
ހަތަރުވަނައީ: ރަސޫލުﷲ صلى الله عليه وسلم ގެ ހިދާޔަތު ފިޔަވާ އެހެން ހިދާޔަތެއް އެއީ މާ ފުރިހަމަ ހިދާޔަތެއްކަމުގައި ނުވަތަ އެކަލޭގެފާނުގެ ޙުކުމް ފިޔަވާ އެހެން ޙުކުމެއް އެއީ މާ ރަނގަޅު ޙުކުމެއް ކަމުގައި ޤަބޫލުކޮށްފިމީހާ، މިޘާލަކަށް އެކަލޭގެފާނުގެ ޙުކުމްގެ މައްޗަށް ޠާޣޫތުންގެ ޙުކުމް އިސްކުރާ މީހާއީ ކާފިރެކެވެ.
ފަސްވަނައީ: ރަސޫލުﷲ صلى الله عليه وسلم، އެކަންކަމައިގެން ވަޑައިގެންނެވި އެއްވެސް ކަމަކަށް ރުޅިއަރައްޖެމީހާ (ނުރުހިއްޖެމީހާ)، އެފަދަ ކަމަކަށް އޭނާ ޢަމަލުކުރި ކަމުގައިވިޔަސް، ކާފިރުވެއްޖެއެވެ.
ހަވަނައީ: ﷲ ދީނުގެ އެއްވެސް ކަމަކަށް ނުވަތަ އެދީނަށް ޢަމަލުކުރުމުން ލިބޭ ޘަވާބަށް، ނުވަތަ ޢަމަލު ނުކުރުމުން ލިބޭ ޢަޛާބަށް، ފުރައްސާރަކޮށްފި މީހާ ކާފިރުވެއްޖެއެވެ. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ.
﴿قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ [٦٥] لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ﴾ [التوبة 65-66]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކޮށް ފުރައްސާރަކޮށް އުޅުނީ ﷲ އަށާއި، އެއިލާހުގެ އާޔަތަށާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ބަހަނާ ނުދައްކާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން، އީމާންވުމަށް ފަހު، ތިޔަވަނީ ކާފިރުވެފައެވެ.”
ހަތްވަނައީ: ސިޙުރު ހެދުން – އޭގެ ތެރޭގައި ވަރިތޮޅި އަދި އިސްތިރި ހިމެނެއެވެ. [1] ފަހެ، އެފަދަ ކަމެއް ކޮށްފިމީހަކު، ނުވަތަ އެފަދަކަމަކަށް ރުހިއްޖެ މީހަކު ކާފިރުވެއްޖެއެވެ. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ.
﴿وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ﴾ [البقرة 102]
މާނައީ: “ތިމަންބޭކަލުން މި އުނގަންނައިދޭ ތަކެއްޗަކީ (އެބަހީ: ސިޙުރަކީ) އިމްތިޙާނެކޭ (މިތަކެތި ދަސްކޮށްގެން) ތިބާ ކާފިރުނުވާށޭ، މިހެން ވިދާޅުވެފައިމެނުވީ އެއްވެސް މީހަކަށް އެ ދެ ބޭކަލުން އުނގަންނަވައިދެއްވާކަމުގައި ނުވެއެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ދީނުގެ ޙުކުމްތަކާ ފުށުއަރާ ގޮތަށް އިންސާނުން ހަދާފައިވާ ޤާނޫނުތަކާއި އެކިއެކި ނަޒރިއްޔާތުތަކަކީ ﷲއާއި ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ޙުކުމްތަކަށް ވުރެ މާ މޮޅު އަދި މާ ރަނގަޅު އެއްޗެހި ކަމަށް ދެކުމަކީ ކުފުރުގެ ޢަމަލެކެވެ. އެހެނީ އެފަދަ މީހަކު ޝަހާދަތުގެ ދެކަލިމަ ނިޔާ ކުރާ ކަންތައްތަކަށް ޢަމަލެއް ނުކުރެއެވެ. އަދި އެފަދަ މީހަކު އެކުރަނީ އެ ކަލިމަ ނަފީވާފަދަ ކަންތައްތަކެވެ.
* ދީނުން ބޭރުވާ ފަސްވަނަ ކަންތަކުގެ މިޘާލަކީ: ނަމާދަށް ނުރުހުމެވެ. އެއީ އެމީހަކީ ނަމާދުކުރާ މީހަކަށް ވިޔަސްމެއެވެ. އަދި ރާ ޙަރާމްކުރައްވާފައިވާތީ އެމަނާ ނުރުހުމެވެ. އެއީ ރާ ނުބޯ މީހަކަށް ވިޔަސްމެއެވެ. އަދި އެ ނޫނަސް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ބަސްފުޅަކަށް ނުވަތަ ޢަމަލުފުޅަކަށް ނުރުހުންތެރިވުމެވެ.
* ދީނުން ބޭރުވާ ހަވަނަ ކަންތަކުގެ މިޘާލަކީ: ޤުރުއާނަށް ނުވަތަ ރަސޫލާ صلى الله عليه وسلم އަށް ނުވަތަ ދީނުގެ ބައެއް ޝިޢާރުތަކަށް ފުރައްސާރަކުރުމެވެ. އެގޮތުން ނަމާދާއި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާއި ރިބާ ކެއުން ދޫކޮށްލުމާ މިފަދަ ކަންކަމަކަށެވެ. މިފަދަ ކަންތައް މަޖަލަކަށް ކުރާ މީހާކާއި ޤަޞްދުގައި (‘ސީރިއަސް’ ކޮށް) ކުރާ މީހަކާ ޙުކުމުގައި ތަފާތެއް ނުވެއެވެ.
* ސިޙުރުވެރިން ދީނުން ބޭރުވާނެއެވެ. އެއީ އެބައިމީހުން ކުފުރުގެ ޢަމަލުތައްކޮށްގެން ޝައިޠާނުންނާ ކުއްތަންވެ ޝައިޠާނުންގެ ކިބައިން ވާގި ހޯދާތީއެވެ.
ސުވާލުތައް
1- ނަބިއްޔާ صلى الله عليه وسلم ދެއްކެވި މަގަށް ވުރެ އެމީހަކު ދެކޭ ގޮތް މާ ފުރިހަމަކަމަށް ދެކޭ މީހެއްގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
2- ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ ޙުކުމަށް ވުރެ ޠާޣޫތުންގެ ޙުކުމްތައް މާ މޮޅުކަމަށް ދެކި އެ ޚިޔާރުކޮށްފި މީހެއްގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
3- މަޖަލަކަށް ވިޔަސް ދީނުގެ ކަމަކަށް ފުރައްސާރަކޮށް ހަޖޫޖަހައިފި މީހެއްގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.
4- ސިޙުރު ހެދުމުން ކާފިރުވަނީ ކީއްވެ ހެއްޔެވެ؟
5- ބައްޔެއް ޖެހުމުން ސިޙުރުވެރިންގެ ގާތަށް ގޮސް ފަރުވާ ހޯދިދާނެ ހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟
= ނުނިމޭ =
[1] ވަރިތޮޅިއަކީ: ދެމަފިރިން ދުރުކުރުމަށް ހަދާ ސިޙުރެވެ. އިސްތިރިއަކީ: ދެމީހުން ލޯބިކުރުވުމަށް ހަދާ ސިޙުރެވެ.