[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރުޢައުނުގެ އަނބިކަނބަލުން: އާސިޔަތު ބިންތު މުޒާޙިމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފިރުޢައުނުގެ އަނބިކަނބަލުން، އާސިޔަތު ބިންތު މުޒާޙިމަކީ ޞާލިޙު ބޭކަނބަލެކެވެ. އެކަމަނާއާ ބެހޭ ގޮތުން މާ ގިނަ މަޢުލޫމާތެއް އެނގޭކަށް ނެތެވެ. ވަރަށް މަދު ނައްޞުތަކެއްގައި މެނުވީ އެކަމަނާގެ ވާހަކަ އައިސްފައި ނުވެއެވެ. ތަފްޞީލުކޮށް އައިސްފައިވާ ކޮންމެ ވާހަކައެއްވެސް އައިސްފައިވަނީ އިސްރާއީލީ ރިވާޔަތްތަކުގައެވެ. އެ ފަދައިން އެކަމަނާއާ ބެހޭ ގޮތުން އައިސްފައިވާ ވާހަކަތައް ޞައްޙަ ނައްޞުން ޘާބިތުވެފައެއް ނެތެވެ.

 

އެކަމަނާއާ ބެހޭ ގޮތުން ވާރިދުވެފައިވާ ޞައްޙަ ބައެއް ނައްޞުތައް

 

  1. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ﴾ [سورة التحريم  ‎١١]

މާނައީ: “އަދި ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިސާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ރައްބެވެ! ތިމަންއަޅާއަށް އިބައިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!”

 

  1. އަބޫ މޫސާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«كَمَلَ مِنَ الرِّجَالِ كَثِيرٌ، وَلَمْ يَكْمُلْ مِنَ النِّسَاءِ: إِلَّا آسِيَةُ امْرَأَةُ فِرْعَوْنَ، وَمَرْيَمُ بِنْتُ عِمْرَانَ، وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ». [رواه البخاري (3411) ومسلم (70 – (2431))، واللفظ للبخاري]

މާނައީ: “ފިރިހެނުންގެ ތެރެއިން ފުރިހަމަވެގެންވާ މީހުން ގިނައެވެ. އަދި އަންހެނުންގެ ތެރެއިން، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާއާއި މަރްޔަމް ބިންތު ޢިމްރާން ފިޔަވައި ފުރިހަމަވެގެންވާ މީހަކު ނުވެއެވެ. އަދި އަންހެނުންގެ މައްޗަށް ޢާއިޝަތުގެފާނު މަތިވެރިވެގެންވަނީ، އެހެން ހުރިހާ ކާތަކެތީގެ މައްޗަށް ޘަރީދު (ޢަރަބީންގެ ކެއުމެއް) މަތިވެރިވެގެންވާ ފަދައިންނެވެ.”

 

  1. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

خَطَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ أَرْبَعَةَ خُطُوطٍ، قَالَ: «تَدْرُونَ مَا هَذَا؟» فَقَالُوا: اللهُ وَرَسُولُهُ أَعْلَمُ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَفْضَلُ نِسَاءِ أَهْلِ الْجَنَّةِ: خَدِيجَةُ بِنْتُ خُوَيْلِدٍ، وَفَاطِمَةُ بِنْتُ مُحَمَّدٍ، وَآسِيَةُ بِنْتُ مُزَاحِمٍ امْرَأَةُ فِرْعَوْنَ، وَمَرْيَمُ ابْنَةُ عِمْرَانَ». [رواه أحمد (2668) وصححه الألباني في سلسلة الأحاديث الصحيحة (1508)]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ބިންމަތީގައި ހަތަރު ރޮނގު ކުރައްސަވާފައި ޙަދީޘްކުރެއްވިއެވެ. “މިއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟” ފަހެ، (ޞަޙާބީން) ދެންނެވިއެވެ. “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއެވެ.” ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މާތް އަންހެން ކަނބަލުންނަކީ ޚަދީޖަތު ބިންތު ޚުވައިލިދާއި، ފާޠިމަތު ބިންތު މުޙައްމަދާއި، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތު މުޒާޙިމް އަދި މަރްޔަމް ބިންތު ޢިމްރާނެވެ.”

 

  1. އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«حَسْبُكَ مِنْ نِسَاءِ العَالَمِينَ: مَرْيَمُ ابْنَةُ عِمْرَانَ، وَخَدِيجَةُ بِنْتُ خُوَيْلِدٍ، وَفَاطِمَةُ بِنْتُ مُحَمَّدٍ وَآسِيَةُ امْرَأَةُ فِرْعَوْنَ». [رواه الترمذي (3878) وصححه الألباني في مشكاة المصابيح (6190)]

މާނައީ: “ޢާލަމުގައިވާ އެންމެހާ އަންހެނުންގެ ތެރެއިން، މަރްޔަމް ބިންތު ޢިމްރާނާއި، ޚަދީޖަތު ބިންތު ޚުވައިލިދާއި، ފާޠިމަތު ބިންތު މުޙައްމަދު އަދި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާ (ފުރިހަމަކަމުގައި) ފުދިގެންވެއެވެ.”

 

  1. އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ.

“وَمِنْ فَضَائِلِ آسِيَةَ امْرَأَةِ فِرْعَوْنَ أَنَّهَا اخْتَارَتِ الْقَتْلَ عَلَى الْمُلْكِ وَالْعَذَابَ فِي الدُّنْيَا عَلَى النَّعِيمِ الَّذِي كَانَتْ فِيهِ وَكَانَتْ فِرَاسَتُهَا فِي مُوسَى عَلَيْهِ السَّلَامُ صَادِقَةً حِينَ قَالَتْ قُرَّةُ عَيْنٍ لِي”. [فتح الباري (6 / 448)]

މާނައީ: “ފިރުޢައުނުގެ އަނބިކަނބަލުން، އާސިޔާގެ މާތްކަމުގެ ތެރޭގައި: ވެރިކަން ދޫކޮށްލާފައި ޤަތުލުވުން ޚިޔާރުކުރުން ހިމެނެއެވެ. އަދި އެކަމަނާ ހުންނެވި ނިޢުމަތްތައް ދޫކޮށްލާފައި ދުނިޔަވީ ޢުޤޫބާތް ޚިޔާރުކުރުން ހިމެނެއެވެ. އަދި މޫސާގެފާނާ މެދު އެކަމަނާއަށް ހީފުޅުވި ހީފުޅުވުން ތެދުވެގެން ދިޔައެވެ. އެއީ ‘ތިމަންގެ ލޮލުގެ ފިނިމަކޭ’ ވިދާޅުވި ހިނދުގައެވެ.”

______________________

މަޞްދަރު