ޙައްޖަތުލް ވަދާޢުގައި މާތް ނަބިއްޔާ މުޙައްމަދު ﷺ ޢަރަފާތް ބިމުގައި ހުންނަވަނިކޮށް، ﷲ ތަޢާލާ މުޙައްމަދުގެފާނުގެ މައްޗަށް އެކަލާނގެ ބާއްވައިލެއްވި އެންމެ ފަހުގެ ޝަރީއަތް ފުރިހަމަ ވެއްޖެކަމުގެ މަތިވެރި އިޢުލާނުގެ އާޔަތް ބާއްވައިލެއްވިއެވެ. އެކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا} [1]
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ”.
އަދި މާތް ނަބިއްޔާ މުޙައްމަދު ﷺ މިދުނިޔެ ދޫކުރައްވައި ވަޑައިގެންނެވީ އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅުއްވުނު ބޮޑު ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާފަ ކަމާއިމެދު އެއްވެސް މުސްލިމަކު ދެބަސްނުވާނެއެވެ. އެކަލޭގެފާނުވަނީ އިސްލާމީ ޝަރީޢަތުގެ އެންމެހައި ކަންކަން އުންމަތަށް އަމާނާތްތެރިކަމާއި އެކީ ބަޔާންކޮށްދެއްވާފައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
“ތިމަން ކަލޭގެފާނުގެ ކުރިން ފޮނުއްވުނު އެއްވެސް ނަބީބޭކަލަކު، އެބޭކަލެއްގެ ޤައުމެއްގެ މީހުންނަށް ރަނގަޅުވާނެކަމަށް އެކަލޭގެފާނު ދެކެވަޑައިގަންނަވާ އެންމެހައި ކަމެއްގައި އެބައިމީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށާއި، އެބައިމީހުންނަށް ގެއްލުންވާނެކަމަށް އެކަލޭގެފާނު ދެކެވަޑައިގަންނަވާ އެންމެހައި ކަމެއްގައި އެބައިމީހުންނަށް އިންޒާރުކުރެއްވުން އެއީ އެބޭކަލެއްގެ ޒިންމާއެއް ކަމުގައި ނޫނީ ނުވެއެވެ[2].”
މިޙަދީޘްގައި ބަޔާންވެދިޔަ ފަދައިން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ވެސް ވަނީ މިމަސްއޫލިއްތު އެންމެ ފުރިހަމައަށް އަދާކުރައްވާފައެވެ. ސުވަރުގެއަށް އަޅާ ވާސިލުކޮށްދޭނެ ހެޔޮކަމުގެ ހުރިހާ މަގަކާއި، ނަރަކައިން މިންޖުވާނެ ހުރިހާ މަގަކާއި، ޙަލާލް ޙަރާމާއި، އަދަބު އަޚްލާޤު އެކަލޭގެފާނުވަނީ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ.
އިސްލާމްދީނުގައި ޝަރުޢުވެގެންވާ އެންމެހައި އަޅުކަންތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުންނާއި، ލޮބުވެތި ނަބިއްޔާގެ ފަރާތްޕުޅުން ޝަރުޢުވެފައިވާ ކަންކަމެވެ. މިދެމަސްދަރުން ނޫނީ އެއްވެސް އަޅުކަމެއް ޝަރުޢެއް ނުކުރެވެނޭއެވެ. މާތް ނަބިއްޔާ ﷺ މިދުނިޔެ ދޫކުރެއްވުމަށް ފަހު މިދޮރު ވަނީ ބަންދުވެގެންގޮސްފައެވެ. އެކަލޭގެފާނަށް ފަހުގައި އިސްލާމްދީނަށް އާ އަޅުކަންތަކެއް އިތުރެއް ނުކުރެވޭނެއެވެ.
މިހެން މިކަން އޮތް އިރު މާތް ނަބިއްޔާ ﷺ މިދުނިޔެ ދޫކުރެއްވުމަށް ފަހުގައި، މާތް ކަމެކޭ ބުނެ ޢީދު މީލާދު ފަދަ އާ އަޅުކަންތައް (ބިދުޢަތަށް) ދީނުގެ ތެރެއަށް ވެއްދުމުން ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ދޮގުކުރެވެނީއެވެ. ދީނުގެ ތެރެއަށް އާކަންކަން ގެނައުމަކީ އިސްލާމްދީން ފުރިހަމަވެއްޖެކަމަށް ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅު ދޮގުކުރުން ކަމުގައި ނޫނީ ނުވާނެއެވެ. އެފަދައިން ބަޔަކު ކަންތައް ކުރުމުން ދޭހަވަނީ ﷲ ތަޢާލާ އިސްލާމްދީން ފުރިހަމަ ނުކުރައްވާކަމެވެ. އަދި މާތް ނަބިއްޔާ ﷺ މިދުނިޔެ ދޫކުރެއްވީ އެކަލޭގެފާނާއި ހަވާލުކުރެއްވުނު ރިސާލަތް ފޯރުކޮށްދެއްވުމުގެ އަމާނާތް ފުރިހަމަ ނުކުރައްވާ ކަމެވެ. نعوذ بالله އެވެ.
މިފަދަ އާކަންކަން ދީނުގެ ތެރެއަށް ވައްދާ މީހުންގެ ނަޒަރުގައި މިފަދަ ކަންކަމީ ވަރަށް މާތް ޢަމަލުތަކެކެވެ. ގިނަގުނަ ޘަވާބު ލިބޭ، އީމާންތެރިކަމަށް ދިރުން ގެނެސްދޭ ކަންތައްތަކެވެ. އެހެންކަމުން ޙަޤީގަތުގައި އެބުނެވެނީ ނަބިއްޔާ ﷺ ވަނީ މިފަދަ މާތް އަމަލުތައް ބަޔާންކޮށްދެއްވުމުގައި އިހުމާލެވެފައެވެ. އަދި އެބުނެވެނީ އެންމެ މާތް ތިން ޤަރުނުގެ މާތް ބޭކަލުންނަށްވެސް މިފަދަ މާތް ކަންތައްތައް ނޭނގެއެވެ. މިއީ ކޮންފަދަ ނުބައިކަން ބޮޑު އިލްޒާމެއްތޯއެވެ. އަދި ކޮންފަދަ ބޮޑު ތުހުމަތެއް ތޯއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ޞަޙާބީންނާއި މާތް ތިން ޤަރުނުގެ ބޭކަލުންނަކީ މާތް ނަބިއްޔާ ﷺ ހެކިވެވަޑައިގެންނެވި ފަދައިން އިސްލާމީ ޝަރީޢަތަށް ތަބާވުމުގައްޔާއި، މާތް ނަބިއްޔާ ﷺ އަށް ލޯބިކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާ ދެއްކެވި ބޭކަލުންނެވެ. އެމާތް ތިން ޤަރުނުގެ ބޭކަލުން ނުކުރައްވާ އަޅުކަމެއް ދީނުގެ ތެރެއަށް މާތް ކަމެއްގެ ގޮތުގައި ގެނެސްގަތުމަކީ ނަބިއްޔާ ﷺ އެޤަރުނުތަކަށް ކުރެއްވި ތަޢުރީފު ބަސްފުޅަށް ވެވޭ ތައުހީނެކެވެ.
ދާރުލް ހިޖުރާ (މަދީނާ)ގެ އިމާމު މާލިކް ބުން އަނަސް -رحمه الله- ވިދާޅުވެފައިވެއެވެ: “މިއުންމަތުގެ ސަލަފުއް ޞާލިޙުން ނުކުރައްވާ އަޅުކަމުގެ ޢަމަލެއް އެއީ މާތް ޢަމަލެއްކަމަށް ދެކިގެން ގެނެސްގެންނަ ބަޔަކީ މުޙައްމަދުގެފާނު އެކަލޭގެފާނުގެ ރިސާލަތަށް ޚިޔާނާތްތެރިވި ބައެކޭ ބުނާ ބައެކެވެ[3].”
އަލް އިމާމުލް ފާކިހާނީ -رحمه الله- ވިދާޅުވެފައިވެއެވެ: “ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަނގަކުރުމަށް ކީރިތި ޤުރުއާނާއި ސުންނަތުގެ އަސްލެއްވާކަމަށް (ދަލީލެއްވާކަމަށް) ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވައެވެ. އަދި ނަބިއްޔާގެ ﷺ ޢީދު މީލާދު ފާހަނގަކުރުމަކީ ދީނުގެ ނަމޫނާ ދެއްކެވި އުންމަތުގެ ދަންނަބޭކަލުން ގެ އަރިހުން ނަޤްލުވެގެންވާ ކަމެއް ނޫނެވެ…..އަދި ކިއެއްތަ އެއީ ބާތިލުގެ އަހުލުވެރިން އުފަންކުރި ބިދުޢައެކެވެ[4].”
އަލްއިމާމު އިބްނުލް ޙާއްޖު އަލްމާލިކީ -رحمه الله- ވިދާޅުވެފައިވެއެވެ: “އެންމެހައި މުންކަރާތްތަކުން ޢީދު މީލާދުގެ އިޙްތިފާލުތައް ސަލާމަތް ވިޔަސް، ފަހެ އެއީ އޭގެ ޒާތުގައި އެކަނިވެސް ބިދުޢައެކެވެ. ހަމަކަށަވަރުން އެއީ ދީނުގެ ތެރެއަށް އިތުރުކުރުވޭ ކަމެކެވެ. އަދި އެއީ އުންމަތުގެ ސަލަފުންގެ ޢަމަލެއް ނޫނެވެ. އުންމަތުގެ ސަލަފުންނަށް ތަބާވުން އައުލާކަން ބޮޑެވެ. އަދި ކިއެއްތަ ވާޖިބުކަން ބޮޑެވެ”[5].
އަލްޙާފިޡް އިބްނު ޙަޖަރު އަލްހައިތަމީ -رحمه الله- ވިދާޅުވެފައިވެއެވެ: “ޢީދު މީލާދު އަސްލަކީ ބިދުޢައެކެވެ. އުންމަތުގެ އެންމެ މާތް ތިން ޤަރުނުގެ ޞާލިޙުންގެ އަރިހުން މިކަން ނަޤްލުވެގެންނުވެއެވެ[6].”
އިމާމު އިބްނު ބާޒް -رحمه الله- ވިދާޅުވެފައިވެއެވެ: “ނަބިއްޔާ ﷺ ގެ ޢީދު މީލާދާއި އެހެން ބައެއްގެ ޢީދު މީލާދުވެސް ފާހަނގަކުރުން ހުއްދަވެގެން ނުވެއެވެ. އެއީ ހަމަކަށަވަރުން ބިދުޢަވެރިކަމެކެވެ. އެއީ ނަބިއްޔާ ﷺ އާއި ހަތަރު ޚަލީފާއިންނާއި އެހެން ސަޙާބީން ކުރެއްވި ކަމެއް ނޫނެވެ. އަދި ތާބިޢީންވެސް ކުރެއްވި ކަމެއް ނޫނެވެ. އެބައިމީހުންނީ ނަބިއްޔާ ﷺ ގެ ގޮތް (ސުންނަތް) އެންމެ މޮޅަށް ދަނެވަޑައިގަންނަވާ ބޭކަލުންނެވެ. އަދި އެބޭކަލުންނީ ﷲ ގެ ރަސޫލާއަށް އެންމެ ފުރިހަމައަށް ލޯބި ކުރައްވައި، އެކަލޭގެފާނުގެ ޝަރީއަތަށް އެންމެ ފުރިހަމައަށް ތަބާވި ބޭކަލުންނެވެ[7]“.
އިސްވެ ބަޔާންކުރެވުނު ވާހަކަތަކަށް ބިނާކޮށް ދެންނެވޭނީ އަޅުގަނޑުމެންގެ މައްޗަށް ހެޔޮކަން ބޮޑީ ﷲ ތަޢާލާ ވަޙީބަސްފުޅުގައިވާ ފަދައިން ކަންތައް ކުރުންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا}[8]
މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!”.
މިއުންމަތުގެ މާތް ނަބިއްޔާއަށް ފަހުގައި، ބަޔަކުމީހުން ދީނަށް އަލަށް ކަންކަން ގެންނާނެ ކަމާއި، މިފަދަ ބިދުޢަވެރި ކަންކަމުގެ ޙުކުމް ވެސް ނަބިއްޔާ ﷺ ވަނީ ބަޔާންކުރައްވާފައެވެ.
އަދި އަލްޢިރުބާޟް ބުން ސާރިޔާގެ އަރިހުން ރިވާވެގެންވެއެވެ: “ނަބިއްޔާ ﷺ ތިމަންބޭކަލުންނާއިގެން ފަތިސް ނަމާދުކުރެއްވިއެވެ. އެއަށްފަހު ތިމަންބޭކަލުންނާއި ދިމާއަށް އެނބުރި ވަޑައިގެން ލޮލުން ކަރުނަ އޮހޮރި، ހިތްތައް ބިރުވެތިވާފަދަ ވަޢުޡު ނަސޭހަތެއް ދެއްވިއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. ﷲ ގެ ރަސޫލާއެވެ. މިވަޢުޡަކީ އަލްވަދާޢު ކިޔާ މީހަކު ދޭފަދަ ވަޢުޡެކެވެ. ފަހެ ތިމަންބޭކަލުންނަށް ވަސިއްޔަތްކުރައްވާށެވެ. ހަދީޘްކުރެއްވިއެވެ: ﷲ އަށް ތަޤްވާވެރިވުމަށާއި، ޙަބްޝީ އަޅަކު (ވެރިއަކަށް އިސްވިޔަށް) އަޑުއަހައި ކިޔަމަންވުމަށް ވަސިއްޔަތްކުރައްވަމެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުންގެ ތެރެއިން ދިރިތިބި ބަޔަކަށް ގިނަވެގެންވާ އިޚްތިލާފުތަކެއް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުން (އެހިނދުގައި) ތިމަންކަލޭގެފާނުގެ ސުންނަތާއި، ސީދާވެގެންވާ ތެދުމަގު ލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ގޮތުގައި ހިފައްހައްޓާށެވެ. އަދި އެގޮތުގައި ކޮލު ދަތްތަކުން ހިފަހައްޓާށެވެ. އަދި (ދީނަށް) އަލަށް ގެނެވޭ ކަންކަމަށް ރައްކައުތެރިވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ[9]“.
އެހެންކަމުން ޢީދު މީލާދާއި، އަދި މިނޫންވެސް މިފަދަ ބިދުޢަވެރި ކަންކަމަކީ މަގުފުރެދުމުގެ ކަންކަމެވެ. ކިތަންމެ ހިތް ނިޔަސް ޚާލިސް ވިޔަސް، ޝަރުޢީ ގޮތުން ދަލީލެއް ނުވާ ކޮންމެ ކަމަކީ މަގުފުރެދުމެކެވެ. އެފަދަ ކަންކަމުން ޘަވާބު ލިބުމުގެ ބަދަލުގައި ލިބޭނީ ފާފައެވެ. އެހެންކަމުން ﷲ އަށް ބިރުވެތިވާ ނަމަ މިފަދަ ކަންކަމާއި ދުރުހެލިވާން ޖެހޭނެއެވެ[10].
[4] المورد في عمل المولد للفاكهاني ص8
[6] تحفة المحتاج في شرح المنهاج لابن حجر الهيتمي 7/424
[7] مجموع فتاوى العلامة عبد العزيز بن باز 1/178
[10] المصدر: الكتاب: المولد النبوي … هل نحتفل؟ لشحاتة محمد صقر، الإنصاف فيما قيل في المولد من الغلو والإحجاف لأبي بكر الجزائري