[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 17

6.      هاروت وماروت عليهما السلام

ހާރޫތާއި މާރޫތު عليهما السلام އަކީ ދެ މަލާއިކަތުންކަމާ މެދުގައި ވަނީ ޚިލާފު އުފެދިފައެވެ.

ހާރޫތާއި މާރޫތުގެ ވާހަކަ ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ﴾ البقرة: ١٠٢

މާނައަކީ [އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔވައި އުޅުނު ތަކެއްޗަށް އެއުރެން ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެ ވަޑައިނުގަންނަވައެވެ. އެހެނެއްކަމަކު އެ ޝައިޠާނުންތައް ކާފަރުވިއެވެ. އެއުރެން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރޫތާއި މާރޫތާއި ދެ ބޭކަލުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެއުރެން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރިކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރު ނުވާށޭ ވިދާޅުވެފައި (ނަޞޭޙަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ.]

މި އާޔަތުގައި ބަޔާންވެގެންވާ ހާރޫތާއި މާރޫތާއި ބެހޭގޮތުން ޢިލްމުވެރިންގެ ބަސްފުޅުތައް ހުރީ އަންނަނިވި ގޮތަށެވެ.

ފުރަތަމަ ބަސް: އެއީ ދެ މަލާއިކަތުންނެވެ.

ދެވަނަ ބަސް: އެއީ އެ ދުވަސްވަރު ވެރިކަން ކުރި ދެ ވެރިންނެވެ.

ތިންވަނަ ބަސް: އެއީ ބާބިލްއޭ ކިޔުނު ރަށުގައި އުޅުނު ދެ ސިޙުރުވެރިންނެވެ.

ހަތަރުވަނަ ބަސް: އެއީ ވަރަށް ޞާލިޙު ދެ ބޭކަލެކެވެ. އެ ދެބޭކަލުންގެ ޞާލިޙުކަމާއި އަޅުވެރިކަމުގެ ސަބަބުން މަލާއިކަތުންނާއި އެއްފަދަ ކުރެވުނެވެ.

އިބްނު ޖަރީރު އައްޠަބަރީ رحمه الله ރާޖިހު ކުރައްވާފައިވަނީ އެއީ ދެމަލާއިކަތުން ކަމުގައެވެ. އެދެބޭކަލުން ފޮނުއްނުވީ ﷲ ގެ އިޛުނަ ފުޅާއެކު މީސްތަކުން އިމްތިޙާނުކުރެއްވުމަށްޓަކައެވެ. އަދި މީސްތަކުންނަށް އިންޛާރުދެއްވާފައި މެނުވީ އެބޭކަލުން އެކަން ކުރައްވާފައި ނުވެއެވެ.

 

7.      عزرائيل

ޢިޒްރާއީލް އަކީ މަލަކުލް މައުތުކަމަށް މީސްތަކުގެ މެދުގައި މަޝްހޫރުވެފައި ވެއެވެ. ނަމަވެސް ޙަޤީޤަތަކީ މި ނަން، ކީރިތި ޤުރްއާނުގައިވެސް އަދި ނަބިއްޔާ صلى الله عليه  وسلمގެ ސުންނަތުންވެސް ޘާބިތުވެފައި ނެތްކަމެވެ. ކީރިތި ޤުރްއާނާއި ސުންނަތް ފިޔަވާ ދެން އެހެން މަގުތަކުން ވާރިދުވެފައި ވީނަމަވެސް އެއީ ޙުއްޖަތެއް ކަމުގައި ނުފުދޭނެއެވެ.

 

8.      الرعد عليه السلام

ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާގޮތުގައި، އައްރަޢްދު عليه السلامއަކީ އުޑުގައިވާ ވިލާތަކުގެ ކަންކަން ތަދުބީރުކުރައްވާ މަލާއިކަތެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله، ބުރަވެލައްވަނީ މި ބަހަށެވެ. އެކަލޭގެފާނުގެ ދަލީލަކީ ތިރްމިޛީއާއި އެހެންވެސް ބައެއް ބޭކަލުން ރިވާކުރައްވާފައިވާ، މި ބަޔާންކުރާ ރިވާޔަތެވެ.

މާނައަކީ [އައްރަޢްދާއި ބެހޭގޮތުން ސުވާލުވެވުމުން ވިދާޅުވިއެވެ. އެއީ މަލާއިކަތުންގެ ތެރެއިން، ވިލާތަކުގެ ކަންކަމާއި ހަވާލުކުރެވިފައިވާ މަލާއިކަތެވެ.] [1]


[1] ރަވާހުއް ތިރްމިޛީ ، އައްސިލްސިލާ އައްޞަޙީޙާ ލިލް އަލްބާނީ (1872).

 

މިލިޔުމުގެ އެހެން ބައިތައް