މަލާއިކަތުންގެ ޢަދަދު
މަލާއިކަތުންނަކީ ނުހަނު ގިނަ ބަޔެކެވެ. އެބޭކަލުންގެ ޢަދަދު، ހަމައެކަނި ދެނެވޮޑިގެންވަނީ ހުރިހާ ޢިލްމެއް ލިބިވޮޑިގެންވާ ﷲ އެވެ. އެއީ އެބޭކަލުންނާއި އެންމެހާ މަޚުލޫޤުން ޚަލްޤުކުރެއްވި، ކާއިނާތުގެ ވެރި އިލާހެވެ.
އެބޭކަލުންގެ ޢަދަދަކީ މިވެނި ވަރެއްކަމަށް ބުނެ، އުންމަތުގެ ބިދުޢަވެރި ފިރުޤާތަކުގެ އަހުލުވެރިން ވާހާކަ ދައްކާފައިވެއެވެ. ނަމަވެސް ޙައްޤު ބަހަކީ އަހުލުއް ސުންނަތި ވަލްޖަމާޢަތުގެ ބަހެވެ. އެއީ އިސްވެ ބަޔާންކުރެވުނު ބަހެވެ. މިކަމުގެ ދަލީލަކަށް ﷲ ތަޢާލާގެ ބަސްފުޅު ފުދެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ؛
﴿وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا﴾ المدثر: ٣١ މާނައަކީ [އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި ތިމަންއިލާހުގެ މަލާއިކަތުން މެނުވީ ނުލައްވަމެވެ. އަދި ކާފަރުވި މީހުންނަށް އިމްތިޙާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ ޢަދަދު ނުލައްވަމެވެ.]
އެއަށްފަހު ވަޙީކުރެއްވިއެވެ؛
﴿وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ﴾ المدثر: ٣١ މާނައަކީ [އަދި ކަލޭގެފާނުގެ ވެރިއިލާހުގެ ލަޝްކަރުގެ ޢަދަދު، އެއިލާހު މެނުވީ ދެނެވޮޑިގެން ނުވެއެވެ.]
އަދި ކީރިތި ރަސޫލާ صلى الله عليه وسلمގެ އިސްރާއާއި މިއުރާޖުގެ ޙަދީޘްފުޅަށް ބަލާލުމުން އެބޭކަލުންގެ ޢަދަދުގެ ގިނަކަން ޘާބިތުވެގެން ދެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.
« فَرُفِعَ لِي البَيْتُ الـمَعْمُورُ، فَسَأَلْتُ جِبْرِيلَ، فَقَالَ: هَذَا البَيْتُ الـمَعْمُورُ، يُصَلِّي فِيهِ كُلَّ يَوم ٍ سَبْعُونَ أَلْفَ مَلَكٍ، إِذَا خَرَجُوا لَـمْ يَعُودُوا إِلَيهِ آخِرَ مَا عَلَيهِمْ »[1]
މާނައަކީ [ފަހެ ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާނޭ ގޮތަށް ބައިތުލް މަޢުމޫރު އުފުއްލެވުނެވެ. ފަހެ ޖިބްރީލްގެފާނަށް އެތަނާ ބެހޭގޮތުން ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. އެހިނދު ޖިބްރީލްގެފާނު ވިދާޅުވިއެވެ. މިއީ ބައިތުލް މަޢުމޫރެވެ. އެތަނުގައި ކޮންމެ ދުވަހަކު ހަތްދިހަ ހާސް މަލާއިކަތުން ނަމާދުކުރައްވައެވެ. އެތަނުން ނުކުމެވަޑައިގަތުމަށް ފަހު އެބޭކަލަކު ދެން ދުވަހަކުވެސް އެތަނަށް ވަޑައިނުގަންނަވައެވެ.]
ފަހެ، ﷲ ތަޢާލާ އެތަން ޚަލްޤުކުރެއްވި ދުވަހުން ފެށިގެން ޤިޔާމަތާއި ހަމައަށް ކިތަށް ބޭކަލުން އެތަނަށް ވަދެވަޑައިގަންނަވާނެ ތޯއެވެ! ޝައްކެއްވެސް ނެތި ކަށަވަރުވާ ކަމަކީ އެބޭކަލުން ޢަދަދު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެބޭކަލުން ޚަލްޤުކުރެއްވި ފަރާތްކަމެވެ. އެބޭކަލުންގެ ޢަދަދުގެ ގިނަކަން ދޭހަވާ މިފަދަ އެތައް ދަލީލުތަކެއް ވެއެވެ.
******
ނިންމުން
މިހާ ހިސާބުން މި ފޮތުގައި ލިޔުމަށް ގަޞްދުކުރި ހިސާބަށް ލިޔެ ނިމުނީއެވެ. މިކަމުގައި ތައުފީޤު ދެއްވި ކަމަށްޓަކާ ﷲ އަށް ޙަމްދުކުރަމެވެ. ދުޢާއަކީ މި ފޮތް ވިދާޅުވާ ކޮންމެ ބޭފުޅަކަށްވެސް މިފޮތުން މަންފާކޮށް، އަހުލުއް ސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާގައި ޘާބިތުވުމުގެ ތައުފީޤު، ﷲ ތަޢާލާ ދެއްވުމެވެ.
وآخر دعوانا أن الحمد لله رب العالمين، وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين.
[1] ރަވާހުލް ބުޚާރީ