ޝިޔަޢީން އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު ކަމުގައިވާ މާތް ނަބިއްޔާ ﷺ ގެ ސުންނަތާއި މެދު ޤަބޫލުކުރާ ޢަޤީދާ
އަހުލުއް ސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން އިއްތިފާޤުވާ ގޮތުގައި މާތް ނަބިއްޔާ ﷺ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ދަނެގަތުމަށް ކީރިތި ޤުރުއާނަށް ފަހު މުސްލިމުން ރުޖޫޢަވާ ދެވަނަ މަޞްދަރަކީ ނަބަވީ ސުންނަތެވެ. އެހެންކަމުން މުސްލިމުންގެ ހިތްތަކުގައި ނަބަވީ ސުންނަތަށް ވަރަށް މަތިވެރި މަޤާމެއް ދެވިފައިވެއެވެ. ޙައްޤުގެ އަހުލުވެރިންނަށް އަހުލު ސުންނާގެ ނަމުން ނަންދެވުނީވެސް އެބައިމީހުން މާތް ނަބިއްޔާ ﷺ ގެ ސުންނަތް މަތިވެރިކޮށް އިޙްތިރާމާއި ޤަދަރުކޮށް އެއާއި އެއްގޮތަށް ޢަމަލުކުރާތީއެވެ.
ނަމަވެސް ޝިޔަޢީންނަކީ މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ޢަމަލުކޮށް އިޙްތިރާމްކުރާ ބައެއް ނޫނެވެ. އަދި ކިއެއްތަ ޝިޔަޢީންނަކީ މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކާއި ހަނގުރާމަ ކުރާ ބައެކެވެ. އެކަމަކު ޝިޔަޢީންގެ މިނުބައި ފިކުރަކީވެސް އެބައިމީހުންގެ އޮޅުވާލުމުގެ އައްޑަނައިގެ ދަށުން ނިވާކުރެވިފައިވާ ފިކުރެކެވެ. މިގޮތުން ބޭރުފުށުން ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތައް ކިޔައިހެދިޔަސް އެބައިމީހުންނަކީ ބާތިނުގައި އެޙަދީޘްފުޅުތަކަށް ޢަމަލުކުރާބައެއް ނޫނެވެ. ޝިޔަޢީންނަކީ މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކަށް ޢަމަލުކުރާ ބައެއްކަމުގައި ވާނަމަ އެބައިމީހުންގެ ބާތިލު މަޒުހަބު ވުޖޫދުގައިވެސް ނުވީހެވެ.
ޝިޔަޢީންގެ ގާތުގައި ސުންނަތަކީ މާތް ނަބިއްޔާ ﷺ ގެ ސުންނަތް އެކަންޏެއް ނޫނެވެ. ޝިޔަޢީން ސުންނަތޭ ކިޔަނީ މަޢުޞޫމުގެ ބަސްތަކާއި ޢަމަލުތަކަށެވެ. ޝިޔަޢީ މަޒްހަބުގެ ޙަޤީޤަތް ނޭގޭ ބަޔަކު މަޢުޞޫމަކީ މާތް ނަބިއްޔާ ﷺ ކަމަށް ހީކޮށްފާނެއެވެ. އެހެނީ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިންގެ ގާތުގައި މަޢުޞޫމު ބޭކަލަކީ ހަމައެކަނި މާތް ނަބިއްޔާ ﷺ އެވެ. ނަމަވެސް ޝިޔަޢީންގެ ގާތުގައި މަޢުޞޫމުންގެ ދަރަޖަ ދެވިގެންވަނީ އެބައިމީހުންގެ ބާރަ އިމާމުންނަށެވެ. އަހުލުއް ސުންނާގެ އަހުލުވެރިން މާތް ނަބިއްޔާ ﷺ ގެ ސުންނަތާއި މެދު ޢަމަލުކުރާ ބީދައިން، އަދި ކިއެއްތަ އެއަށްވުރެ މަތީ ދަރަޖައެއް ޝިޔަޢީން އެބައިމީހުންގެ ބާރަ އިމާމުންގެ ސުންނަތަށް ދެއެވެ. މިގޮތުން ބަލާއިރު ބާރަ އިމާމުންގެ ބަހަކީ ކީރިތި ޤުރުއާނާއި އެއްހަމައިގެ ބަސްތަކެއްކަމަށް ޝިޔަޢީން އިޢުތިޤާދުކުރެއެވެ.
ޝިޔަޢީން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންގެ ބާރަ އިމާމުންނަކީ ވަޙީއާއި އިލްހާމު ބާއްވައިލެއްވޭ ބައެކެވެ. އަދި މަލާއިކަތް ބޭކަލުންވެސް އެއިމާމުންނާއި މުޚާތަބުކުރައްވައެވެ. އަދި އިމާމުން ކޮންމެ ހުކުރު ދުވަހަކު ﷲ ތަޢާލާގެ ޢަރުޝިކޮޅުގެ ދަށަށް ގޮސް ﷲ ތަޢާލާގެ ޙަޟްރަތުން ސީދާ ޢިލްމުތައް ޙާސިލުކުރާކަމަށްވެސް ޝިޔަޢީން ޤަބޫލުކުރެއެވެ.
އެހެންކަމުން އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން ސުންނަތް މާނަ ކުރާ ގޮތާއި ޝިޔަޢީން މާނަ ކުރާގޮތް ވަރަށް ތަފާތެވެ. އަހުލުއްސުންނާގެ އަހުލުވެރިން މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ޤަދަރުކޮށް މަތިވެރިކުރާއިރު، ޝިޔަޢީންގެ ގާތުގައި މަތިވެރިކަން ދެވެނީ އެބައިމީހުންގެ އިމާމުންގެ ސުންނަތަށެވެ. އެޔަށް ކީރިތި ޤުރުއާނަށްވުރެ މަތީ ދަރަޖައެއް ޝިޔަޢީން ދެއެވެ([1]).
([1]) المصدر: أصول مذهب الشيعة الإمامية الإثني عشرية – ناصر القفاري