الحمد لله، والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ކާފިރުންގެ ޢީދުތަކުގައި ބައިވެރިވުން މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
- އެކަމުގައި އެބައިމީހުންނާ ވައްތަރުވުން ހިމެނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) [رواه أبو داود (4031)، وحسنه الألباني في مشكاة المصابيح (4347)]
މާނައީ: “ބަޔަކު މީހުންނާ ވައްތަރުވެގެންފިމީހާ ވަނީ އެބައިމީހުންގެ ތެރެއިންނެވެ.”
މިއީ ނުރައްކާތެރި އިންޒާރެކެވެ. ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް رضي الله عنه ވިދާޅުވިއެވެ.
“مَنْ بَنَى بِبِلَادِ الْأَعَاجِمِ وَصَنَعَ نَيْرُوزَهُمْ وَمِهْرَجَانَهُمْ وَتَشَبَّهَ بِهِمْ حَتَّى يَمُوتَ وَهُوَ كَذَلِكَ حُشِرَ مَعَهُمْ يَوْمَ الْقِيَامَةِ”. [رواه البيهقي في السنن الكبرى (18863)]
މާނައީ: “ޢަޖަމީންގެ ބިމެއްގައި ދިރިއުޅޭ މީހަކު އެބައިމީހުންގެ ނައިރޫޒާއި (އައު އަހަރާއި) މިހްރަޖާން (އެބައިމީހުން ފާހަގަކުރާ އެކި ޙަފްލާތައް) ފާހަގަކޮށް އެބައިމީހުންނާ ވައްތަރުވެގަނެ، އޭނާ މަރުވެއްޖައުމަށް ދާންދެން އެގޮތުގައި ހުރެއްޖެނަމަ ދަންނައެވެ. އޭނާ ޤިޔާމަތްދުވަހު އަލުން ދިރުއްވޭނީ އެބައިމީހުންނާ އެކުގައެވެ.”
- އެކަމުގައި ބައިވެރިވުމަކީ އެބައިމީހުންނާ އެކުވެރިވެ، އެބައިމީހުން ދެކެ ލޯބިވުން ހިމެނޭ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ﴾ [سورة المائدة ٥١]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ﴾ [سورة الممتحنة ١]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހުގެ ޢަދުއްވުންނާ އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެބައިމީހުންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި ޙައްޤު ދީނަށް އެބައިމީހުންވަނީ ކާފިރުވެފައެވެ.”
- ޢީދަކީ ޢަޤީދާއާ ގުޅުންހުރި، ދީނީކަމެކެވެ. އެއީ އާދަކާދައިގެ ތެރޭގައި ހިމެނޭ ދުނިޔަވީ ކަމެއް ނޫނެވެ. އަންނަނިވި ޙަދީޘުން އެކަން ދަލީލުކޮށްދެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا» [رواه البخاري (952) ومسلم (16 – (892))]
މާނައީ: “ހަމަކަށަވަރުން ކޮންމެ ޤައުމަކަށް ޢީދެއްވެއެވެ. އަދި މިއީ އަހަރެމެންގެ ޢީދެވެ.”
އެބައިމީހުންގެ ޢީދުތަކުން ފެންނަނީ ޝިރުކާއި ކުފުރުގެ ފާސިދު ޢަޤީދާއެވެ.
- އަންނަނިވި އާޔަތުގައި އެވަނީ މުޝްރިކުންގެ ޢީދުތަކުގެ ވާހަކަކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
﴿وَالَّذِينَ لَا يَشْهَدُونَ الزُّورَ﴾ [سورة الفرقان ٧٢]
މާނައީ: “އަދި އެބައިމީހުންނީ ދޮގުވެރި ބަސްތަކުގެ މައްޗަށް ހެކި ނުދޭ މީހުންނެވެ.”
އެބައިމީހުންގެ ޢީދުތަކުގައި އެބައިމީހުންނަށް ހަދިޔާއާއި ކާޑުފަދަ ތަކެތި ދިނުން ހުއްދަވެގެން ނުވެއެވެ. އަދި އެބައިމީހުންގެ ޢީދުތަކުގައި ބޭނުންކުރުމަށް ބޮކިތަކާއި، ގަސްތަކާ އަދި ކާބޯތަކެތި އެބައިމިހުންނަށް ވިއްކުންވެސް ހުއްދަވެގެންނުވެއެވެ.
_____________________