ތައުޙީދުއް ރުބޫބިއްޔަތުގެ މުރާދަކީ ވެރިކަމާއި، ޚަލްޤުކުރެއްވުމާއި، ތަދުބީރުކުރެއްވުމާއި، ރިޒްޤުދެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުން ފަދަ އެންމެހައި އަފްޢާލުތަކުގައި (އެބަހީ ﷲ ތަޢާލާ ކުރައްވަވާ ކަންކަމުގައި) ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެއިން އެއްވެސް ކަމެއްގައި ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނުވާ ކަމަށް ހިތުން ތެދުކޮށް ޔަޤީންކޮށް އީމާންވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللهُ رَبُّ الْعَالَمِينَ﴾ ([1])
މާނައީ: “ދަންނާށެވެ! ޚަލްޤުކުރެއްވުމާއި އަމުރު ކުރެއްވުންވަނީ، އެކަލާނގެއަށް ޚާއްސަ ވެގެންނެވެ. ޢާލަމްތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ”. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَائِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَيْءٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ﴾([2])
މާނައީ: “ތިޔަބައިމީހުން ހައްދަވައި، ދެން ތިޔަބައިމީހުންނަށް ރިޒްޤުދެއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން އަލުން ދިރުއްވަނީ اللَّه އެވެ. ތިޔަބައިމީހުންގެ ޝަރީކުންގެ ތެރެއިން މިއިން އެއްވެސްކަމެއްކުރާ މީހަކު ވޭހެއްޔެވެ؟ އެއުރެން ޝަރީކުކުރާ ކަންތަކުން އެކަލާނގެ ހުސްޠާހިރު ވަންތަވެ، މަތިވެރިވެ ވޮޑިގެންވެއެވެ”.
މިފަދަ ރުބޫބިއްޔަތުގެ އެއްވެސް ކަމެއްގެ ބާރު ﷲ ތަޢާލާ ނޫން ފަރާތަކަށް ލިބިގެންވާކަމަށް ޤަބޫލުކުރުމަކީ، ނުވަތަ އެފަދަ ކަމެއް ﷲ ތަޢާލާ ނޫން ފަރާތަކަށް ނިސްބަތްކުރުމަކީ ޝިރުކުރުމެވެ.
މިލިޔުމުގައި އަލިއަޅުވާލާނީ ޝިޔަޢީންގެ ތެރޭގައި ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އީމާންވުން އޮންނަ ގޮތުގެ މައްޗަށެވެ. ޝިޔަޢީންގެ ބައެއް ޖަމާޢަތްތަކުގެ މީހުން ޢަލީގެފާނާއި، އެބައިމީހުންގެ އިމާމުންނަކީ އެއީ ބިމުގެ ރައްބުންކަމަށް ޤަބޫލުކުރެއެވެ. އަދި ޝިޔަޢީން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންގެ އިމާމުންނަކީ ދުނިޔެއާއި އާޚިރަތުގެ ކަންކަމުގެ މައްޗަށް، ﷲ ގެ އިޛްނަފުޅާއިއެކު ބާރު އޮންނަ ބައެކެވެ. އިމާމުން އެދޭ ބަޔަކަށް ކަންކަން ފަހިވެގެންދާނެއެވެ. އަދި ޝިޔަޢީންގެ ބައެއް ފިރުޤާތައް ޤަބޫލުކުރާ ގޮތުގައި ވިދުވަރާއި ގުގުރުމަކީ ޢަލީގެފާނު ކުރައްވަވާ ކަމެކެވެ. މީގެ އިތުރުންވެސް ޢަލީގެފާނު ވިލާތަކަށް ބާރު ފޯރުއްވާކަމާއި، މަރުވެފައިވާ މީހުން ދިރުއްވާކަމަށްވެސް ޝިޔަޢީން ޤަބޫލުކުރެއެވެ. މިފަދަ ﷲ ތަޢާލާއަށް ޚާއްޞަ ރުބޫބިއްޔަތުގެ ސިފަތައް ޝިޔަޢީން ޢަލީގެފާނަށާއި، އެބައިމީހުންގެ އިމާމުންނަށް ނިސްބަތްކުރެއެވެ.
ކައުނުގެ މިލްކުވެރިކަމާއި، ކައުނުގެ ކަންކަން ތަދުބީރުކުރެއްވުމުގެ ބާރަކީ ހަމައެކަނި ﷲ އަށް ޚާއްޞަ ކަމެކެވެ. މިކަމުގައި ޝިޔަޢީންގެ އިމާމުންނަށް ބާރެއް ލިބިފައިވާކަމަށް ޤަބޫލުކުރުމަކީ ޝިރުކުކުރުމެވެ.
މިއީ ޝައްކެއްވެސް ނެތް ގޮތުގައި ﷲ ތަޢާލާގެ ރުބޫބިއްޔަތުގައި ޝިރުކު ކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَلِلّهِ مُلْكُ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ الْمَصِيرُ﴾([3])
މާނައީ: “އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން މިލްކު ވެގެންވަނީ اللَّه އަށެވެ. އަދި ނިމިދިއުންވަނީވެސް އެކަލާނގެ ޙަޟްރަތަށެވެ”.
އަދި ވިދާއި ގުގުރުމާއި، ވާރޭ ވެއްސެވުމާއި، ދިރުއްވުމާއި މަރުގެންނެވުމަކީވެސް ﷲ ތަޢާލާގެ ޛާތުފުޅަށް ޚާއްސަ ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ﴾([4])
މާނައީ: “އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އުންމީދު ލިބެނިވި ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ”.
ރުބޫބިއްޔަތުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމަކީ، އަޅުކަމުގައި ޝިރުކުކުރަމުން ދިޔަ މައްކާގެ މުޝްރިކުންވެސް އީމާންވި ބާބެކެވެ. މިކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ: ﴿وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ﴾([5])
މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު ޚިދުމަތްތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: މުޝްރިކުން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”. އަދިވެސް ވަޙީކުރައްވާފައިވެއެވެ: ﴿قُلْ مَن يَرْزُقُكُم مِّنَ السَّمَاء وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيَّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللهُ فَقُلْ أَفَلاَ تَتَّقُونَ﴾([6])
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދުބީރު ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) اللَّه އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟”.
ރުބޫބިއްޔަތުގެ ކަންކަމުގައި މައްކާގެ މުޝްރިކުން ﷲ އަށް އީމާންވީ ކަމުގައި ވިޔަސް، އެބައިމީހުން ދިޔައީ އުލޫހިއްޔަތުގައި (އަޅުކަމުގައި) ﷲ އަށް ޝަރީކުކުރަމުންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ: ﴿وَمَا يُؤْمِنُ أَكْثَرُهُمْ بِاللهِ إِلاَّ وَهُم مُّشْرِكُونَ﴾([7])
މާނައީ: “އަދި އެއުރެންކުރެ ގިނަމީހުން، ޝަރީކުކުރާ ބަޔަކުކަމުގައިވާ ޙާލުގައި މެނުވީ، اللَّه އަށް އީމާނެއް ނުވެތެވެ”.
މިއާޔަތުގައި މުޝްރިކުން އީމާންވާކަމަށް މިއޮތް ބަސްފުޅުގެ މުރާދަކީ ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އެބައިމީހުން އީމާންވުމެވެ. އެހެންކަމުން ޝިޔަޢީންނަކީ މިބާބުގައި މައްކާގެ މުޝްރިކުންނަށް ވުރެވެސް މަގުފުރެދުން ބޮޑު ބައެކެވެ([8]).
([8]) المصدر: أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري 2/507