ޚުލްޤީ ޞިފަފުޅުތައް
1. މާތްކަން
މަލާއިކަތުންނަކީ މާތް، މަތިވެރި ބައެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައިވަނީ ޞިފަކުރައްވާފައެވެ. އެގޮތުން ﷲ ތަޢާލާ، އެބޭކަލުންނާ ބެހޭގޮތުގައި ވަޙީކުރެއްވިއެވެ. ﴿كِرَامٍ بَرَرَةٍ﴾ عبس: ١٦ މާނައަކީ [މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނެވެ.]
2. ލަދުވެތިކަން
މަލާއިކަތުންނަކީ ލަދުވެތިކަމުގެ ޞިފަ ލިބިލައްވާފައިވާ ބައެއްކަން ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ޘާބިތުވެއެވެ. އެގޮތުން އަންނަނިވި ޙާދިޘާއިން މިކަމަށް ދަލީލު ލިބެއެވެ.
أَنَّ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُضْطَجِعًا فِي بَيْتِي، كَاشِفًا عَنْ فَخِذَيْهِ، أَوْ سَاقَيْهِ، فَاسْتَأْذَنَ أَبُو بَكْرٍ فَأَذِنَ لَهُ، وَهُوَ عَلَى تِلْكَ الْحَالِ، فَتَحَدَّثَ، ثُمَّ اسْتَأْذَنَ عُمَرُ، فَأَذِنَ لَهُ، وَهُوَ كَذَلِكَ، فَتَحَدَّثَ، ثُمَّ اسْتَأْذَنَ عُثْمَانُ، فَجَلَسَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَسَوَّى ثِيَابَهُ فَدَخَلَ فَتَحَدَّثَ، فَلَمَّا خَرَجَ قَالَتْ عَائِشَةُ: دَخَلَ أَبُو بَكْرٍ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ، ثُمَّ دَخَلَ عُمَرُ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ، ثُمَّ دَخَلَ عُثْمَانُ فَجَلَسْتَ وَسَوَّيْتَ ثِيَابَكَ فَقَالَ: »أَلَا أَسْتَحِي مِنْ رَجُلٍ تَسْتَحِي مِنْهُ الْمَلَائِكَةُ«[1]
މާނައަކީ؛ [ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ފަލަމަސްގަނޑު ނުވަތަ ކަށިމަތިފުޅު ކަޝްފުވެފައިވާ ޙާލު ލެނގިލައްވައިގެން ތިމަންކަމަނާގެ ގެގޮޅުގައި އިންނެވިއެވެ. އެހިނދު އަބޫބަކުރުގެފާނު އެތެރެއަށް ވެންނެވުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނަށް އިޛުނަދެއްވިއެވެ. އޭރުވެސް އެކަލޭގެފާނު އިންނެވީ އެ ގޮތަށެވެ. ދެން އެބޭކަލުން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެއަށްފަހު ޢުމަރުގެފާނު އެތެރެއަށް ވެންނެވުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނަށް އިޛުނަދެއްވިއެވެ. އޭރުވެސް އެކަލޭގެފާނު އިންނެވީ އެ ގޮތަށެވެ. ދެން އެބޭކަލުން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ދެން ޢުޘްމާނުގެފާނު އެތެރެއަށް ވެންނެވުމަށް އެދިވަޑައިގަތެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރީތިކޮށް އިށީއިނދެވަޑައިގަތެވެ. އަދި ހެދުންކޮޅު ރީތިކުރެއްވިއެވެ. ދެން (އިޛުނަ ދެއްވުމުން) އެތެރެއަށް ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެބޭކަލުން ނުކުމެވަޑައިގަތުމުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އަބޫބަކުރުގެފާނު ވެންނެވިއިރު ކަލޭގެފާނު އިންނެވިގޮތަށް (ފަލަމަސްގަނޑު ނުވަތަ ކަށިމަތިފުޅު ކަޝްވެފައިވާ ޙާލު ލެނގިލައްވައިގެން) އިންނެވީމުއެވެ. ދެން ޢުމަރުގެފާނު ވެންނެވިއިރު ކަލޭގެފާނު އިންނެވިގޮތަށް (ފަލަމަސްގަނޑު ނުވަތަ ކަށިމަތިފުޅު ކަޝްވެފައިވާ ޙާލު ލެނގިލައްވައިގެން) އިންނެވީމުއެވެ. އެއަށްފަހު ޢުޘްމާނުގެފާނު ވެންނެވުމުން ކަލޭގެފާނު ރީތިކޮށް އިށީންނަވާ ހެދުންކޮޅުވެސް ރީތިކުރެއްވީމުއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބޭކަލެއް ދެކެ މަލާއިކަތުން ލަދުވެތިވެ ވަޑައިގަންނަވާ ބޭކަލެއް ދެކެ، ތިމަންކަލޭގެފާނު ލަދުވެތިވެ ވަޑައިނުގަންނަވާނެތޯއެވެ؟” ]
[1] ރަވާހު މުސްލިމް