[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިޔަޢީންގެ ޙަޤީޤަތް (10)

ޝިޔަޢީން އިސްލާމީ ޝަރީޢަތުގެ މަޞްދަރެއް ކަމުގައިވާ އިޖުމާޢާއި މެދު ޤަބޫލުކުރާ ޢަޤީދާ

 

އިޖުމާޢަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން ތިންވަނަ މަޞްދަރެވެ. އެއީ ކީރިތި ޤުރުއާނާއި ސުންނަތަށް ފަހުގައި ޝަރުޢީ ޙުކުމްތައް ނެރުމުގެ ތިންވަނަ އަސްލެވެ. މާތް ޞަޙާބީންނާއި އުންމަތުގެ ސަލަފުންގެ އިޖުމާޢަކީ އިސްލާމީ ޝަރީޢަތުގެ ވަރުގަދަ ޙުއްޖަތެކެވެ. އެހެންކަމުން އިޖުމާޢު ވެފައިވަނީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ ދަލީލަކަށެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ވިދާޅުވެފައިވެއެވެ: “ފަހެ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތާއި އިޖުމާޢުގެ މައްޗަށް ވާހަކަދައްކާ މީހަކީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ މީހެކެވެ[1].”

ނަމަވެސް ޝިޔަޢީންގެ ގާތުގައި އުންމަތުގެ އިޖުމާޢަކީ މަޤްބޫލު އެއްޗެއް ނޫނެވެ. މިގޮތުން ޞަޙާބީންނާއި އުންމަތުގެ ދަންނަބޭކަލުންގެ އިޖުމާޢަކީ ޝިޔަޢީން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. ޝިޔަޢީންގެ ގާތުގައި އަބަދުވެސް އެންމެ ވަރުގަދަ ޙުއްޖަތަކީ އެބައިމީހުންގެ އިމާމުންގެ ބަހެވެ.

ޝިޔަޢީ ބާތިލު މަޛްހަބުގެ ބައެއް މަޞްދަރުތަކަށް ބަލާލައިފިނަމަ އެފޮތްތަކުން އިޖުމާޢުގެ ވާހަކަ ފެނިދާނެއެވެ. ނަމަވެސް އެއީ އިޖުމާޢު އޭގެ ޒާތުގައި ޙުއްޖަތަކަށްވެގެން ދައްކާ ވާހަކައެއް ނޫނެވެ. މިފަދައިން އިޖުމާޢުގެ ޒިކުރު އެމީހުން ކޮށްލަނީ އެއިޖުމާޢާއި އެމީހުންގެ އިމާމަކު އެއްބަސްވާ ޙާލަތުގައެވެ. މުޅި އުންމަތުގެ ހުރިހާ ދަންނަބޭކަލުން ކަމަކާއި އިއްތިފާޤުވެ، ޝިޔަޢީންގެ އިމާމަކު އެކަމާއި ޚިލާފުވެއްޖެނަމަ އެއީ އިޖުމާޢެއްކަމަށް ޝިޔަޢީން ޤަބޫލެއް ނުކުރެއެވެ. އެހެންކަމުން “އިޖުމާޢު” މިލަފްޒަކީ ޝިޔަޢީންގެ ގާތުގައި މާނައެއް ނެތް ލަފްޒެކެވެ. ޝިޔަޢީންގެ ޤަބޫލުކުރާ ގޮތުގައި ނަބިއްޔާ ﷺ ގެ ޒަމާނުގައި އިޖުމާޢުވުން ނުވާ ފަދައިން، އެބައިމީހުންގެ އިމާމުން ތިއްބައި އިޖުމާޢުގެ ޙާޖަތެއް ނުވެއެވެ. އިޖުމާޢަކީ އޭގެ ޒާތުގައި ޙުއްޖަތެއް ނޫންކަމަށް ޝިޔަޢީންގެ ގިނަ ޢިލްމުވެރިންގެ ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ[2].

މީގެ އިތުރަށް އަހުލުއްސުންނާ ވަލްޖަމާޢަތުގެ އިޖުމާޢުތަކާއި ޚިލާފު ރައުޔަށް ތަބާވުމަކީ ޙައްޤުކަމުގައިވެސް ޝިޔަޢީން ދެކެއެވެ.  މިއީ ކޮންފަދަ ބޮޑު މަގުފުރެދުމެއްތޯ! މުއުމިނުންގެ ޞާލިޙުން ތަބާވާ މަގުނޫން މަގެއް ޚިޔާރުކުރާ ބަޔަކީ އަބާއްޖަވެރިންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا}[3]

މާނައީ: “އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާއި ދެކޮޅުވެރިވެ، މޫމިނުންގެ މަގު ނޫން މަގަކަށް ތަބާވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިއާޔަތަކީ އިޖުމާޢަކީ ޙުއްޖަތެއްކަން އަންގައިދޭ އެންމެ ވަރުގަދަ ހެއްކެވެ. މުއުމިނުން އިއްތިފާޤުވެ ތަބާވާ ރައުޔު ދޫކޮށްލާ މީހުންނަށް އޮތީ ﷲ ގެ ގަދަފަދަ ޢަޛާބެވެ[4].


[1] مجموع فتاوى شيخ الإسلام: 3/346

[2] المظفر/ أصول الفقه 3/92، رضا الصدر/ الاجتهاد والتقليد: ص 17

[3]  سورة النساء: 115

[4] المصدر: أصول مذهب الشيعة الإمامية الإثني عشرية – ناصر القفاري