[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 97

ޞަޙީޙުލް ބުޚާރީއަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:

 

މުސްލިމުންގެ މެދުގައި ހުރި މަޛްހަބީ ތަފާތުތަކާ އެކުވެސް، ހުރިހާ މުސްލިމުން އެއްބަސްވާ ގޮތުގައި ކީރިތި ޤުރުއާނަށް ފަހު އެހެން އެއްވެސް ފޮތަކަށް ދީފައި ނުވާ އަހަންމިއްޔަތު ޞަޙީޙުލް ބުޚާރީއަށް ލިބިފައިވެއެވެ.

އެއީ އެފޮތް އަޑު އެހުމާއި ރިވާކުރުމާއި އެފޮތަށް ރައްކާތެރިވުމާއި ލިޔުމާއި އެފޮތުގައިވާ ޙަދީޘްތައް ޝަރަޙަކުރުމާއި އެފޮތުގައިވާ ރާވީންގެ ވަނަވަރު ބަޔާންކުރުމާއި އެފޮތް ޚުލާޞާ ކުރުމާއި އެ ފޮތުގެ ސަނަދުތައް ނުލާ ރިވާކުރުމާ މިފަދަ ކަންކަމުގައެވެ. [1]

އެކަމާމެދު ހައިރާންވާން ޖެހޭ ސަބަބެއް ނުވެއެވެ. އެހެނީ އެއީ ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަ ފޮތެވެ.

އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ.

” الفربري ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަރިހުން (އެބަހީ: އިމާމުލް ބުޚާރީގެ އަރިހުން) ނުވަދިޔަ ހާސް (ޙަދީޘް) އަޑުއެހީމެވެ.”

އަދިވެސް ވިދާޅުވިއެވެ.

“އަލްޖާމިޢު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި: أبو طلحة منصور بن محمد بن علي بن قريبة البزدوي، އަދި ابراهيم بن معقل النسفي وحماد بن شاكر الفسوي ހިމެނިވަޑައިގަންނަވައެވެ. މިޒަމާނާ ހަމައަށް ގުޅިގެން އައިސްފައިވާ ރިވާޔަތަކީ: محمد بن يوسف بن مطر بن صالح بن بشر الفربريގެ ރިވާޔަތެވެ.” [2]

މިއީ މިފޮތް އަޑު އެހި ބޭކަލުންނާއި ރިވާކުރެއްވި ބޭކަލުންގެ ވާހަކައެވެ. މި ފޮތުގެ ޝަރަހައާއި މުހިންމު ނުކުތާތައް ފާހަގަކުރެއްވި ބޭކަލުންނަށް ބަލާލާއިރު ކުރީގެއާއި ފަހުގެ ޢިލްމުވެރިންވަނީ އެކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. އެ ފޮތާ ގުޅުން ހުރި އެއްވެސް ކަމެއް އެބޭކަލުން ދޫކުރައްވާފައި ނުވެއެވެ. އަދި އެ ފޮތުގައިވާ އޮޅުން އަރާ ލަފްޒުތަކާއި ނަންތަކާއި ރާވީންނާ އެ ބޭކަލުންވަނީ ބަޔާންކުރައްވާފައެވެ. އަދި އެފޮތާ މެދު އަރާފައިވާ އޮޅުންތަކަށް ޖަވާބުދެއްވާފައެވެ. [3]  

އަދި އެފޮތުގެ ޝަރަޙަތަކުގެ ތެރެއިން ޗާޕުކޮށްފައިވާ ފޮތްތަކާއި ޗާޕުކުރެވިފައި ނުވާ ފޮތްތަކުގެ ޢަދަދު 71 އަށް އަރާކަމުގައި الأستاذ عبد الغني بن عبد الخالق – رحمه الله تعالى – ވިދާޅުވިއެވެ. އަދިވެސް އެބޭފުޅާ ވިދާޅުވެފައިވާ ގޮތުގައި އެ ފޮތުގެ މުހިންމު ނުކުތާތައް ފާހަގަކޮށްފައިވާ ފޮތްތަކާއި ޚުލާޞާތަކާ އަދިވެސް އެފަދަ މަސައްކަތްތައް 44 އަށް އަރާކަމުގައެވެ. އޭގެ ތެރޭގައިވެސް ޗާޕުކޮށްފައިވާ ފޮތްތަކާއި ޗާޕުކުރެވިފައި ނުވާ ފޮތްތައް ހިމެނެއެވެ. [4]

 

= ނުނިމޭ =

 


 

އެހެނިހެން ބައިތައް

 

[1] عبد الغني عبد الخالق: الإمام البخاري وصحيحه ص: 228 – 245

[2] أحمد بن علي بن حجر: هدي الساري ص: 491 – 492.

[3] عبد الغني بن عبد الخالق: الإمام البخاري وصحيحه ص: 228 – 245.

[4] المصدر السابق.