ސުވަރުގޭގެ ބަނޑޭރިކަން؛
ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގައިވާ ފަދައިން ސުވަރުގޭގެ ދޮރުކޮޅު ދޮށުގައި އެތަނަށް ޚާއްޞަކުރެވިފައިވާ މަލާއިކަތުން ތިއްބަވާނެއެވެ. އެކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ﴾ الزمر: ٧٣ މާނައަކީ [އަދި އެއުރެންގެ ރައްބަށް ތަޤުވާވެރިވި މީހުން، ބައިބަޔަށް ސުވަރުގެއާ ދިމާއަށް (މާތްކޮށް ހިތުމާއިއެކު) ލަވައި ގެންދަވާނެއެވެ. އަދި އެ ސުވަރުގޭގެ ކައިރިއަށް، އެއުރެންނަށް އާދެވޭ ހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެއެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމި ތިބެނިވި ގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާނެއެވެ.]
ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށް ދާ ހިނދު އެތަނުގެ ދޮރުކޮޅު ދޮށުގައި ހުންނަވާ މަލާއިކަތާ އެ މީހުންގެ އިސްތިޤުބާލުގައި ހުންނަވާނެއެވެ. އެބޭކަލަކު އެންމެ ފުރަތަމަ ދޮރުކޮޅު ހުޅުއްވައިދެއްވާނީ މި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم ވެންނެވުމަށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. « آتِي بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتفْتِحُ، فَيَقُولُ الْخَازِنُ: مَنْ أَنْتَ؟ فَأَقُولُ: مُحَمَّدٌ، فَيَقُولُ: بِكَ أُمِرْتُ لَا أَفْتَحُ لِأَحَدٍ قَبْلَكَ »[1] މާނައަކީ [ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނު ސުވަރުގޭގެ ދޮރުކޮޅު ދޮށަށް ވަޑައިގެން ހުޅުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ހުށީމެވެ. ފަހެ އެތަނުގެ ބަނޑޭރި ވިދާޅުވާނެއެވެ. ތިޔައީ ކޮން ބޭކަލެއްތޯއެވެ؟ ދެން މުޙައްމަދުގެފާނުކަމަށް ތިމަންކަލޭގެފާނު ވިދާޅުވާހުށީމެވެ. އެބޭކަލަކު ވިދާޅުވާނެއެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެން ވަނީ ކަލޭގެފާނުގެ ކުރިން އެހެން އެއްވެސް ބޭކަލަކަށް ނުހުޅުވުމަށެވެ.]
[1] ރަވާހު މުސްލިމް