ޗާޕުކޮށްފައިވާ މުސްނަދުގައިވާ ޙަދީޘްތައް ބަހާލާފައިވާ ބައިތައް:
الشيخ أحمد بن عبد الرحمن الساعاتى ވިދާޅުވިއެވެ.
“މުސްނަދުގައިވާ ޙަދީޘްތައް ދިރާސާކުރުމުން ތިމަންނާއަށް އެނގިގެން ދިޔައީ އޭގައިވާ ޙަދީޘްތައް 6 ބަޔަކަށް ބެހިގެންވާކަމެވެ.
ފުރަތަމައީ: عبد الله بن أحمد އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން އަޑުއައްސަވާފައި ރިވާކޮށްފައިވާ ޙަދީޘްތަކެވެ. މުސްނަދުލް އިމާމު އަޙްމަދު ކިޔަނީ އެ ފޮތަށެވެ. އެއީ ވަރަށް ބޮޑު ފޮތެކެވެ. އެ ފޮތުގެ ހަތަރުބައި ކުޅަ އެއްބައިގައިވަނީ އެޔެވެ.
ދެވަނައީ: عبد الله بن أحمد އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންނާ އަދި އެހެން ބޭކަލުންގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ. އެއީ ވަރަށް މަދު ޙަދީޘެކެވެ.
ތިންވަނައީ: عبد الله بن أحمد އެކަލޭގެފާނުގެ ބައްޕާފުޅު ނޫން އެހެން ބޭކަލުންގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ. އެއީ މުޙައްދިޘުން އެ ފޮތަށް زوائد عبد الله ގެ ނަމުން ނަންދެއްވާފައިވާ ބަޔެވެ. ފުރަތަމަ ބައިގައިވާ ޙަދީޘްތައް ފިޔަވާ ދެން އެންމެ ޙަދީޘް ގިނައީ މި ބައިގައެވެ.
ހަތަރުވަނައީ: عبد الله بن أحمد އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން އަޑުއަހާފައި ނުވާ އެހެނަސް އެކަލޭގެފާނުގެ އަރިހުގައި އިންނަވައިގެން ކިޔުއްވި ޙަދީޘްތަކެވެ. އެއީ ވަރަށް މަދު މިންވަރެކެވެ.
ފަސްވަނައީ: عبد الله بن أحمد އަށް، އެކަލޭގެފާނުގެ ބައްޕާފުޅުގެ ފޮތުގައި ބައްޕާފުޅުގެ އަތުލިޔުމުން ލިޔުއްވާފައިވާތީ ފެނިވަޑައިގެން ޙަދީޘްތަކެވެ. އަދި އެއީ ބައްޕާފުޅުގެ އަރިހުން އިވިފައި ނުވާ އަދި ބައްޕާފުޅުގެ އަރިހުގައި އިންނަވައިގެން ކިޔުއްވި ޙަދީޘްތަކެއްވެސް ނޫނެވެ.
ހަވަނައީ: الحافظ أبو بكر القطيعي، عبد الله بن أحمد އާއި އިމާމު އަޙްމަދު ނޫން ބޭކަލުންގެ އަރިހުން ރިވާކުރެއްވި ޙަދީޘްތަކެވެ. އެއީ މި ފޮތުގައި އެންމެ މަދު ޙަދީޘްތަކެވެ.” [1]
الشيخ الساعاتى ވިދާޅުވެފައިވަނީ މި ފަހު ބައިގައި ވަނީ 11 ޙަދީޘްކަމުގައެވެ. އެހެނަސް ޝައިޚް ނާޞިރުއްދީން އަލްއަލްބާނީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “الذب الأحمد” ގައި މިއަށް ރައްދުދެއްވައި ވިދާޅުވެފައިވަނީ، އެ ހުރިހާ ޙަދީޘެއް ބަލާ ދިރާސާކުރުމުން އެނގިގެން ދިޔައީ زوائد عبد الله ގައި އެ ޙަދީޘްތައްވާ ކަމެވެ. އަދި އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޚުދު އިމާމު އަޙްމަދު ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ. އަދި ވިދާޅުވެފައިވަނީ މުސްނަދު އަޙްމަދުގައި القطيعي އިތުރަށް ގެންނަވާފައިވާ ޙަދީޘްތަކެއް ނުވާ ކަމުގައެވެ.
= ނުނިމޭ =
[1] أحمد بن عبد الرحمن الساعاتي: الفتح الرباني (1 / 8) .