[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 16

4.      إسرافيل عليه السلام

އިސްރާފީލް عليه السلام ގެ ވާހަކަ ކީރިތި ޤުރްއާނުގައި ޛިކުރުކުރައްވާފައި ނުވި ނަމަވެސް، ކީރިތި ރަސޫލާ صلى الله عليه  وسلمގެ ސުންނަތުން، އެކަލޭގެފާނުގެ ވާހަކަވަނީ ޘާބިތުވެގެން އައިސްފައެވެ. އެގޮތުން އުންމުލް މުއުމިނީން ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެފައިވާ، ކީރިތި ރަސޫލާ صلى الله عليه  وسلم ޢާންމުކޮށް ޤިޔާމުއް ލައިލިއަށްފަހު ކުރައްވާ ދުޢާގައި އިސްރާފީލްގެ ނަންފުޅު ޛިކުރުކުރައްވައެވެ. އެދުޢާއަކީ « اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَاوَاتِ وَالأَرْضِ، عَالِمَ الغَيبِ والشَّهَادَةِ أَنْتَ تَحْكُمُ بَينَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِـمَا اخْتُلِفَ فِيهِ مِن الحَقِّ بِإِذْنِكَ؛ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطَ المُسْتَقِيمٍ »[1]

މާނައަކީ [އޭ ﷲ! ޖިބްރީލާއި މީކާއީލާއި އިސްރާފީލްގެ ވެރި ރައްބެވެ. އިސްވެދިޔަ މިޘާލަކާ ނުލާ އުޑުތަކާއި ބިންތައް ހެއްދެވި އިލާހެވެ. ޣައިބުގައިވާ ކަންތަކާއި ފެންނަކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އިބަ އިލާހުގެ އަޅުތަކުންގެ މެދުގައި އެބައިމީހުން ޚިލާފުވެގެން އުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަ އިލާހެވެ. އިބަ އިލާހުގެ އިޛުނަފުޅާއެކު އެބައިމީހުން އެ ޚިލާފުވި ކަންތަކުގެ ތެރެއިން ޙައްޤުގޮތަށް ހިދާޔަތު ދައްކަވާނދޭވެ. އިބަ އިލާއީ ހަމަކަށަވަރުން އިބައިލާހު އިރާދަކުރައްވައިފި އަޅަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އިލާހެވެ.]

ތާޅަފިލި ފުންމަވާ މަލާއިކަތަކީ އިސްރާފީލް عليه السلام ކަމަށް އަލްއިމާމް ޤުރްޠުބީ رحمه الله، އެކަލޭގެފާނުގެ ތަފްސީރުގައި، އިޖްމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 

5.      منكر ونكير عليهما السلام

ނަކީރު އަދި މުންކަރު عليهما السلام، މި ދެ މަލާއިކަތުންނަކީ، ކައްވަޅުގައި ކުރެވޭ ސުވާލުތައް ކުރައްވާ ދެ މަލާއިކަތުންނެވެ. މި ދެ މަލާއިކަތުންގެ ނަންފުޅުވެސް ކީރިތި ޤުރްއާނުގައި ބަޔާންވެފައި ނުވެއެވެ. އެހެންނަމަވެސް ޞައްޙަ ސުންނަތުންވަނީ އެބޭކަލުންގެ ވާހަކަ ޞަރީޙަކޮށް ބަޔާންވެފައެވެ. އެގޮތުން، ތިރްމިޛީ رحمه الله ނެރުއްވާފައިވާ އަންނަނިވި ޙަދީޘް ފާހަގަކޮށްލެވެއެވެ.

އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލާ صلى الله عليه  وسلم ޙަދީޘްކުރެއްވިއެވެ. « إِذَا قُبِرَ المَيِّتُ – أَوْ قَالَ أَحَدُكُمْ – أَتَاهُ مَلَكَانِ أَسْوَدَانِ أَزْرَقَانِ يُقَالُ لِأَحَدِهِمَا الـمُنْكَرُ وَلِلْآخَرِ النَّكِيرُ »[2]

މާނައަކީ [މައްޔިތާ ވަޅުލުމާއެކު (ނުވަތަ ޙަދީޘްކުރެއްވީ ތިޔަބައިމީހުންކުރެ މީހަކު ވަޅުލެވޭ ހިނދު) ކަޅު ނޫކުލައިގެ ދެ މަލާއިކަތުން އޭނާގެ ގާތަށް އަންނާނެއެވެ. އޭގެ ތެރެއިން އެއްބޭކަލަކަށް އަލްމުންކަރު އަދި އަނެއްބޭކަލަކަށް އައްނަކީރު އޭ ކިޔެއެވެ.]


[1] ރަވާހު މުސްލިމް

[2] ރަވާހުއް ތިރްމިޛީ

 

މިލިޔުމުގެ އެހެން ބައިތައް