[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 90

ދެވަނަ ފަޞްލު: ކުތުބުއް ސިއްތާ

 

الحافظ أبو الحجاج المزي (އަވަހާރަވީ 742 هـ) ވިދާޅުވިއެވެ.

“ސުންނަތާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާވަނީ އެއަށްޓަކައި، އެ ރަނގަޅަށް ދަންނަ ޙުއްފާޡުންތަކެއް ލައްވާފައެވެ. އެއީ ކުޅަދާނަ ޢިލްމުވެރިންތަކެކެވެ. ޞައްޙަ ސުންނަތްތައް ވަކިކުރަން ދަންނަ ބޭކަލުންތަކެކެވެ. ޙައްދުފަހަނައަޅާ ދާ މީހުންގެ ޙައްދުފަހަނަ އެޅުން އެއިން ދުރުކުރެއެވެ. އަދި ޖާހިލުންގެ ތައުވީލުތަކާއި ބާޠިލުގެ އަހުލުވެރިންގެ ގޮތްތަކުންވެސް އެ ރައްކާތެރިކުރެއެވެ. އަދި އެއާ ގުޅުން ހުރި އެކި ދާއިރާތަކުން އެބޭކަލުން ފޮތްތައް ލިޔުއްވިއެވެ. އަދި އޭގެ އެކި ފަންނުތައް ރައްކާތެރިކުރެއްވިއެވެ. އެއީ ސުންނަތް ރައްކާތެރިކޮށް، އެ ގެއްލި ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ. އެހެންކަމުން އެ ފޮތްތައް ވެގެންދިޔައީ އެންމެ ހެޔޮ ރަނގަޅު ފޮތްތައް ކަމުގައެވެ. އަދި ޙައްޤާ އެންމެ ގާތް، ކުށް މަދު ފޮތްތަކެއް ކަމުގައެވެ. އަދި އެންމެ ފައިދާ ގިނަ ބަރަކާތް އިތުރު ފޮތްތަކެއް ކަމުގައެވެ. އަދި އެންމެ ލުއި އެންމެ ޤަބޫލުވެނިވި ފޮތްތައް ކަމުގައެވެ. އެއީ އޭގައިވާ އެއްޗެކަށް އެއްބަސްވި ބޭކަލުންނާއި ޚިލާފުވި ބޭކަލުންގެ އަރިހުގައިވެސް މެއެވެ.

މި ފޮތްތަކުގެ ތެރެއިން ޢާންމުންނާއި ޢިލްމުވެރިންގެ އަރިހުގައިވެސް އެންމެ ޤަދަރު އުފުލިގެންވާ ފޮތަކީ: أبو عبد الله محمد بن إسماعيل البخاري ލިޔުއްވި الصحيح އެވެ. ދެން أبو الحسين مسلم بن حجاج النيسابوري ލިޔުއްވި الصحيح އެވެ. ދެން أبو داود سليمان بن الأشعث السجستاني ލިޔުއްވި السنن އެވެ. ދެން أبو عيسى محمد بن عيسى الترمذي ލިޔުއްވި الجامع އެވެ. ދެން أبو عبد الرحمن أحمد بن شعيب النسائي ލިޔުއްވި السنن އެވެ. ދެން أبو عبد الله محمد بن يزيد (މަޝްހޫރު ނަމުން ابن ماجه القزويني) ލިޔުއްވި السنن އެވެ. މި ފޮތް އިސްވެ ދިޔަ ފޮތްތަކާ އެއް ދަރަޖައަށް ނުދިޔަކަމުގައި ވިޔަސް އެ ފޮތްތަކާ އެކު ހިމަނައެވެ.

‘ކުތުބުއްސިއްތާ’ ގެ ކޮންމެ ފޮތަކީވެސް މި ފަންނުގެ އަހުލުވެރިން ރަނގަޅަށް ދަންނަ، ޚާއްޞަ ކަމެއް ލިބިފައިވެއެވެ. މި ފޮތްތައްވަނީ މީސްތަކުންގެ މެދުގައި މަޝްހޫރުވެ، އިސްލާމުންގެ ރަށްތަކުގައި ފެތެރިފައެވެ. އަދި މީސްތަކުންނަށް މި ފޮތްތަކުގެ ފައިދާ ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އަދި ކިޔަވާ ކުދިން މި ފޮތްތައް ޙާޞިލުކުރުމަށް ސަމާލުކަން ދެއެވެ. އަދި މި ފޮތްތަކާ ގުޅޭ ގޮތުން ފޮތްތަކެއްވަނީ ލިޔެފައެވެ. އަދި މި ފޮތްތަކުގެ ތަޢުލީގެތަކެއްވެސް ވަނީ ލިޔެފައެވެ. އޭގެ ބައެއް ފޮތްތަކުގައިވަނީ މިފޮތްތަކުގައިވާ ޙަދީޘްތަކުގެ ޝަރަޙަކޮށްފައެވެ. އަދި އަނެއްބައި ފޮތްތަކުގައިވަނީ ޙަދީޘްތަކުގެ ސަނަދުތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި ބައެއް ފޮތް  ތަކުގައިވަނީ އެ ދެ ބައި ޖަމާކޮށްފައެވެ.” [1]

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] تهذيب الكمال 1 / 147.