ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުގައި ނަފްސުތައް އިސްރާފުކޮށްފައިވާ މުސްލިމުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި އެކަލާނގެއަށް ޙައްޤުވެގެންވާ ގޮތުގައި ތަޤުވާވެރިވާށެވެ. ކުށަށް އިޢުތިރާފުވެ، ތަޢުބާވުމަށް އަވަސްވެގަންނާށެވެ. ހަމަކަށަވަރުން ފާޙިޝް ޢަމަލުތަކަކީ މީހާ ގެއްލި ހަލާކުކޮށްލާފާނެ ކަންތައްތަކެކެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ފާފަތައް ދޫކޮށްލާށެވެ. އަދި ﷲ އެންގެވި ގޮތްތަކުގައި ހިފަހައްޓާށެވެ. އިލާހީ އިރުޝާދުތަކަށް ތަބަޢަވާށެވެ. އެހެނީ އެއިރުޝާދުތަކަކީ ހަމަ ޙައްޤެވެ.
ފުރަތަމަ ތިބާގެ ހިތުގެ ފާހިޝްކަން ދޫކޮށް، ތިބާގެ ހިތް ފާހިޝްކަމުން ޠާހިރުކުރާށެވެ. އެއީ ހުރިހާކަމެއްގެވެސް އަސްލެވެ. ހިތަކީ މީހާގެ ހަރަކާތްތަކާއި ޢަމަލުތައް މަސައްކަތްކުރުވާ ނިޒާމެވެ. ތިބާގެ ޢަމަލުތައް ބިނާވެގެންވަނީ ހިތުގެ އެދުންތަކުގެ މައްޗަށެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. “أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلاَ وَهِيَ الْقَلْبُ.” رواه البخاري
މާނައީ:“ހަށިގަނޑު ތެރޭގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު އިޞްލާޙުވެއްޖެނަމަ މުޅި ހަށިގަނޑު ހިޞްލާޙުވެގެންދެއެވެ. އަދި އެ ފަސާދަވެއްޖެނަމަ މުޅި ހަށިގަނޑު ފަސާދަވެގެންދެއެވެ. އެއީ ހިތެވެ.”
ތިބާގެ ހިތް އިޞްލާހު ކުރުމަށްފަހު، ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ. އަދި ތިބާވީ ކޮންމެތަނެއްގައި އަބަދުވެސް ﷲ ހަނދުމަކުރާށެވެ. ހިތަށް ހިތްހަމަޖެހުން ލިބުމަށް ﷲ ތަޢާލާގެ މަތިން ޛިކުރުކުރުމުގައި ތިބާގެ ދޫ ތެތްކަން މަތީގައި ބަހައްޓާށެވެ. ނަމާދާއި ރޯދަހިފުމުން ރައްކާތެރިކަން ލިބިގަންނާށެވެ. ހަމަކަށަވަރުން ރޯދައަކީ ފާޙިޝް ކަންތައްތަކުން ދުރުވެގަތުމަށް އޮތް ވަރަށް ކުޅަދާނަ އައްޑަނައެކެވެ. ޝައިތާނާގެ ކެހިވެރި ދަންތުރައިން ސަލާމަތްވުމަށް ހަޔާތުގެ އަގުހުރި ވަގުތުތައް އިސްރާފުނުކުރާށެވެ. ޤުރުއާން ކިޔެވުމާއި ދުނިޔެއާއި އާޚިރަތަށް ފައިދާކުރަނިވި ޢަމަލުތަކުން ތިބާގެ ހުސްވަގުތުތައް ފުރާލާށެވެ. އަދި ފާއިތުވެ ދިޔަ ސަލަފުއް ޞާލިޙުންގެ ހަޔާތުގެ ޞަފްހާތަކުން އިބުރަތް ޙާޞިލުކުރާށެވެ.
މިއަދު ފާޙިޝް ޢަމަލުތައް ޢާންމުވެފައި ވާއިރު، އަދި މީސްތަކުންގެ ތެރޭގައި އަޢުރަ ނިވާނުކޮށް ފާޙިޝް މަންޒަރުުތައް ދައްކުވައިދޭ ފޮޓޯ ތަކާއި ވީޑިއޯތައް ބެލުމުގައި މަޝްޣޫލުވެފައިވާ މީސްތަކުން ދަރުސް ލިބިގަންނާށެެވެ. ފާހިޝް ކަމެއް ތިބާއަށް ކުރެވިފައިވާނަމަ އަވަހަށް ﷲ އަށް ތަޤުވާވެރިވެ، އެކަންތައްތަކުން ދުރުހެލިވެގަންނާށެވެ. ސިއްރާއި ފާޅުގައި ތިބާކުރާ ކަންތައްތައް ﷲ މޮޅަށް ދެނެވޮޑުގެންވާކަން ތިބާ ހަނދާންކުރާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. ހަމަކަށަވަރުން ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވުން ތިބާއަށް މޮޅު އިތުރުވެގެންވެއެވެ. އެކަން ތިބާ ދަންނާނެނަމައެވެ.