[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 25

ބަރުޒަޚުގެ ޢާލަމުގައި ކުރެވޭ ސުވާލުތައް ކުރެއްވުން؛

 

އިންސާނާ މަރުވުމަށް ފަހުގައި، ބަރުޒަޚުގެ ޢާލަމުގައި ސުވާލުކުރެއްވުމަށްޓަކައި ﷲ ތަޢާލާ ދެ މަލާއިކަތުން ފޮނުއްވައެވެ. އެއީ ނަކީރުއާއި މުންކަރު عليهما السلامއެވެ.

މުއުމިނެއްކަމުގައި ވިޔަސް، މުނާފިޤެއް ނުވަތަ ކާފިރެއްކަމުގައި ވިޔަސް، އެ ދެ މަލާއިކަތުން ވަޑައިގެން އޭނާގެ ރައްބާ، ދީނާ އަދި ނަބިއްޔާއާ ބެހޭގޮތުން ސުވާލުކުރައްވާނެއެވެ.

އެގޮތުން މުއުމިނެއްކަމުގައި ވާނަމަ އެމީހަކު ފުރިހަމައަށް ޖަވާބު ދޭނެކަން ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه  وسلم ޙަދީޘްކުރެއްވިއެވެ.

« وَيَأتِيهِ مَلَكَانِ، فَيُجْلِسَانِهِ فَيَقُولَانِ لَهُ: مَن رَبُّكَ؟ فَيَقُولُ: رَبِّـيَ اللهُ. فَيَقُولَانِ لَهُ: مَا دِينُكَ؟ فَيَقُولُ: دِينِـيَ الإِسْلَامُ. فَيَقُولَانِ لَهُ: مَا هَذَا الرَّجُلُ الَّذِي بُعِثَ فِـيكُمْ؟ قَال: فَيَقُولُ: هُوَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ »[1]

މާނައަކީ [(މުއުމިނު މީހާ ވަޅުލުމުން އޭނާގެ ގާތަށް) ދެ މަލާއިކަތުން ވަޑައިގެން އިށީންނަވާނެއެވެ. އަދި އޭނާއަށް ސުވާލުކުރައްވާނެއެވެ. ތިބާގެ ރައްބަކީ ކޮން ފަރާތެއް ހެއްޔެވެ؟ އޭނާ ބުނާނެއެވެ. ތިމަންނަގެ ރައްބަކީ ﷲއެވެ. ދެން އެބޭކަލުން ސުވާލުކުރައްވާނެއެވެ. ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ އޭނާ ބުނާނެއެވެ. ތިމަންނަގެ ދީނަކީ އިސްލާމު ދީނެވެ. ދެން އެ ބޭކަލުން ސުވާލުކުރައްވާނެއެވެ. ތިބާގެ ގާތަށް ފޮނުއްވުނީ ކޮން ބޭކަލެއް ހެއްޔެވެ؟ އޭނާ ބުނާނެއެވެ. އެއީ ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ އެވެ.]

އަދި އެމީހަކީ ކާފިރެއްކަމުގައި ވާނަމަ އެމީހަކަށް ޖަވާބު ނުދެވޭނެއެވެ. އޭނާގެ ގާތަށް މަލާއިކަތުން ވަޑައިގެން ސުވާލުކުރެއްވުމުން އޭނާ ދޭނެ ޖަވާބުތައް ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه  وسلم ޙަދީޘްކުރެއްވިއެވެ.

« وَيَأتِيهِ مَلَكَانِ، فَيُجْلِسَانِهِ فَيَقُولَانِ لَهُ: مَن رَبُّكَ؟ فَيَقُولُ: هَاهْ هَاهْ، لَا أَدْرِي. فَيَقُولَانِ لَهُ: مَا دِينُكَ؟ فَيَقُولُ: هَاهْ هَاهْ، لَا أَدْرِي. فَيَقُولَانِ لَهُ: مَا هَذَا الرَّجُلُ الَّذِي بُعِثَ فِـيكُمْ؟: فَيَقُولُ: هَاهْ هَاهْ، لَا أَدْرِي »

މާނައަކީ [(ކާފިރު މީހާ ވަޅުލުމުން އޭނާގެ ގާތަށް) ދެ މަލާއިކަތުން ވަޑައިގެން އިށީންނަވާނެއެވެ. އަދި އޭނާއަށް ސުވާލުކުރައްވާނެއެވެ. ތިބާގެ ރައްބަކީ ކޮން ފަރާތެއް ހެއްޔެވެ؟ އޭނާ ބުނާނެއެވެ. ހާހް ހާހް! ތިމަންނައަކަށް ނޭނގެއެވެ. ދެން އެބޭކަލުން ސުވާލުކުރައްވާނެއެވެ. ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ އޭނާ ބުނާނެއެވެ. ހާހް ހާހް! ތިމަންނައަކަށް ނޭނގެއެވެ. ދެން އެބޭކަލުން ސުވާލުކުރައްވާނެއެވެ. ތިބާގެ ގާތަށް ފޮނުއްވުނީ ކޮން ބޭކަލެއް ހެއްޔެވެ؟ އޭނާ ބުނާނެއެވެ. ހާހް ހާހް! ތިމަންނައަކަށް ނޭނގެއެވެ.]

އަހުލުއް ސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާއަކީ ބަރުޒަޚްގެ ޢާލަމަކީ ޙަޤީޤަތެއް ކަމަށް އީމާންވުމެވެ. އަދި އެތަނުގައި ޢަޛާބާއި ނިޢުމަތްތައް ވާކަން ޤަބޫލުކުރުމެވެ. މުއުމިނުންނަށް އެތަނަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަޤީޗާއެކެވެ. އަދި ކާފިރުންނަށް އެތަނަކީ ނަރަކައިގެ އަނދަޅުތަކުގެ ތެރެއިން އަނދަވަޅެކެވެ.

މި ބަޔާންވެގެން ދިޔައީ މަލާއިކަތުން އިންސާނުންގެ ގާތަށް ވަޑައިގެން ކުރައްވާ ބައެއް ކަންކަމެވެ. މިނޫނަސް ތަފާތު ކަންކަމުގައި މަލާއިކަތުން އިންސާނުންގެ ގާތަށް، ﷲ ތަޢާލާގެ އިޛްނަފުޅާއެކު ވަޑައިގަންނަވާކަން ޘާބިތުވެއެވެ. އެގޮތުން ނަބިއްޔާ صلى الله عليه  وسلمއަށް ސަލާމް ރައްދުކުރެއްވުމާއި، ހުކުރު ނަމާދަށް ޙާޟިރުވާ މީހުންގެ ނަންތައް ނޯޓުކުރެއްވުމާ އަދި ޢިލްމީ މަޖިލިސްތަކަށް ޒިޔާރަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.


[1] ރަވާހު އަބީ ދާވޫދު އަދި އަޙްމަދު

 

މިލިޔުމުގެ އެހެން ބައިތައް