ޞަޙީޙުލް ބުޚާރީގެ ޝަރަޙަތަކުގެ ތެރެއިން ޗާޕުކޮށްފައިވާ އެންމެ މުހިންމު ޝަރަޙަތައް:
1- أبو سليمان حمد بن محمد البستي ލިޔުއްވާފައިވާ أعلام السنن للخطابي (އަވަހާރަވީ 388 هـ). މިއީ ޞަޙީޙުލް ބުޚާރީގެ ބައެއް ޙަދީޘްތައް ޝަރަޙަކޮށްފައިވާ ފޮތެކެވެ. މިފޮތް ޗާޕުކޮށްފައިވަނީ (أعلام الحديث) ނަމުގައެވެ. އެއީ މައްކާގައި ހުންނަ ޖާމިޢަތު އުންމުލް ޤުރާއިން ޗާޕުކޮށްފައިވާ ފޮތްތަކުގެ ތެރޭގައި ހިމެނޭ ފޮތެކެވެ.
2- أبو الحسن علي بن خلف بن عبدالملك ލިޔުއްވާފައިވާ شرح صحيح البخاري. އެކަލޭގެފާނުގެ މަޝްހޫރު ނަންފުޅަކީ ابن البطال المالكي އެވެ. (އަވަހާރަވީ 449 هـ) .
3- الحافظ شمس الدين محمد بن يوسف المعروف بالكرماني ލިޔުއްވާފައިވާ الكوكب الدراري في شرح صحيح البخاري (އަވަހާރަވީ 786 هـ). [1]
މި ފޮތާ ބެހޭ ގޮތުން އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ.
“މި ފޮތަކީ ފައިދާ ހުރި ޝަރަޙައެކެވެ. އެހެނަސް ނަޤުލުކުރެއްވުމުގައި ކުށްތަކެއް އެބަހުއްޓެވެ. އެހެނީ އެކަލޭގެފާނު އެ ނަންގަވާފައިވަނީ އެކި ފަތްފުށްތަކުންނެވެ.”
4- الحافظ ابن رجب الحنبلي ލިޔުއްވާފައިވާ فتح الباري شرح صحيح البخاري (އަވަހާރަވީ 795 هـ). މިފޮތްވަނީ ތަޙުޤީޤާއެކު ޗާޕުކޮށްފައެވެ. އެހެނަސް މި ފޮތް ފުރިހަމަވެފައެއް ނުވެއެވެ.
5- الحافظ ابن حجر ލިޔުއްވާފައިވާ فتح الباري بشرح صحيح البخاري (އަވަހާރަވީ 852 هـ)، މިއީ މިފޮތުގެ އެންމެ މުހިންމު އަދި އެންމެ ރަނގަޅު ޝަރަޙައެވެ. އަދި މި ފޮތާ ބެހޭގޮތުން އައްޝައުކާނީ ވިދާޅުވެފައިވަނީ ތެދު ބަސްފުޅެކެވެ. ” الفتح (އެބަހީ: ފަތްޙުލް ބާރީ) ދޫކޮށްލާފައި އެފޮތުގެ އެހެން ޝަރަޙައަކަށް ދިޔުމެއް ނުވެއެވެ.” [2]
6- الحافظ بدر الدين أبي محمد محمود بن أحمد الحنفي ލިޔުއްވާފައިވާ عمدة القاري (އަވަހާރަވީ 855 هـ). އެކަލޭގެފާނުގެ މަޝްހޫރު ނަންފުޅަކީ العيني އެވެ.
7- شهاب الدين أحمد بن محمد ލިޔުއްވާފައިވާ إرشاد الساري (އަވަހާރަވީ 923 هـ). އެކަލޭގެފާނުގެ މަޝްހޫރު ނަންފުޅަކީ القسطلانى އެވެ.
8- الشيخ محمد أنور الكشميري الحنفي ލިޔުއްވާފައިވާ فيض الباري (އަވަހާރަވީ 1352 هـ).
9- الحاج رشيد أحمد الكنكوهي ލިޔުއްވާފައިވާ لامع الدراري.
އަދި މި މިފޮތުގެ މި ނޫނަސް އެހެން ޝަރަޙަތައްވެސް ވެއެވެ.
= ނުނިމޭ =
[1] الدرر الكامنة (6 / 66).
[2] الإمام البخاري وصحيحه لعبد الغني بن عبد الخالق ص: 230. “لا هجرة بعد الفتح”. މިއީ ޙަދީޘްބަސްފުޅެއްގައި އައިސްފައިވާ ޢިބާރާތެކެވެ. ނަމަވެސް މިތަނުގައި އައްޝައުކާނީ މިވަނީ މިޢިބާރާތް އެހެން މާނައެއްގައި ބޭނުންކުރައްވާފައެވެ.