[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ހިޖުރަކުރެއްވުން

ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަހާބީބޭކަލުން މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގެންނެވީ ކީއްވެ؟

 

އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم އަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. އެއީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންވި ސާހިބާއެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިވާ އެކިއެކި ކަންކަމުގައި ޢަމަލުކުރަން ޖެހޭ ގޮތް ނަބަވީ ސުންނަތަށް ރުޖޫޢަވުމުން ފެނިގެންދާނެއެވެ. މުޞީބާތުގެ ވަގުތުތަކާއި، އުފާވެރިކަމުގެ ވަގުތުތަކުގައި ކަންތައް ކުރަންޖެހޭ ގޮތެވެ. މުއްސަނދިކަމާއި، ފަޤީރުކަމުގެ ޙާލަތުގައި ކަންތައް ކުރަންޖެހޭ ގޮތެވެ. އެކަލޭގެފާނުވަނީ މާތް ﷲ އަށް ފުރިހަމައަށް ވަކީލުކޮށް ﷲ ގެ އަމުރުފުޅުތަކަށް ރައްކާތެރިވެ ވަޑައިގަންނަވާފައެވެ. އެއީ ނުހަނު ލޯބިވި، އުފަން ރަށް ދޫކުރައްވައި ނިކުންނަން ޖެހުނު ކަމުގައިވިއަސް މެއެވެ. ނަބިއްޔާ صلى الله عليه وسلم އާއި އެކެލޭގެފާނުގެ ޞަޙާބީން މައްކާއިން މަދީނާއަށް ޙިޖުރަކުރެއްވި ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ބައެއްގެ މައްޗަށް އެބައިމީހުންގެ ދުޝްމަނުން އަތްގަދަކޮށްފިނަމަ އެއީ ބޮޑުކަމަކަށްވެގެންދެއެވެ. އެބޭކަލެއްދެކެ އަހަރެމެން ލޯބިވުން ލާޒިމުވެގެންވާ، ނަބިއްޔާ صلى الله عليه وسلم އަށް ދުޝްމަނުންގެ އުނދަގޫތަކާއި އަނިޔާތައް ކުރިމަތިވިއެވެ. އަނިޔާތަކާއި ދުއްތުރާތައް ހައްދުފަހަނައަޅައި ދިއުމުން، ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ.

 

 

ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ މަދީނާގައި ކުރެއްވިކަމަކީ ކޮބާ؟

 

ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ މަދީނާއަށް ވަޑައިގެން، ޤުބާގައި މަޑުކުރެއްވި ދުވަސްތަކުގައި ޤުބާ މިސްކިތް ބިނާކުރެއްވިއެވެ. ޤުބާ މިސްކިތަކީ އެތައް ބަޔަކު ޖަމާވާ ބޮޑު މިސްކިތެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الصَّلَاةُ فِي مَسْجِدِ قُبَاءٍ كَعُمْرَةٍ» [رواه الترمذي]

މާނައީ: “ޤުބާ މިސްކިތުގައި ކުރާ ނަމާދު (އަޖުރުގެ ގޮތުން) ޢުމްރާއަކާ އެއްފަދައެވެ.”

ހަމަ އެ ފަދައިން މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުން އަޚު ކުރެއްވިއެވެ. އަދި މަދީނާއަށް އައި ކޮންމެ މުސްލިމަކަށް މަދީނާގެ އަންޞާރިއްޔަ ބޭކަލުން ހިޔާވަހިކަން ދެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށްވެސް މަދީނާއިން ހޫނު މަރުޙަބާއެއް ކިޔުއްވުއެވެ.