3. އެބޭކަލުން އެއްވެސް ޖިންސަކަށް ނިސްބަތް ނުކުރެވެއެވެ.
މަލާއިކަތް ބޭކަލުންނަކީ ﷲ ތަޢާލާގެ އަންހެން ދަރިންކަމަށް މުޝްރިކުން ބުނަމުން ދިޔުމާއެކު އެކަމަށް އިންކާރުކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ إِنَاثًا ۚ أَشَهِدُوا خَلْقَهُمْ ۚ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ﴾ الزخرف: ١٩ މާނައަކީ [އަދި ރަޙްމާންވަންތަ އިލާހުގެ އަޅުންކަމުގައިވާ މަލާއިކަތުންނަކީ އަންހެން ބަޔަކުކަމުގައި އެއުރެން ހެދީ ހެއްޔެވެ؟ އެ މަލާއިކަތުން ހެއްދެވިއިރު އެއުރެން ޙާޟިރުވެ ތިބީ ހެއްޔެވެ؟ އެއުރެން ހެކިވާ ހެކިވުން، ނިކަންހުރެ ލިޔުއްވާ ހުއްޓެވެ. އަދި (އާޚިރަތް ދުވަހުން) އެއުރެންނާ ސުވާލު ކުރައްވާ ހުއްޓެވެ.]
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ ﴿١٥٠﴾ أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ ﴿١٥١﴾ وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ ﴿١٥٢﴾﴾ الصافات: ١٥٠ – ١٥٢ މާނައަކީ [ނުވަތަ އެއުރެން ޙާޟިރުވެ ބަލަން ތިއްބާ ތިމަން އިލާހުގެ މަލާއިކަތުން އަންހެން ބަޔަކަށް ހެއްދެވީ ހެއްޔެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، ﷲއަށް ދަރިންވާކަމަށް އެއުރެން ބުނަނީ ބޮޑު ދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.]
ﷲ ތަޢާލާ، މަލާއިކަތުންގެ ވާހަކަތައް ޛިކުރުކުރައްވާފައިވާއިރު، އެއީ ކޮންކަހަލަ ޖިންސެއްގެ ބޭކަލުންކަމެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ނުވެއެވެ. އަދި ކިއެއް އެބޭކަލުން ޞިފަކުރައްވާފައިވަނީ އެއީ މާތްކުރައްވާފައިވާ އަޅުންތަކެއްގެ ގޮތުގައެވެ. ﴿وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ۗ سُبْحَانَهُ ۚ بَلْ عِبَادٌ مُّكْرَمُونَ﴾ الأنبياء: ٢٦ މާނައަކީ [އެއުރެން ބުންޏެވެ. ރަޙުމާންވަންތަ އިލާހުގެ ދަރިކަލަކު ހިއްޕެވިއެވެ. އެއިލާހު ހުސްޠާހިރުވަންތަ ކަމާއެވެ. އަދި ކިއެއްތަ! (ﷲގެ ދަރިކަނބަލުންތަކެކޭ އެއުރެން ބުނާ މަލާއިކަތުންނަކީ) އެއީ މާތް ކުރައްވާފައިވާ، އެއިލާހުގެ އަޅުންތަކެކެވެ.]
އެހެންކަމުން އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާއަކީ މަލާއިކަތުން އެއްވެސް ޖިންސަކަށް ނިސްބަތް ނުކުރުމެވެ.
4. ﷲގެ އިޛުނަފުޅާއެކު ޞިފަ ބަދަލުކުރުމުގެ ބާރު އެބޭކަލުންނަށް ލިބިފައިވެއެވެ.
އެބޭކަލުން ބައެއް ފަހަރު އިންސާނުންގެ ޞިފައިގައި ދުނިޔެއަށް ވަޑައިގަންނަވައެވެ. އެގޮތުން ޖިބްރީލު عليه السلام ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހަށް دحية الكلبيّ (ދިޙްޔަތުލް ކަލްބިއްޔު) ކިޔުނު، ރީތި ބޭކަލެއްގެ ޞިފައިގައި ވަޑައިގަންނަވާކަމުގައި ޘާބިތުވެފައިވެއެވެ.
އަދި މަރްޔަމު عليها السلامގެ ވާހަކަ ބަޔާންކުރައްވާ، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا ﴿١٦﴾ فَاتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ﴿١٧﴾﴾ مريم: ١٦ – ١٧ މާނައަކީ [އަދި ކަލޭގެފާނު މި ފޮތުން މަރްޔަމްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ އަހުލުވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަކަށް ވަޑައިގަތް ހިނދެވެ. ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވާވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަން އިލާހުގެ ވަޙީގެ މަލާއިކަތާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ މަލާއިކަތާ ފުރިހަމަ އިންސާނެއްގެ ޞިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.]