[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިންސާނަކު މަރުވެއްޖެނަމަ …

الحمد لله، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين. أمّا بعد!

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ : مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ)). މާނައީ: “އިންސާނަކު މަރުވެއްޖެނަމަ، (އޭނާކޮށްފައިވާ) ތިންކަމަކުން ފިޔަވައި އޭނާގެ ޢަމަލުތައް ހުއްޓުމަކަށް އާދެއެވެ. (އެތިންކަމަކީ) ދޫކޮށްފައިވާ ދެމިގެންވި ޞަދަޤާތެއް، ނުވަތަ ދޫކޮށްފައިވާ ފައިދާ ކުރަނިވި ޢިލްމެއް، ނުވަތަ އެމީހާގެ މައްޗަށް ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.” {މުސްލިމް (1631)، އަބޫ ދާވުދު (2880)، ތިރުމިޛީ (1376)، އައްނަސާއީ (3651)، މުސްނަދު އަޙްމަދު (8844)}.

 ޙަދީޘްގެ ޝަރަޙަ:

އިމާމް އަންނަވަވީ ރަޙިމަހުﷲ މިޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މިޙަދީޘްގެ މާނައަކީ، މިތިންކަމުން ފިޔަވައި، މައްޔިތާ މަރުވުމާއެކު އެމީހާގެ ޢަމަލުތައް ނިމުމަކަށްއައިސް، އޭނާގެ (ފަތަށް) ޘަވާބު އިތުރުވުން ހުއްޓިދެއެވެ. (މިތިންކަމުން ޘަވާބު ލިބޭ ސަބަބަކީ) އެކަންކަން ކުރެވުމުގެ ސަބަބަކަށް އެމީހާ ވާކަމެވެ. އެހެނީ، ދަރިފުޅު ލިބުމުގެ ސަބަބަކީ އެމީހާއެވެ. ހަމައެފަދައިން، އެމީހާ ދޫކޮށްދިޔަ ތަޢުލީމާއި ފޮތްތަކާއި، ދެމިގެންވި ޞަދަޤާތްކަމުގައިވާ ވަޤުފަކީ އެމީހާ ހޯދައިގަތް ކަންކަމެވެ…”. (އަލްމިންހާޖް: 88/11)

މިޙަދީޘްގައި ބަޔާންވެގެންވާ ތިންކަމަކީ އިންސާނާ ދުނިޔޭގައި އުޅުއިރު ކޮށްފައިވާ ޢަމަލުތަކުގެ ނަތީޖާއެވެ. މިތިންކަމުގެ ތެރެއިން ކޮންމެ ކަމަކީ އެމީހާގެ ފުށުން މެދުވެރިވި ކަންކަމެވެ. މިޙަދީޘްގެ ތެރެއަށް އެހެންމީހުން އެމައްޔިތާއަށް އިޙްސާންތެރިވުމުގެގޮތުން ކުރާ ކަންކަން ނުވަންނަ ހުއްޓެވެ. މިސާލެއްގެގޮތުން މީހަކު މައްޔިތާގެ މަތިން ކުރާ ޞަދަޤާތް ފަދަ ކަންކަމެވެ.

 ދެމިގެންވާ ޞަދަޤާތަކީ ކޮބާ؟

މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ‘صَدَقَةٌ جَارِيَةٌ’ ގެ މާނައީ، އިންސާނާ އެއްޗެއް ޞަދަޤާތްކުރުމުން، އެއެއްޗެއް ދެމިހުންނަ އެއްޗެކެވެ. މީގެ އެންމެ ހެޔޮ އެއްޗަކީ މިސްކިތެކެވެ. މިސްކިތްތައް ބިނާ ކުރުމަކީ ދެމިހުންނަނިވި ޞަދަޤާތެކެވެ. އެހެނީ، އެމިސްކިތް ބިނާކުރުމުގެ އަޖުރު އެމިސްކިތް ރެޔާއި ދުވާލު ދެމިހުރިހާ ހިނދަކު އަދި މުސްލިމުން އެމިސްކިތުގައި ނަމާދުކޮށް، ކިޔަވައި، ތަޢުލީމު އުގެނި، އަދި ތަޢުލީމު އުގަންނައިދިނުންފަދަ ޢަމަލުތައްކުރުމުގައި އެމިސްކިތުގައި ދެމިހުރިހާ ހިނދަކު ދެމިގެންވާ ހުއްޓެވެ. އަދި ފެންވަޅެއް ނުވަތަ ބަގީޗާއެއް ފަދަ ތަނެއް ފަޤީރުންނަށާއި މިސްކީނުންނަށް، ނުވަތަ ޢިލްމު އުގެނޭ ކުދިންނަށް، ނުވަތަ ﷲ މަގުގައި ހަނގުރާމަކުރާ މުޖާހިދުންފަދަ މީހުންނަށް ވަޤުފުކުރުންވެއެވެ. އަދި މުސްލިމުން ކިޔައި، ފައިދާ ހޯދުމަށްޓަކައި މަންފާކުރަނިވި ފޮތެއް ޗާޕްކުރުންވެއެވެ. އެއީ މިހާރުގެ ޢިލްމުވެރިންގެ ފޮތެއްކަމުގައިވީނަމަވެސް، ނުވަތަ ކުރީގެ ޢިލްމުވެރިންގެ ފޮތެއްކަމުގައި ވީނަމަވެހެވެ. މުހިއްމުކަމަކީ އެމީހާ މަރުވުމަށްފަހު މުސްލިމުންނަށް އެފޮތުން މަންފާ ކުރަނިވި ފޮތަކަށްވުމެވެ. ދެމިގެންވާ ޞަދަޤާތުގެ ތެރޭގައި، މަގުތައް ހަދައިދިނުންވެއެވެ. އިންސާނަކު މަގުތައް ހަދައި، އެމަގުތަކުގައިވާ ދަތިތައް ނައްތާލައި، އެމަގުން މީސްތަކުން މަންފާ ލިބިގަތުމަކީ ދެމިގެންވާ ޞަދަޤާތެކެވެ… ހަމަމިފަދައިން، މީސްތަކުންނަށް ފައިދާ ހޯދުމަށްޓަކައި ހޮސްޕިޓަލެއް ނުވަތަ ޔަތީމު ޚާނާއެއް ނުވަތަ އެފަދަ އެހެންވެސް ތަނެއް ބިނާކުރުމަކީ ދެމިގެންވާ ޞަދަޤާތެކެވެ. މިވައްތަރުގެ ޞަދަޤާތް ގިނަގުނައެވެ. ވީއިރު ދެމިގެންވާ ޞަދަޤާތެއް ދެނެގަންނާނެ މިންގަނޑަކީ، އިންސާނާ މަރުވުމަށްފަހު ދެމިހުންނަ ކޮންމެ ޞާލިޙު ޢަމަލަކީ ދެމިގެންވާ ޞަދަޤާތެކެވެ.” {ބައްލަވާ: ޝަރްޙު ރިޔާޟުއްޞާލިޙީން (438/5)}.

މަންފާ ކުރަނިވި ޢިލްމަކީ ކޮބާ؟

މީސްތަކުންނަށް ފައިދާ ކުރަނިވި ކޮންމެ ޢިލްމެއް މިޢިލްމުގެ ތެރެއަށް ވަންނަހުއްޓެވެ. ޚާއްޞަގޮތެއްގައި ޝަރުޢީ ޢިލްމެވެ. މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިތިންކަންތަކުގެ ތެރެއިން އެންމެ ޢާއްމު އަދި ޝާމިލުވެގެންވާ އަދި އެންމެ މަންފާކުރަނިވި ކަމަކީ އިންސާނާ މީސްތަކުންނަށް މަންފާ ކުރަނިވި ޢިލްމެއް ދޫކުރުމެވެ. އެއީ ކިޔައިދީގެން ނުވަތަ ލިޔެގެން ދޫކުރި ޢިލްމެއް ނަމަވެސް ތަފާތެއް ނެތެވެ. ފޮތެއް ލިޔެގެންނާއި މީސްތަކުންނަށް ޢިލްމު އުގަންނައިދީގެން، އެޢިލްމުން މީސްތަކުން ފައިދާ ލިބިގަނެ، އެޢިލްމު މީސްތަކުންގެ ތެރޭގައި ދެމިހުރިހާ ހިނދަކު އެމީހެއްގެ އަޖުރު ދެމިހުންނަ ހުއްޓެވެ…” {ޝަރްޙު ރިޔާޟުއްޞާލިޙީން (439/5)}.

އިންސާނާ ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެމީހާ މަރުވުމަށްފަހު އެކަންކަމުން އެމީހާއަށް އަޖުރު ލިބިހުންނަ ކަންތައްތަކުގެ ތެރެއިން މަންފާ ކުރަނިވި ޢިލްމެއް ދޫކުރުމަކީ އެންމެ ފައިދާކުރަނިވި ކަމެވެ. އެހެނީ، ކޮށްފައިވާ ޞަދަޤާތަކީ ޒަމާންތަކެއްވުމުން ނެތިގެން ވީރާނާ ވެގެން ހިނގައިދާނެ ކަމެކެވެ. ހަމައެފަދައިން، ޞާލިޙުދަރި މަރުވުމަށްފަހު އެމީހާގެ މައްޗަށް ދުޢާކުރުން ފަހަރެއްގައި ނެތިހިނގައިދާނެއެވެ. ނަމަވެސް މަންފާކުރަނިވި ޢިލްމެއް އުގަންނައިދިނުމަކީ ނުވަތަ އެފަދަ ޢިލްމެއް ފޮތެއްގެ ސިފާގައި މީސްތަކުންނަށް ދޫކުރުމަކީ އެތައް ޒަމާންތަކަކަށް ދެމިގެން ހިނގައިދާނެކަމެކެވެ. އޭގެ މިސާލެއްގެ ގޮތުން މީގެ އެތައް ޒަމާނެއްގެ ކުރިން އަވަހާރަވެފައިވާ ޢިލްމުވެރިން މީސްތަކުންގެ ތެރެއަށް ދޫކުރައްވާފައި ދިޔަ ފޮތްތަކާއި، އެބޭކަލުން ކުރައްވާފައިވާ މަތިވެރި ޢިލްމީ ޚިދުމަތްތައް އަދިއަދަށް ދާންދެންވެސް އަޅުގަނޑުމެންގެ ކުރިމަތީ މިހިރީ ފެންނާށެވެ. އެޢިލްމުތަކުން މީސްތަކުން ފައިދާ ލިބިގަނެ އުޅޭހާ ދުވަހަކު އެބޭކަލުންނަށް އެކަމުގެ އަޖުރު ލިބިލިބި ހުންނަ ހުއްޓެވެ.

 ޞާލިޙު ދަރިއެއް ކުރާ ދުޢާއިން މައްޔިތާއަށް ކުރާނެ ފައިދާއަކީ ކޮބާ؟

މައްޔިތާއަށް ކޮށްދެވޭ ޞާލިޙު އެންމެހާ ޢަމަލުތަކަށް ވުރެ، މައްޔިތާގެ މައްޗަށް ކުރެވޭ ހެޔޮދުޢާ މަތިވެރިވެގެންވެއެވެ. މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދަރިންގެ ތެރެއަށް ފިރިހެންދަރިންނާއި އަންހެންދަރިން ޝާމިލުވެގެންވެއެވެ. އެބަހީ ތިބާގެ ފިރިހެންދަރިއާއި، ތިބާގެ އަންހެން ދަރިއާއި، ފިރިހެންދަރީގެ ދަރިންނާއި، އަންހެންދަރީންގެ ދަރީން މިފަދައިން ކިތަންމެ ދުރަށްދިޔަސް ޝާމިލުވެގެންވެއެވެ. އިންސާނާ މަރުވުމަށްފަހު ޞާލިޙު ދަރިއެއް އެމީހާގެ މައްޗަށް ކުރާ ދުޢާއަކީ އެމަރުވެފައިވާ އިންސާނާއަށް ޘަވާބު ލިބޭނޭކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ހަދީޘަށް ވިސްނަވާލައްވާށެވެ. وَلَدٍ صَالِحٍ يَدْعُو لَهُ އެމީހަކަށް ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ. އެމީހަކަށް ނަމާދުކުރާނެ، ނުވަތަ އެމީހަކަށް ޤުރުއާން ކިޔަވާނެ، ނުވަތަ އެމީހާގެ މަތިން ޞަދަޤާތްކޮށް ރޯދަހިފާނެ ޞާލިޙު ދަރިއެއްގެ ވާހަކަ އެއްވެސް ޙާލެއްގައި ޙަދީޘް ނުކުރައްވައެވެ. މިއެންމެހާ ކަންކަމަކީ ޞާލިޙު ޢަމަލުތައް ކަމުގައިވާއިރުވެސް އެފަދައިން ޙަދީޘް ނުކުރައްވައެވެ. އެހެނެއްކަމަކު ޙަދީޘް ކުރައްވާފައިވަނީ، އެމީހަކަށް ދުޢާކުރާނެ ޞާލިޙު ދަރިއެއްގެ ވާހަކައެވެ. ވުމާއެކު، މިކަމުން ދަލީލުކޮށްދެނީ ބައްޕައާއި މަންމައާއި ކާފައާއި މާމަގެ މަތިން ޞަދަޤާތްކުރުން ފަދަކަންކަމަށްވުރެ ދުޢާކުރުން ހެޔޮވެގެންވާ ކަމެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެނގިވަޑައިގަންނަވާ އެންމެ ހެޔޮގޮތް ނޫނީ އުއްމަތަށް ބަޔާންކޮށް ނުދެއްވާހުއްޓެވެ. ﷲ ފޮނުއްވާފައިވާ ކޮންމެ ނަބިއްޔެއްވެސް އެބޭކަލުންނަށް އެނގިވަޑައިގަންނަވާ އެންމެ ހެޔޮމަގަށް ނޫނީ އެބޭކަލެއްގެ އުއްމަތަށް މަގުދައްކަވާ ދެއްވާފައެއްނުވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތިބާގެ ބައްޕަ ނުވަތަ މަންމަގެ މައްޗަށް ޞަދަޤާތްކުރުމަކީ ދުޢާކުރުމަށްވުރެ މަތިވެރިވެގެންވާ ކަމެއްނަމަ، އެކަލޭގެފާނު ހަދީޘް ކުރައްވާހުށީ ޞަދަޤާތްކުރުމަށެވެ. ދުޢާކުރުމަށް ޙަދީޘް ނުކުރެއްވީހެވެ. މިފަދަ މަޤާމަކީ ހެޔޮކަމެއްވާނަމަ އެކަލޭގެފާނު ބަޔާންކުރައްވާނެ ވަގުތަށްވުމާއެކު، ޞަދަޤާތްކުރުން ފަދަ ހެޔޮކަންކަމަށްވުރެ ދުޢާކުރުން ޚާއްޞަކުރައްވާފައި އެވަނީއެވެ. މިއެންމެހާ ހެޔޮކަންކަމަށްވުރެ ދުޢާކުރުން ޚާއްޞަކުރައްވާފައިވުމުން އަޅުގަނޑުމެންނަށް އެނިގެގެން ދަނީ މިއެންމެހާ ކަންކަމަށްވުރެ (މައްޔިތާއަށް) ދުޢާކުރުން މަތިވެރިކަމެވެ. މީހަކު ސުވާލުކޮށްފާނެއެވެ. ‘ތިމަންގެ ބައްޕައަށް ޞަދަޤާތްކުރުން ނުވަތަ ބައްޕައަށް ދުޢާކުރުން، މިދެކަމުގެ ތެރެއިން މަތިވެރީ ކޮންކަމެއް ހެއްޔެވެ؟’ އަޅުގަނޑުމެން (ޖަވާބުގައި) ބުނާހުށީ މަތިވެރީ ދުޢާއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ އެގޮތަށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ وَلَدٍ صَالِحٍ يَدْعُو لَهُ އެމީހަކަށް ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.

އެންމެ އަޖައިބު ކުރުވަނިވި ކަމަކީ އާއްމުންނާއި އާއްމުންނާ އެއްފަދަ މީހުން ހީކުރާގޮތުގައި، ބައްޕަގެ މަތިން ޞަދަޤާތްކުރުން ނުވަތަ ރޯދައެއް ހިފުން، ނުވަތަ ބައްޕައަށްޓަކައި ޤުރުއާނުން ފޮތެއްގެ މިންވަރު ކިޔެވުން ފަދަ ޢަމަލުތަކަކީ ދުޢާކުރުމަށްވުރެ މަތިވެރިކަމެކެވެ. މިފަދައިން ހީކުރެވޭ މައިގަނޑު ސަބަބަކީ ޖާހިލުކަމެވެ. އެހެނީ، ނައްޞުތަކަށް ރަނގަޅަށް ވިސްނާލައިފިކަމުގައިވާނަމަ ދުޢާކުރުން މަތިވެރިވެގެންވެއެވެ. ނަމަވެސް އިންސާނާ އޭނާގެ މައިންބަފައިންނަށް ޞާލިޙު ޢަމަލުތައް ކޮށްދިނުމަކަށް އެންމެ ޙަދީޘެއްގައިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައެއް ނުވެއެވެ. ޞަޙާބީއެއްގެ ސުވާލަށް (ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ) ދެއްވަވާފައިވާ ޖަވާބަކާ ބެހޭގޮތުން އިމާމް މާލިކަށް ސުވާލު ދެންނެވުނެވެ. ‘މީހަކު، އެމީހާގެ މަރުވެފައިވާ ބައްޕަ ނުވަތަ މަންމަގެ ފަރާތުން ޞަދަޤާތް ކުރަންވީ ހެއްޔެވެ؟’ އިމާމް މާލިކު ވިދާޅުވިއެވެ. ‘އާއެކެވެ. އެކަމުގައި އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް (ޞަދަޤާތްކުރުމަށް) ނަބިއްޔާ، އެކަލޭގެފާނުގެ އުއްމަތަށް ގޮވާލައްވާފައެއްނުވެއެވެ. އަދި އެކަމަށް އިރުޝާދު ދެއްވާފައެއްވެސް ނުވެއެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ނަބިއްޔާއަށް ސުވާލު ދެންނެވިފައިވެއެވެ. (އެގޮތުން) ސަޢުދު ބުން ޢުބާދާ ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ ބަގީޗާ ސަޢުދުގެފާނުގެ މަންމާފުޅުގެ މަތިން ޞަދާޤާތް ކުރެވޭނެތޯ ސުވާލު ދެންނެވި ހިނދު، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ‘އާއެކެވެ’. އަދި މީހަކު އައިސް ދެންނެވިއެވެ. ‘އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ މަންމަ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ. ތިމަންނައަށް އެކަމަނާގެ މަތިން ޞަދަޤާތް ކުރެވޭނެ ހެއްޔެވެ؟’ ޙަދީޘް ކުރެއްވިއެވެ. ‘އާއެކެވެ.’ ނަމަވެސް އާއްމުގޮތެއްގައި އެންމެންގެ މައްޗަށް ޝަރީޢަތް ބަޔާންކޮށްދެއްވުމުގެގޮތުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ ‘وَلَدٍ صَالِحٍ يَدْعُو لَهُ’ އެމީހަކަށް ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.” {ޝަރްޙު ރިޔާޟުއްޞާލިޙީން (440،339/5)}.