3. ގިނަގިނައިން އަޅުކަން ކުރެއްވުން
އެބޭކަލުންނަކީ އަބަދުވެސް ﷲ ތަޢާލާއަށް އަޅުކަންކުރެއްވުމުގައި ޤާއިމުވެ ތިއްބަވާ ބޭކަލުންތަކެކެވެ. އެކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ﴿يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ﴾ الأنبياء: ٢٠ މާނައަކީ [އެ މަލާއިކަތުން ރެއާއި ދުވާލު ފޫހިވުމެއް ނެތި (ﷲގެ ޙަޟްރަތަށް) ތަސްބީޙަ ދަންނަވައެވެ.]
4. ﷲއަށް ނުއުރުއެދުން
މަލާއިކަތުން ﷲ ތަޢާލާއަށް އުރެދުމަކަށްވާ ކަމެއް ނުކުރައްވައެވެ. އަދި ކިއެއް އެއިލާހުގެ އަމުރުފުޅުތަކަށް ފުރިހަމައަށް ތަބާވެވަޑައިގަންނަވައެވެ. އެކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ؛ ﴿عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾ التحريم: ٦ މާނައަކީ [އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރުފުޅަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައްތައް އެބޭކަލުން ކުރައްވާނެއެވެ.]
މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށްޓަކައި ބައެއް މީހުން ގެންނަ ދެ ޝުބުހައެއް، ރައްދާއެކު މިތަނުގައި ބަޔާންކޮށްލާނަމެވެ.
ފުރަތަމަ ޝުބުހަ؛
އާދަމް عليه السلام އުފައްދަވާ، އެކަލޭގެފާނަށް ސަޖިދަ ޖެއްސެވުމަށް އަމުރު ކުރެއްވުމާއެކު އިބްލީސް ފިޔަވާ ހުރިހާ މަލާއިކަތުން ސަޖިދަ ޖެއްސެވިއެވެ. މި ޙާދިޘާއިން އެބޭކަލުންގެ ތެރެއިން އެއް ބޭކަލަކު ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވީ ކަމަށް ބައެއް މީހުންނަށް ހީވެފައި ވެއެވެ. ނަމަވެސް އިބްލީސް އަކީ މަލާއިކަތެއް ނޫނެވެ. އިބްލީސް އަކީ ޖިންނި އެކެވެ. އޭނާ އުފެއްދެވިގެން ވަނީ ދުންނާރާ އަލިފާނުންނެވެ. އާދަމް عليه السلامގެ ކުރިން އޭނާއަކީ ހެޔޮލަފާ ތަޤުވާވެރިއެކެވެ. އެއާއި އެކު އޭނާގެ ޤަދަރު އުފުލި މަލާއިކަތުންގެ އަރިހުގައި، ﷲ ތަޢާލާ އޭނާ ލެއްވިއެވެ.
ނަމަވެސް ﷲ ތަޢާލާގެ އަތްޕުޅުން އާދަމް عليه السلام ޚަލްޤުކުރައްވާ، އެކަލޭގެފާނަށް ސަޖިދަކުރުމަށް އަމުރު ކުރެއްވުމާއެކު، އެކަމަށް އިބިލީސް އުރެދުނެވެ. އާދަމް عليه السلامއަށް ވުރެ އިބިލީސްގެ ހެޔޮކަން ބޮޑުކަމަށް ބުނެ ބޮޑާވެރިކަމާއި ކިބުރުވެރިކަން ފާޅުކުރިއެވެ.
މިއިން އެނގިގެންދަނީ އިބިލީސް އަކީ މަލާއިކަތެއް ނޫންކަމެވެ. އަދި ﷲ ތަޢާލާގެ އަމުރުފުޅަކަށް މަލާއިކަތުންގެ ތެރެއިން އެއްވެސް ބޭކަލަކު އުރެދިފައި ނުވާކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ؛ ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ﴾ الكهف: ٥٠ މާނައަކީ [ތިމަންއިލާހުގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އާދަމްގެފާނަށް ސަޖިދަކުރާށެވެ! ދެން އިބިލީސް މެނުވީ، އެ އެންމެހާ ބޭކަލުން ސަޖިދަ ކުރެއްވިއެވެ. އެ އިބިލީސް ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ރައްބުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވީއެވެ.”
ދެވަނަ ޝުބުހަ؛
މިއީ ހާރޫތާއި މާރޫތުގެ ވާހަކައާއިމެދު މީސްތަކުން އުފައްދާ ޝުބުހައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ﴾ البقرة: ١٠٢
މާނައަކީ [އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވާ އުޅުނު ތަކެއްޗަށް އެއުރެން ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެ ވަޑައިނުގަންނަވައެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވިއެވެ. އެއުރެން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި މާރޫތާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެއުރެން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރިވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމަށާއި، ފަހެ، (އެ ދަސްކޮށްގެން) ކާފަރު ނުވާށޭ ވިދާޅުވެ (ނަޞީޙަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައި ނުދެއްވައެވެ.]
ފަހެ ޞިހުރު ހެދުމާއި، އެކަން ދަސްކޮށްދިނުމަކީ ޝިރުކުގެ ތެރެއިންވާ ޝައިޠާނީ ޢަމަލުތަކެކެވެ. މަލާއިކަތުން ވަޑައިގެން ޝިރުކުގެ ޢަމަލުތައް ދަސްކޮށްދިނީކަމަށް މީސްތަކުން ބުނެއުޅެއެވެ. އެހެންނަމަވެސް، މިއާޔަތުގައި ބަޔާންވެގެންވާ ‘ الْمَلَكَيْنِ ‘ އަކީ ކޮންބައެއްތޯ ބަޔާންކުރުމުގައި ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑެތި ޚިލާފުތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް ބޭކަލުން، އެއީ ޖިންނީންތަކެއް ކަމަށް ވީދާޅުވެއެވެ. އަނެއްބައި ބޭކަލުން، އެއީ ރަސްކަލުންތަކެއް ކަމަށް ވިދާޅުވެއެވެ. މިހެން ވިދާޅުވަނީ ‘ الْمَلَكَيْنِ ‘ ގެ ލާމުގައި އިބިފިލި ޖަހައިގެން ކިޔެވޭ ޤިރާއަތަށް ނިސްބަތްކުރައްވައެވެ. އެހެނީ مَلِكَيْنِގެ މާނައަކީ ދެ ރަސްކަލުންނެވެ.
އަދި އަނެއްބައި ބޭކަލުން، މި އާޔަތަށް ބައްލަވާ، ސިޙުރު ބާވައިލެއްވިކަން ނަފީކުރެވިފައިވާކަމަށް ވިދާޅުވެއެވެ. ސުލައިމާނުގެފާނު ކާފިރުވިކަން ނަފީކުރައްވާފައިވާ ފަދައިންނެވެ.
އެހެންބައެއް ބޭކަލުން، މިޙާލަތަކީ ޚާއްޞަ ޙާލަތެއްކަމަށް ވިދާޅުވެއެވެ. އަދި މިއީ އިމްތިޙާނަކާއި ފިތުނައެއްގެ ގޮތުގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެއްގެ ގޮތުގައި ވިދާޅުވެއެވެ. އެބޭކަލުންނަކީ ﷲ ތަޢާލާގެ އަމުރުފުޅުތައް ފުރިހަމައަށް ތަންފީޛު ކުރައްވާ ބޭކަލުންތަކެއްކަމަށްވާ ހިނދު، މިކަންވެސް އެބޭކަލުން ކުރެއްވީ ﷲ ތަޢާލާ އަމުރުކުރެއްވީތީއެވެ. އެއީ މީސްތަކުންނަށް ހުރި އިމްތިޙާނެއްކަމުގައި އިބިލީސްވެސް ލެއްވި ފަދައިންނެވެ.
ވީމާ އެއީ އެބޭކަލުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އުރެދުނީކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.