ތައުޙީދުލް އުލޫހިއްޔަތުގެ މާނައަކީ އަޅުކަމުގެ އެންމެހައި ކަމެއްގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. މިއީ ﷲ ތަޢާލާ އެންމެހައި އުންމަތްތަކަށް ރަސޫލުންނާއި ނަބިއްޔުން ފޮނުއްވި މަޤްސަދެވެ. މި މަތިވެރި މަޤްސަދު ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللهَ وَاجْتَنِبُواْ الطَّاغُوتَ}([1])
މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ”.
ﷲ ތަޢާލާ އެއްކައުވަންތަ ކުރުމުގެ ބައިތަކުގެ ތެރެއިން އެންމެ މުހިންމު ބައި ކަމުގައިވާ ތައުޙީދުލް އުލޫހިއްޔަތަށް ދަލާލަތުކުރާ އާޔަތްތައް ޝިޔަޢީން މާނަ ކުރަނީ މުޅިން އެހެން ތަޢުބީރަކުންނެވެ.
އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ އެންމެހައި ދަލީލުތައް ޝިޔަޢީން ތައުވީލުކުރަނީ އެބައިމީހުންގެ އިމާމުންގެ އިމާމަތުކަމަށް ދަލީލުކުރުމަށާއި، އެބައިމީހުންގެ އިމާމުންގެ އިމާމަތުކަމަށް އީމާންވުން ވާޖިބު ވުމުގެ މައްޗަށެވެ. އަދި ޝިރުކާއި ކުފުރުގެ ވާހަކަތައް ބަޔާންވެފައިވާ އެންމެހައި އާޔަތްތައް ޝިޔަޢީން މާނަކުރަނީ އިމާމުންގެ އިމާމަތުކަމަށް އިންކާރުކުރުމާއި، އިމާމަތުކަމުގައި އެހެންފަރާތްތައް ބައިވެރި ކުރުމުގެ މައްޗަށެވެ. ޔަޢުނީ އެބައިމީހުންގެ ގާތުގައި ތައުޙީދަކީ އިމާމުންނަށް އިމާންވުމެވެ. ޝިރުކަކީ އިމާމުންނަށް އީމާންނުވުމާއި، އިމާމަތުކަމާއި ޚިލާފަތުކަމަށް އެހެން ފަރާތްތައް އައްޔަންކުރުމެވެ.
ޝިޔަޢީންގެ މިފަދަ ތައުވީލުތަކުގެ ތެރެއިން ބައެއް މިޘާލުތަކަށް ބަލާލަމާ ހިނގާށެވެ.
- {وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ}([2])
މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާތިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ”.
ކީރިތި ޤުރުއާނުގެ މިއާޔަތް ޝިޔަޢީން މާނަކުރަނީ އިސްވެ ބަޔާންވި މާނައެއްގައެއް ނޫނެވެ. ޝިޔަޢީންގެ މުހިންމު ފޮތްތައް ކަމުގައިވާ އަލްކާފީ އާއި، ތަފްސީރުލް ޤުއްމީގައި މިއާޔަތުގެ މާނަކުރާ ގޮތުގައި ޢަމަލުތައް ބާތިލުވެ ގެއްލެނިވެގެންދާނީ އިމާމުންގެ ވިލާޔަތުގައި ޝަރީކުރުކުރުމުންނެވެ.
- {وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلا أَنَا فَاعْبُدُونِ}([3])
މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!”.
ޝިޔަޢީން މިއާޔަތް މާނަކުރާ ގޮތުގައި ﷲ ތަޢާލާ އެންމެހައި ރަސޫލުން ފޮނުއްވީ ޝިޔަޢީންގެ އިމާމުންގެ އިމާމަތުކަން ބަޔާންކުރެއްވުމަށެވެ. ޝިޔަޢީންގެ ގާތުގައި ރަސޫލުންނާއި ނަބީބޭކަލުންގެ ރިސާލަތުގެ މައިގަނޑު ގޮވާލެއްވުމަކީ އިމާމަތުގެ ކަންކަން ބަޔާންކުރެއްވުމެވެ.
މިބީދައިން ކީރިތި ޤުރުއާނުގައިވާ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމުގެ އާޔަތްތަކާއި، ޝިރުކުގެ ނުބައިކަން ބަޔާންވެފައިވާ އާޔަތްތައް ޝިޔަޢީންވަނީ އިސްވެ ބަޔާންވެދިޔަ ފަދައިން ޝިޔަޢީންގެ ބާތިލު މަޒުހަބުގެ އުސޫލެއް ކަމުގައިވާ އިމާމަތުކަމަށް ޙުއްޖަތް ދެއްކުމަށް ތައުވީލުކޮށް މާނަ ފުރޮޅާލާފައެވެ. އިސްލާމްދީނުގެ އެއްވެސް ދަލީލަކުން ޘާބިތުވެގެންނުވާ އިމާމަތުކަމަށް ޙުއްޖަތް ދައްކާނެ ދަލީލެއް އެބައިމީހުންގެ އަތުގައި ނެތުމުން، ޝަޔަޢީން ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ފުރޮޅާލާ އެބައިމީހުން ހިތުހުރިގޮތަކަށް ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަކޮށްފައެވެ. އެބައިމީހުންގެ ބާތިލު މަޒްހަބަށް ބާރު ދިނުމަށް އިސްލާމްދީނުގެ އެންމު މުހިންމު އަސާސާއި، ﷲ ތަޢާލާ އެންމެހައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވި އެންމު މުހިންމު މަޤްސަދާއި، ﷲ ތަޢާލާ ފޮތްތައް ބާއްވައިލެއްވި މާތް މަޤްސަދު އެބައިމީހުންވަނީ މުގުރާލާފައެވެ. އެބައިމީހުންގެ މިބާތިލު ޢަޤީދާގެ ދަށުން އެބައިމީހުންގެ އިމާމުން ޤަބޫލު ނުކުރާ އެންމެންނަކީ މުޝްރިކުންކަމުގައި ޙުކުމް ކުރެއެވެ. ޝިޔަޢީންގެ ޢިލްމުވެރިއެއް ކަމުގައިވާ މަޖްލިސީ ބުނެފައިވެއެވެ: “ދަންނާށެވެ. ކުފުރާއި ޝިރުކުގެ ތިމަންމެން ބޭނުންކުރަނީ ޢަލީގެފާނާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅުން އައި އެންމެހައި އިމާމުންގެ އިމާމަތުކަން ޤަބޫލު ނުކުރާ މީހުންގެ މައްޗަށެވެ. އަދި އެބައިމީހުންގެ މައްޗަށް އެހެން މީހުން އިމާމަތު ކަމަށް އިސްކުރާ މީހުންގެ މައްޗަށެވެ. އެފަދަ މީހުންނީ ދާއިމަށް ނަރަކައިގައި ތިބޭނެ ބައެކެވެ”.
ޝިޔަޢީންގެ މިފަދަ ތަފްސީރުކުރުންތަކަކީ ހަވާ ނަފްސަށް ތަބާވެގެން، އެބައިމީހުންގެ ބާތިލު ޢަޤީދާތަކަށް ބާރުދިނުމަށް އެބައިމީހުން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. ރަސޫލާ ﷺ ގެ އަރިހުންނާއި މާތް ސަހާބީންގެ އަރިހުންވެސް ޘާބިތުވެގެންނުވާ، އަދި ޢަރަބި ބަހުންވެސް ބާރުލިބުމެއް ނުވާ މިފަދަ ތަފްސީރުކުރުންތަކަކީ ﷲ ތަޢާލާގެ ކަލާމްފުޅުގެ ޤަދަރުކުޑަކޮށްލުމުގެ ޢަމަލެއް ކަމުގައި ނޫނީ ނުބެލެވޭނެއެވެ([4]).
([4]) أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري 2/425