[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 14

މަލާއިކަތުންނަށް ދެއްވާފައިވާ ޚާއްޞަ ނަންފުޅުތައް:

 

މަލާއިކަތް ބޭކަލުންގެ ތެރެއިން ވަކިވަކި ބޭކަލުންނަށް ދެއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވަނީ ނިސްބަތުން ވަރަށްވެސް މަދު ނަންފުޅުތަކެވެ. އެހެނީ މަލާއިކަތުންނަކީ ނުހަނު ގިނަ، އެބޭކަލުންގެ ޢަދަދު ﷲ ތަޢާލާއަށް މެނުވީ ނޭނގޭ ބޭކަލުންތަކެވެ.

އެބޭކަލުންގެ ތެރެއިން ބަޔާންވެފައިވާ ބައެއް ބޭކަލުންނާއި އެބޭކަލުންގެ ނަންފުޅުތައް މި ތަނުގައި ޛިކުރުކޮށްލާނަމެވެ.

 

1.      جبريل – عليه السلام –

‘ޖިބްރީލް’ ގެ މާނައަކީ ‘عبد الله’ (ﷲގެ އަޅާ)އެވެ. جبريل – عليه السلام – އަކީ ވަޙީގެ މަލާއިކަތާއެވެ. އެކަލޭގެފާނަކީ މަލާއިކަތް ބޭކަލުންގެ ތެރެއިން އެންމެ މާތް ބޭކަލެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ﴾ البقرة: ٩٧  މާނައަކީ [ކަލޭގެފާނު ވިދާޅުވާށެވެ! ޖިބްރީލްގެފާނަށް ޢަދާވާތްތެރިއަކު ކަމުގައިވާ މީހަކީ، (ﷲއަށް ޢަދާވާތްތެރިއަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނު، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާން ގެނެސްދެއްވީ، ﷲގެ އިޛްނަފުޅަށެވެ.]

﴿مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ﴾ البقرة: ٩٨  މާނައަކީ [ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި، އެއިލާހުގެ ރަސޫލުންނަށް، ޖިބްރީލްގެފާނާއި، މީކާއީލުގެފާނަށް ޢަދާވާތްތެރިއަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ ކާފިރުންނަށް ޢަދާވާތްތެރި ވޮޑިގެންވާ އިލާހެވެ.]

﴿وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ﴾ التحريم: ٤  މާނައަކީ [އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، ﷲ އީ އެކަލޭގެފާނުގެ އެހީތެރިވަންތަ އިލާހެވެ. އަދި ޖިބްރީލްގެފާނާއި، ޞާލިޙު މުއުމިނުންވެސް މެއެވެ. އަދި އެއަށްފަހު، މަލާއިކަތުންވެސް، އެކަލޭގެފާނުގެ އެހީތެރިންކަމުގައި ވެއެވެ.]

އެކަލޭގެފާނަށް جبريلގެ އިތުރުން ތަފާތު އެހެނިހެން ނަންފުޅުތަކުންވެސް މުޚާޠަބު ކުރެވިފައިވެއެވެ.

  • الرُّوح؛

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ﴾ المعارج: ٤ މާނައަކީ [ފަންސާސް ހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބްރީލްގެފާނު، އެއިލާހުގެ ޙަޟްރަތަށް އަރާވަޑައިގެންނެވިއެވެ.]

﴿تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ﴾ القدر: ٤ މާނައަކީ [މަލާއިކަތިންނަށް ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިއިލާހުގެ އިޛްނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބާވަޑައިގަންނަވާނެއެވެ.]

އަލްއިމާމް ޤުރްޠުބީ رحمه الله ވިދާޅުވެފައިވެއެވެ. ” އެއީ ޖިބްރީލް – عليه السلام -ކަމަށް އިބްނު ޢައްބާސް ވިދާޅުވިއެވެ.”[1]

 

  • الرُّوح الأمين؛

މި ނަންފުޅުވެސް ކީރިތި ޤުރްއާނުގައި ވާރިދުވެފައިވެއެވެ.

﴿نَزَلَ بِهِ الرُّوحُ الْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ‎﴿١٩٤﴾‏﴾ الشعراء: ١٩٣ – ١٩٤ މާނައަކީ [ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބާވަޑައިގެންނެވީ ރޫޙުލް އަމީނެވެ. އެއީ (މީސްތަކުންނަށް) އިންޒާރު ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.]

އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. [މިއާޔަތުގައި ބަޔާންވެފައިވާ الرُّوحُ الْأَمِينُ އަކީ ޖިބްރީލް عليه السلام ކަމަށް އިބްނު ޢައްބާސްއާއި މުޙައްމަދު ބިން ކަޢުބާއި ޤަތާދާ އަދި މިނޫންވެސް ބޭކަލުން ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި އެއްވެސް ޚިލާފެއް ނެތެވެ.] [2]

 

  • الرُّوح القدس؛

މި ނަންފުޅުވެސް ކީރިތި ޤުރްއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެގެން ވެއެވެ.

﴿وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ﴾ البقرة: ٨٧ މާނައަކީ [އަދި މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ތިމަންއިލާހު ފާޅުވެގެންވާ މުޢުޖިޒާތްތައް ދެއްވީމެވެ. އަދި ރޫޙުލް ޤުދުސްގެ (ޖިބްރީލްގެފާނުގެ) އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ.]

ޠަޙާވީ رحمه الله ވިދާޅުވެފައިވެއެވެ. [މިފަދައިން އެކަލޭގެފާނަށް ނިސްބަތްކުރެވެނީ އެކަލޭގެފާނަކީ ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާކަށް ވާތީއެވެ.][3]

 


[1] ތަފްސީރުއް ޠަބަރީ

[2] ތަފްސީރު އިބްނު ކަޘީރު

[3] އަބުލް ޢިއްޒު އައްދިމިޝްޤީ – ޝަރްޙު އަލްޢަޤީދަތުއް ޠަޙާވިއްޔާ

 

މިލިޔުމުގެ އެހެން ބައިތައް