الحمد لله، والصلاة والسلام على نبينا محمد صلى الله عليه وسلم
މިއީ ޛުލް ޤަޢިދާ މަހާއި ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ އަޅާއަށާއި މި ލިޔުން ކިޔާ ކޮންމެ މީހަކަށްވެސް މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމެވެ.
- ޛުލް ޤަޢިދާ މަހަކީ ހިޖުރީ އަހަރުގެ އެގާރަވަނަ މައްސަރެވެ. އަހަރުގެ ތެރޭގައި ޖެހިޖެހިގެން އަންނަ
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ފުރަތަމަ މައްސަރެވެ. އެއީ ޛުލް ޤަޢިދާ، ޛުލް ޙިއްޖާ އަދި މުޙައްރަމް އެވެ. އޭގެ ފަހުގައި ރަޖަބެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފަވެއެވެ.
﴿إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُمٌ﴾ [سورة التوبة 36]
މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ اللَّه ގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ.”
ނަބިއްޔާ صلى الله عليه وسلم ޙަދީތް ކުރައްވާފައިވެއެވެ.
((إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ)) [رواه البخاري 3197 ومسلم 1679]
މާނައީ: “ހަމަކަށަވަރުން އިހު ހުރިގޮތަށް ޒަމާންތައްވަނީ އެނބުރި އައިސްފައެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއްވި ދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް މަހެވެ. އަދި ޖުމާދާއާއި ޝަޢްބާންމަހުގެ ދެމެދަށް އަންނަ މުޟަރުގެ މަސް، ރަޖަބު މަހެވެ.”
- ޙުރުމަތްތެރިވެގެންވާ މި މައްސަރުތަކަކީ ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި މައްސަރުތަކެކެވެ.
މި މައްސަރުތަކުގައި ނަފްސަށް އަނިޔާވެރިވުން ﷲ ތަޢާލާ ވަނީ ނަހީކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
﴿فَلا تَظْلِمُوا فِيهِنَّ أَنْفُسَكُم﴾ [سورة التوبة 36]
މާނައީ: “ފަހެ، އެ މައްސަރުތަކުގައި (ޙުރުމަތްތެރިކުރެވިގެންވާ މައްސަރުތަކުގައި) ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވާހުށިކަމެވެ.”
އަދި މި މައްސަރުގައި ކުރާ ނުބައިކަންތައްތަކުގެ ފާފަ އެހެނިހެން މައްސަރުތަކުގައި ކުރާ ފާފަތަކަށް ވުރެ ބޮޑުވެގެންވެއެވެ.
އެއީ މި މައްސަރުގެ މަތިވެރިކަމުންނާއި ﷲގެ ޙަޟްރަތުގައި މި މައްސަރުގެ ހުރުމަތުގެ ބޮޑުކަމުންނެވެ. ޤަތާދާ ވިދާޅުވެފައިވެއެވެ.
“إن الظلم في الأشهر الحرم أعظم خظيئة ووزرا من الظلم فيما سواها، وإن كان الظلم على كل حال عظيما، ولكن الله يعظم من أمره ما يشاء”. [تفسير الطبري 14/238 تفسير ابن كثير 4/148]
މާނައީ: “ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އަނިޔާވެރިވުން އެހެނިހެން މައްސަރުތަކުގައި އަނިޔާވެރިވުމަށްވުރެ ފާފައިގެ ގޮތުން ބޮޑުވެގެންވެއެވެ. ކޮންމެ ޙާލެއްގައިވެސް އަނިޔާވެރިވުމަކީ އޭގެ ޒާތުގައިވެސް ޙަރާމްކަމަކަށް ވީ ހިނދުވެސް، ކަންތައްތަކުގެ ތެރެއިން، ﷲ ތަޢާލާ އެއިލާހު އިރާދަކުރައްވާ ކަމެއް މަތިވެރިކުރައްވައެވެ.”
- ޛުލް ޤަޢިދާ މަހަކީ ޙައްޖު މައްސަރުތަކުގެ ތެރެއިންވާ މަހެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ٱلۡحَجُّ أَشۡهُرࣱ مَّعۡلُومَـٰتࣱۚ﴾ [سورة البقرة 197]
މާނައީ: “ޙައްޖުގެ ވަޤުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ.”
އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.
” أَشْهُرُ الحَجِّ: شَوَّالٌ، وَذُو القَعْدَةِ، وَعَشْرٌ مِنْ ذِي الحَجَّةِ ” [علقة البخاري في صحيحيه (2/141) بصيغة الجزم]
މާނައީ: “ޙައްޖުގެ މައްސަރުތަކަކީ: ޝައްވާލު، ޛުލް ޤަޢިދާ އަދި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.”
= ނުނިމޭ =
މަޞްދަރު: 15 فائدة في شهر ذي القعدة للشيخ محمد صالح المنجد