الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ އޮތުމަކީ، މިދުނިޔެ މަތީގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ނިޢުމަތް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ މެދުގައި މި އޮތް އުޚުވަތްތެރިކަމާއި، އެއްބައިވަންތަކަމާއި، އަމާންކަމުގެ ސިއްރަކީ މިއީކަމާމެދު، 24 ގަޑިއިރު ހަމައިގައި ތިބޭ ދެމީހަކު ދެބަހެއް ނުވާނެއެވެ. ރެއާއި ދުވާލު އިސްލާމްދީނުގެ ނޫރު ބިންމަތިން ފޮހެލުމަށް މަސައްކަތްކުރާ ކާފަރުންނާއި، ދެދުނިޔޭގެ ލާބަޔާއި މަންފާ އެދޭކަމަށް ހަމައެކަނި ދުލުކޮޅުން ބުނަމުންދާ މުނާފިޤުންނަށް ކެތްކުރެވޭނެ ކަމަކަށް، މިކަން ނުވާނެކަމީވެސް މެންދުރުގެ އިރުފަދައިން ފާޅުކަންބޮޑު ޙަޤީޤަތެކެވެ.
އެބައިމީހުން ފާރަލަމުން ދިޔަ ފުރުސަތު އެބައިމީހުންނަށް ލިބެންއުޅޭ ފަދަ ޢަލާމާތްތައް އަޅުގަނޑުމެންގެ ރާއްޖެއިން ފެންނަން ފަށައިފިއެވެ. އީމާންކަމުގައި ތެދުވެރިވި މީހުންނާއި ދޮގުވެރިން ފާޅުވާން ފަށައިފިއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އަޅުގަނޑުމެންގެ ކުރިމަތިން ޠަޠުބީޤުވަމުން ދާފަދައެވެ. أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ (٢) وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ (٣) (العنكبوت) “އީމާން ވެއްޖައީމޭ ބުނުމުން، އިމްތިޙާނުކުރެއްވުމަކާއި ނުލައި އެބައިމީހުން ދޫކޮށްލެވޭނޭ ކަމަށް މީސްތަކުން ހީކުޅައީ ހެއްޔެވެ؟ އެއުރެންގެ ކުރީގެ އުންމަތްތަކުގެ މީހުންވެސް ތިމަން އިލާހު އިމްތިޙާނުކުރެއްވީމެވެ. ހަމަކަށަވަރުން އީމާންކަމުގައި ތެދުވެރިވި މީހުން ﷲ ދެނެވޮޑިގެންވެތެވެ. އަދި ދޮގުވެރިންވެސް އެއިލާހު ދެނެވޮޑިގެންވެތެވެ.”
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް އިސްލާމީ ވަޙުދަތު ނަގާލުމަށްޓަކައި ކަމަކަށް ފަހު ކަމެއް ފެންމަތި ކުރުވަމުން ދަނީއެވެ. ފުރިހަމަ އިސްލާމީ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި ކުޑައިރު ދެވޭ އިސްލާމީ ތަޢުލީމަކީ މުހިންމު އެއްޗެއްކަން އެބައިމީހުންވެސް ޤަބޫލުކުރާތީ، އެ މަގު ހަނިކުރެވުނީއެވެ. ދީނީ މަޢުލޫމާތުތައް ފޯރުކޮށް ދިނުމަށް އުނދަގޫތައް ކުރިމަތި ކުރެވުނީއެވެ. މިސްކިތްތަކުގައި ހިންގޭ ޕްރޮގްރާމްތަކަށް ހުރަސް އެޅުނީއެވެ. ވަކި ގޮތަކަށް ނޫނީ އަޅުކަންނުކުރުމަށް އަމުރުކުރެވުނީއެވެ. އެހެންދީންތަކުގެ ‘ކަލާނގެތައް’ އެކިއެކި ނަންނަމުގައި އެތެރެކުރެވުނީއެވެ. އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރެވެނީއެވެ. އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށް ވަކާލާތުކުރެވެނީއެވެ. އަދިވެސް އެތައް އެތައް ކަމެއް ކުރެވެނީއެވެ. ދެވަނަ ފިލިޕީންސަކަށް ރާއްޖެ ހަދަން މަސައްކަތްކުރެވެނީއެވެ. ނަމަވެސް ކުލައިގެ އަޅުންތަކެއް ކަމުގައިވެ، އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން މިވަނީ ޣާފިލުކަމުގެ ނިދިން ނިދާފައެވެ. ހޭލާންވެސް ބޭނުންނުވާފަދައެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ لا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ (٧) أُولَئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ (٨) (يونس) ” ހަމަކަށަވަރުން، ތިމަންއިލާހާއި ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންއިލާހުގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.”
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ދެވަނަ ފިލިޕީންސަކަށް ރާއްޖެ ވިޔަނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމާ ހިނގާށެވެ. އެކަމަށްޓަކައި އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް އިޞްލާޙުކުރުމެވެ. ޣާފިލުކަމުގެ ނިދިން ހޭލުމެވެ. ހުރިހާ ވަގުތެއްގައިވެސް ﷲ ތަޢާލާ މަތިން ހަނދުމަކުރުމެވެ. ފާފަތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ. ދެފުށް އެއްގޮތް ކުރުމެވެ. މުއުމިނުންގެ ޞިފައިން ފުރިހަމައަށް ޞިފަލިބިގަތުމެވެ. ފިކުރީ ހަނގުރާމައިގެ އުޞޫލުތައް ބަލައި، ތާރީޚު ފޮތްތަކާއި ބާޠިލު ޢަޤީދާތައް ފެތުރުމަށްޓަކައި މީހުންކޮށްފައިވާ މަސައްކަތްތައް ބަޔާންކުރެވިފައިވާ ފޮތްތައް ކިޔުމެވެ. ފިލިޕީންސްފަދަ ޤައުމުތައް މުސްލިމު ޤައުމުތަކެއްގެ ގޮތުގައި ވަނިކޮށް، ކާފަރު މެޖޯރިޓީއަކަށް ބަދަލުކުރެވުނުގޮތް ކިޔުމެވެ. އަދި ރާއްޖެއިންވެސް ފެންނަމުން މިދަނީ އެ ބޮޑުމަންޒަރުކަން އުނދަގޫވިޔަސް ޤަބޫލުކޮށް ޙަޤީޤަތާއި ކުރިމަތިލުމެވެ. އެއަށްފަހު ހިފެން ހުރި ހުރިހާ ސަބަބެއްގައި ހިފުމެވެ. އަދި ގިނަގިނައިން ދުޢާ ކުރުމެވެ. އޭރުން އަޅުގަނޑުމެންނަށް ނަޞްރުލިބޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނީ ﷲތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ (محمد 7) ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲ ގެ ދީނަށް) ނަޞްރުދޭނަމަ، އެއިލާހު ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ.”