الحمد لله، والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެއީ ޢަމްރު ބުން ޘާބިތު ބުން ވުޤައިޝް (އުޤައިޝް ކަމުގައިވެސް ބުނެވެއެވެ.) ބުން ޒުޣުބާ ބުން ޒަޢުވަރާ ބުން ޢަބްދުލް އަޝްހަލް އަލް އަންޞާރީއެވެ. އެކަލޭގެފާނުގެ ކާފައަށް ނިސްބަތްކޮށް ޢަމްރު ބުން އުޤައިޝްއޭ ކިޔައެވެ. އެކަލޭގެފާނުގެ މަންމަ އަކީ ޚުޛައިފާގެ އުޚްތު، ބިންތުލް ޔަމާނެވެ. އެކަލޭގެފާނުގެ ލަޤަބަކީ އުޞައިރިމެވެ. އެކަލޭގެފާނު ޝަހީދުވީ އުޙުދު ހަނގުރާމައިގައެވެ.
ޢަމްރު ބުން ޘާބިތު رضي الله عنه އާ ބެހޭގޮތުން އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
“كَانَ لَهُ رِبًا فِي الْجَاهِلِيَّةِ، فَكَرِهَ أَنْ يُسْلِمَ حَتَّى يَأْخُذَهُ، فَجَاءَ يَوْمُ أُحُدٍ، فَقَالَ: أَيْنَ بَنُو عَمِّي؟ قَالُوا بِأُحُدٍ، قَالَ: أَيْنَ فُلَانٌ؟ قَالُوا بِأُحُدٍ، قَالَ: فَأَيْنَ فُلَانٌ؟ قَالُوا: بِأُحُدٍ، فَلَبِسَ لَأْمَتَهُ وَرَكِبَ فَرَسَهُ، ثُمَّ تَوَجَّهَ قِبَلَهُمْ، فَلَمَّا رَآهُ الْمُسْلِمُونَ، قَالُوا: إِلَيْكَ عَنَّا يَا عَمْرُو، قَالَ: إِنِّي قَدْ آمَنْتُ، فَقَاتَلَ حَتَّى جُرِحَ، فَحُمِلَ إِلَى أَهْلِهِ جَرِيحًا، فَجَاءَهُ سَعْدُ بْنُ مُعَاذٍ، فَقَالَ لِأُخْتِهِ: سَلِيهِ حَمِيَّةً لِقَوْمِكَ، أَوْ غَضَبًا لَهُمْ أَمْ غَضَبًا لِلَّهِ؟ فَقَالَ: بَلْ غَضَبًا لِلَّهِ وَلِرَسُولِهِ، فَمَاتَ فَدَخَلَ الْجَنَّةَ، وَمَا صَلَّى لِلَّهِ صَلَاةً”. [رواه أبو داود (2537)، وحسنه الألباني في صحيح وضعيف سنن أبي داود]
މާނައީ: “އެކަލޭގެފާނު ޖާހިލިއްޔަތުގައި ރިބާ ހިމެނޭ ދަރަންޏެއް މީހަކަށް ދީފައިވެއެވެ. އެ އަނބުރާ ހޯދުމުން ނޫނީ އިސްލާމުވުމަށް އެކަލޭގެފާނު ނުރުހުނެވެ. ފަހެ، އުޙުދު ހަނގުރާމައިގެ ދުވަސް ޖެހިއްޖެއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންގެ ބޮޑުބޭބެގެ ދަރިން ކޮބާ ހެއްޔެވެ؟” މީސްތަކުން ބުންޏެވެ. “އުޙުދުގައެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “މިވެނި މީހަކު ކޮބާ ހެއްޔެވެ؟” މީސްތަކުން ބުންޏެވެ. “އުޙުދުގައެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ފަހެ، މިވެނި މީހަކު ކޮބާ ހެއްޔެވެ؟” މީސްތަކުން ބުންޏެވެ. “އުޙުދުގައެވެ.” ފަހެ، (ހަނގުރާމައިގެ) ދަހަނާ އަޅުއްވައިގެން އެކަލޭގެފާނު އަހަށް ސަވާރުވެވަޑައިގެންނެވިއެވެ. ދެން އެބައިމީހުންނާ ދިމާއަށް (އުޙުދުގެ މައިދާނަށް) ވަޑައިގެންނެވިއެވެ. މުސްލިމުންނަށް އެކަލޭގެފާނު ފެނުމުން ބުންޏެވެ. “އޭ ޢަމްރެވެ! ތިބާ ތިމަންމެނާ ދުރަށް ދާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިމަން އީމާންވެއްޖައީމެވެ.” ފަހެ، އެކަލޭގެފާނަށް ޒަޚަމުވެއްޖައުމަށްދާންދެން ހަނގުރާމަކުރެއްވިއެވެ. ދެން ޒަޚަމުވެފައިވާ ޙާލު އެކަލޭގެފާނުގެ އަހުލުންގެ ގާތަށް ގެންދެވުނެވެ. ފަހެ، ސަޢުދު ބުން މުޢާޛު ވަޑައިގެން އެކަލޭގެފާނުގެ އުޚްތަށް ވިދާޅުވިއެވެ. “އެކަލޭގެފާނާ ސުވާލުކުރާށެވެ. (ހަނގުރާމަކުރީ) ތިބާގެ ޤައުމުގެ މީހުންނަށްޓަކައި ހެއްޔެވެ؟ ނުވަތަ އެބައިމީހުންނަށްޓަކައި ރުޅިއައިސްގެން ހެއްޔެވެ؟ ނުވަތަ ﷲ އަށްޓަކައި ރުޅިއައިސްގެން ހެއްޔެވެ؟” ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ކިއެއް ހެއްޔެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި ރުޅިއައިސްގެންނެވެ.” ދެން ފަހެ، އެކަލޭގެފާނު އަވަހާރަވިއެވެ. އަދި ސުވަރުގެ ވެއްދެވުނެވެ. އެކަލޭގެފާނު އެންމެ ނަމާދެއްވެސް ނުކުރައްވައެވެ.”
އަދި އެކަލޭގެފާނާ ބެހޭގޮތުން ބަރާއު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަނގުރާމައިގެ ދަހަނާ އަޅައިގެން ހުރި މީހަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ.
“يَا رَسُولَ اللَّهِ أُقَاتِلُ أَوْ أُسْلِمُ؟” قَالَ: «أَسْلِمْ، ثُمَّ قَاتِلْ»، فَأَسْلَمَ، ثُمَّ قَاتَلَ، فَقُتِلَ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «عَمِلَ قَلِيلًا وَأُجِرَ كَثِيرًا» [رواه البخاري (2808)]
މާނައީ: “އޭ ﷲ ގެ ރަސޫލާއެވެ! ތިމަން ހަނގުރާމަކުރަންވީ ހެއްޔެވެ؟ ނުވަތަ އިސްލާމުވާންވީ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، އިސްލާމުވާށެވެ. ދެން އެއަށް ފަހު ހަނގުރާމަކުރާށެވެ.” ފަހެ، އޭނާ ޤަތުލުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “(އޭނާ) ކުރީ މަދު ޢަމަލެކެވެ. އެހެނެއްކަމަކު ގިނަގުނަ އަޖުރު ލިބުނެވެ.”
_________________
މަޞްދަރު: الإصابة في تمييز الصحابة لابن حجر (4 / 500 – 502).