މަލާއިކަތުންގެ ވަޡީފާ
ﷲ ތަޢާލާ އަކީ އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގަންނަވާ އިލާހެއް ނޫނެވެ. ކަންކަން ތަދުބީރު ކުރެއްވުމަށްޓަކައި އެއިލާހުގެ މަލާއިތުން ހަރަކާތްތެރިވެ ވަޑައިގަންނެންނެވުމަށް އެއިލާހުވަނީ އިރާދަކުރައްވާފައެވެ. އެހުރިހާ ކަމަކީވެސް ﷲ ތަޢާލާއަށް ނުހަނު ފަސޭހަ ކަންތައްތަކެކެވެ.
މަލާއިކަތުންގެ މަސައްކަތްޕުޅުތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. ފުރަތަމަ ބަޔަކީ ކައުނުގެ ޢާންމު ކަންކަމާއި ގުޅުންހުރި ކަންކަން ކުރެއްވުމެވެ. މިކަންކަމާއި ހަވާލުކުރައްވާފައިވާ ބޭކަލުން އުޑުތަކާއި ބިމާއި އެ ދެމުދުގައިވާ ތަންތަނުގެ މަސައްކަތްޕުޅުތައް ކުރައްވައެވެ.
ދެވަނަބަޔަކީ އާދަމުގެ ދަރީންގެ ކަންކަމާއި ގުޅުންހުރި ޚާއްޞަ ކަންކަމެވެ. މިކަމަށް ޢައްޔަންކުރައްވާފައިވާ ބޭކަލުން ކުރައްވާކަމަކީ އިންސާނުންގެ ގާތަށް ވަޑައިގަތުމާއި، އެބައިމީހުންގެ މަރު ހިތްޕެވުމާއި، އެބައިމީހުން ރައްކާތެރިކުރުން ފަދަ، އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުކުރުމެވެ.
ކައުނުގެ ކަންކަމާއި ގުޅުންހުރި މަސައްކަތްޕުޅުތައް ކުރެއްވުން:
އުޑާއި ބިމާއި އެ ދެމެދުގައިވާ ތަންތަނުގެ ކަންކަން ކުރެއްވުމަށް ﷲ ތަޢާލާ ވަނީ މަލާއިކަތުންނަށް ހަވާލުކުރައްވާފައެވެ.
ޢަރުޝިކޮޅު އުފެއްލުވުން؛
ﷲ ތަޢާލާގެ އަރުޝިކޮޅު އުފުއްލެވުމަށް މަލާއިކަތުން ތިއްބަވައެވެ. އެކަން ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ. ﴿الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ﴾ غافر: ٧ މާނައަކީ [ޢަރުޝިކޮޅު އުފުލައްވާ މަލާއިކަތުންނާއި، އޭގެ ވަށައިގެންވާ މަލާއިކަތުން އެއުރެންގެ ވެރިއިލާހަށް ޙަމްދާއިއެކު ތަސްބީޙަ ދަންނަވައެވެ.]
އަރުޝިކޮޅު އުފައްލަވަން ތިއްބަވާ ބޭކަލުންގެ ޢަދަދާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. އެބޭކަލުންގެ ޢަދަދަކީ 08 (އަށެއް) ކަމަށް ބައެއް ބޭކަލުން ވިދާޅުވެއެވެ. އެބޭކަލުންގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ. ﴿وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ﴾ الحاقة: ١٧ މާނައަކީ [އަދި މަލާއިކަތުން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެއެވެ. އެ ދުވަހުން ކަލޭގެފާނުގެ ވެރިއިލާހުގެ އަރުޝިކޮޅު، އެއުރެންގެ މަތީގައި އުފުއްލަވާނެއެވެ. އަށް މަލާއިކަތުންނެވެ.]