[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ޙުކުމް

ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ޙަރާމްކަމެކެވެ. އެކަން ޙަރާމުވެގެންވަނީ މައިގަނޑު ތިން ދަލީލެއްގެ މައްޗަށް ބިނާކޮށެވެ.

 

ފުރަތަމަ ދަލީލު:

ޢީދުމީލާދު ފާހަގަކުރުމަކީ އަލަށް އުފެދިގެން އައިސްފައިވާ ކަމެކެވެ. (އެބަހީ: ބިދުޢައެކެވެ.) އެއީ ﷲ އެ ބޭކަލުންނަށް ރުއްސުންލެއްވި ޞަޙާބީންގެ ދައުރުގައި، އަދި އެ ބޭކަލުންނަށް ފަހު ވަޑައިގެން ތާބިޢީ ބޭކަލުންގެ ދައުރުގައިވެސް ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން އެންމެ ހެޔޮ ޤަރުނުތައް ވޭތުވެދިޔައިރު، އެއިން އެއްވެސް ޤަރުނެއްގައި ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަ ނުކުރެއެވެ.

ޢީދުމީލާދު ފާހަގަ ކުރުމަކީ އަލަށް އުފެދުނު ކަމެއްކަން އެނގޭއިރު، ދަންނަންޖެހޭ ކަމަކީ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ މަގުން އައިސްފައިވާ ފަދައިން؛ “ދީނުގައި އަލަށް އުފެދިގެން އަންނަ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގު ފުރެދުމެކެވެ.” [رواه أبو داود في سننه وصححه الألباني]

 

ދެވަނަ ދަލީލު:

ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި ދުވަހާމެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުވެފައިވެއެވެ.

ބައެއް ބޭކަލުންގެ އަރިހުގައި އިތުރު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ ރަބީޢުލްއައްވަލު މަހުގެ އަށްވަނަ ދުވަހުއެވެ.

އަނެއްބައި ބޭކަލުން ވިދާޅުވަނީ އިތުރު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އެ މަހުން ދިހަވަނަ ދުވަހު ކަމުގައެވެ.

އަދި ބައެއް ބޭކަލުންގެ އަރިހުގައި އެއީ ރަބީޢުލްއައްވަލު މަހުގެ ބާރަވަނަ ދުވަހެވެ.

އަދި ދަންނަބޭކަލުންކުރެ ބައެއް ބޭކަލުން ދެކިވަޑައިގަންނަވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވީ ރަބީޢުލްއައްވަލު މަހުގައެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ ރަޖަބު މަހުގައެވެ.

ދަންނަބޭކަލުންގެ މެދުގައި މި ދުވަހާމެދު މި އޮތް ޚިލާފުން އެނގެނީ ރަބީޢުލްއައްވަލު މަހުން ބާރަވަނަ ދުވަސް އެއީ ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދުގެ ގޮތުގައި ޢައްޔަނު ކުރުމަކީ ޞައްޙަ ގޮތެއް ނޫންކަމެވެ. އެއީ ދަންނަބޭކަލުން ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކިވަޑައިގެން ދުވަހާ މެދު އިއްތިފާޤުވެފައި ނުވާތީއެވެ. ކަންމިހެން އޮތް އިރު ބައެއް މީހުން މި ޚިލާފުން ނުކުތުމަށް އެއް އަހަރު އަށްވަނަ ދުވަހު، އަނެއް އަހަރު ބާރަވަނަ ދުވަހު ޢީދުމީލާދު ފާހަގަ ކުރިއެވެ. އެހެންނަމަވެސް ދަންނަބޭކަލުން ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހަކާ މެދު ބަޔާން ކުރައްވަނީ ހަމައެކަނި މި ދެ ދުވަހެއް ނޫންކަން އެނގެއެވެ.

މިފަދައިން މި ކަން އޮތުމާއެކު އެ މީހުންގެ މައްޗަށް އޮތީ ދަންނަބޭކަލުން ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ކަމުގައި ބަޔާން ކުރައްވާ ހުރިހާ ދުވަހެއްގައި އެކަލޭގެފަނުގެ ޢީދުމީލާދު ފާހަގަކޮށް އިޙްތިފާލު ކުރުމެވެ. ފަހެ މިކަން މިއީ އެއްވެސް ޝައްކެއްނެތި ބާޠިލު ޢަމަލެކެވެ.

އެހެނީ ކަނޑައެޅި ބަޔާންވެގެން އެނގޭކަމަކީ ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ތަފާތު އެކި ދުވަސް ދުވަހު ނޫންކަމެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ އަހަރުގެ އެއް ދުވަހުއެވެ. އަށްވަނަ ދުވަހު ނުވަތަ ދިހަވަނަ ދުވަހު ނުވަތަ ބާރަވަނަ ދުވަހުއެވެ.

 

ތިންވަނަ ދަލީލު:

ދަންނަބޭކަލުން އިއްތިފާޤުވެލައްވާ ކަމަކީ ރަސޫލާ صلى الله عليه وسلم އަވަހާރަވީ ދުވަހަކީ ރަބީޢުލްއައްވަލު މަހުން ބާރަވަނަ ދުވަސް ކަމެވެ. ދެން ނަބިއްޔާ صلى الله عليه وسلم އަށްޓަކައި ދުވަހެއް ޚާއްޞަ ކުރުމަށް ތަންދޭނަމަ، ބާރަ ދުވަހު އުފާ ކޮށް އިޙްތިފާލު ކުރުމުގެ ބަދަލުގައި އެ ކަލޭގެފާނު ދުނިޔެ ދޫކުރެއްވިކަން މައްޗަށް ހިތާމަކޮށް ހެދުން މާ އައުލާކަން ބޮޑުވެގެން ވެއެވެ.

އެހެނީ ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަސް ކަމަށް ބަލައި އުފާކޮށް ހެދުމަށް މީހުން ހިފައިފައިވާ ދުވަހަކީ އެ ދެވަހަކާ މެދު ދަންނަބޭކަލުންގެ މެދުގައި ތަފާތު އެތައް ބަހަކަށް ޚިލާފު އޮތް ދުވަހެކެވެ.

އެހެނެއްކަމަކު އެކަލޭގެފާނުން އަވަހާރަވި ދުވަހަކީ ކަނޑައެޅިގެން ރަބީޢުލްއައްވަލު މަހުގެ ބާރަވަނަ ދުވަސްކަން އެއްވެސް ޝައްކެއް ނެތި އެނގެއެވެ.

ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ރަބީޢުލްއައްވަލް މަހުން ބާރަ ދުވަހު ކަމުގައި ބަލައިގަތްކަމުގައި ވިއަސް، އެ ދުވަހަށް ޚާއްޞަކޮށް އިޙްތިފާލު ކުރާ މީހުންގެ މައްޗަށް އޮތީ އެ ދުވަހުގެ އިޙްތިފާލު ދެ ބަޔަށް ބެހުމެވެ. ދުވަހުގެ ކުރީކޮޅު އިތުރުއެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ކަމަށްޓަކައި އުފާ ފާޅުކޮށް ހަދާފައި ދެން ދުވަހުގެ ފަހު ކޮޅު އެ ދުވަހަކީ އިތުރު އެކަލޭގެފާނުން ދުނިޔެ ދޫކުރެއްވި ދުވަސްކަމަށްވުމުން އެކަމާ ހިތާމަ ކުރުމެވެ.

 

ދަންނާށެވެ! މި ހުރިހާ ކަމަކީ ދީނުގެ ތެރެއަށް އަލަށް އިތުރު ކުރެވުނު ބިދުޢަވެރި ކަންކަމެވެ. އެއް ބިދުޢަ އަނެއް ބިދުޢައަށް މަގު ފަހިކުރެއެވެ. އަދި ދަންނާށެވެ! الْبَرْبَهَارِيُّ އެ ކަލޭގެފާނުގެ “شَرْحُ السُّنَّة”ގައި ބަޔާން ކުރައްވައިފައިވާ ފަދައިން ބިދުޢައެއް ބޮޑުވެގެން ދިއުމުގެ ކުރިން އެ ފެންނާނީ ކުޑަ ކަމެއްގެ ގޮތުގައެވެ.


މަޞްދަރު: حرمة الاحتفال بالمولد النبوي للعصيمي