އިންސާނާގެ ކަންކަން ތަދުބީރުކުރުން؛
އިބްނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެންވާ، މަޝްހޫރު ޙަދީޘްފުޅެއްގައި ވެއެވެ. « إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ. ثُمَّ يُرْسَلُ إِلَيهِ المَلَكُ، فَيَنفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأجَلِهِ، وَعِمَلِهِ، وَشَقِيٌّ أَمْ سَعِيدٌ »[1]
މާނައަކީ [ހަމަކަށަވަރުން ތިޔަބައިމީހުންކުރެ (ކޮންމެ) މީހާކު، އޭނާގެ މަންމަގެ ބަނޑުގައި (ރަޙިމުގައި) ސާޅީސް ދުވަސް ވަންދެން (މަނިތިއްކެއްގެ ގޮތުގައި) އޭނާގެ ޚަލްޤު އެކުލެވިގެންދެއެވެ. އެއަށްފަހު ގަނޑު ލޭކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަސްކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަލާއިކަތަކު ފޮނުއްވޭނެއެވެ. އަދި އޭގައި ފުރާނަ އަޅުއްވާނެއެވެ. އަދި އެ މަލާއިކަތާއަށް ހަތަރުކަމެއް (ލިޔުއްވުމަށް) އަމުރުކުރެއްވޭނެއެވެ. އެއީ އޭނާގެ ރިޒްޤާއި އަޖަލާއި ޢަމަލާއި އަބާއްޖަވެރިއަކު ކަމުގައި ވުމަށް ނުވަތަ ބާއްޖަވެރިއަކު ކަމުގައި ވުމަށެވެ.]
އިންސާނާގެ ފުރާނަ ހިއްޕެވުން؛
އިންސާނާގެ އަޖަލު ހަމަވާ ހިނދު، ﷲ ތަޢާލާގެ އިޛުނަފުޅާއެކު އޭނާގެ ފުރާނަ ހިތްޕެވުމަށް މަލާއިކަތަކު އޭނާގެ ގާތަށް ވަޑައިގަންނާވާކަން، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ޠާހިރު ސުންނަތުން ޘާބިތުވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ﴾ السجدة: ١١ މާނައަކީ [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން ޙަވާލުކުރައްވާފައިވާ މަލަކުލް މައުތު ތިޔަބައިމީހުންގެ މަރު ހިއްޕަވާނެއެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީމެވެ. ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތަށެވެ.]
﴿وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ﴾ الأنعام: ٦١ މާނައަކީ [އަދި އެއިލާހުއީ، އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރައްވާ މަލާއިކަތުން ފޮނުއްވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންއިލާހު ފޮނުއްވާ މަލާއިކަތުން އެމީހެއްގެ ފުރާނަ ހިއްޕަވައެވެ. އެބޭކަލުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެއެވެ.]
އިންސާނާގެ ފުރާނަ ހިތްޕަވަނީ މަލަކުލް މައުތު عليه السلام އެވެ. ނަމަވެސް އިންސާނާ މަރުވާ ވަޤުތު މަލާއިކަތުންގެ ޖަމާޢަތެއް ވަޑައިގަންނަވައެވެ. އެކަމުގެ ދަލީލަކީ އިސްވެ ދިޔަ އާޔަތެވެ.
[1] ރަވާހުލް ބުޚާރީ އަދި މުސްލިމް