޚާރީ

 

މިލިޔުމުގެ އެހެން ބައިތައް