ޞަޙީޙުލް ބުޚާރީގައިވާ ޙަދީޘްތަކުގެ ޢަދަދު:
الحافظ أبو عمرو عثمان بن الصلاح ވިދާޅުވިއެވެ.
“ޞަޙީޙުލް ބުޚާރީގައިވާ ޖުމްލަ ޙަދީޘްގެ ޢަދަދަކީ 7275 ޙަދީޘެވެ. އެއީ ތަކުރާރުވެފައިވާ ޙަދީޘްތައް ހިމަނައިގެންނެވެ. އަދި ބުނެވެއެވެ. ތަކުރާރު ޙަދީޘްތައް ނުލާ އެއީ 4000 ޙަދީޘެވެ. އެހެނަސް މި ޢިބާރާތުގައި ޞަޙާބީ ބޭކަލުންނާ ތާބިޢީ ބޭކަލުންގެ ކިބައިން ވާރިދުވެފައިވާ އަޘަރުތައް ހިމަނަފާނެއެވެ. އަދި ފަހަރުގައި ދެ ސަނަދުން ރިވާވެފައިވާ އެއް ޙަދީޘް، އެންމެ ޙަދީޘެއްގެ ގޮތުގައި ބަލާފާނެއެވެ.” [1]
އަދި الحافظ أبو الفضل شهاب الدين بن حجر ވިދާޅުވިއެވެ.
“ރަނގަޅަށް ދިރާސާކުރުމުން އެނގިގެންދަނީ ތަކުރާރުކުރުމަކާ ނުލައި ޞަޙީޙުލް ބުޚާރީގައިވާ މައުޞޫލު ޙަދީޘްގެ ޢަދަދަކީ 2602 ޙަދީޘެވެ. އަދި މަރުފޫޢުކޮށް އައިސްފައިވާ މުޢައްލިޤު ރިވާޔަތްތަކުގެ ތެރެއިން އެފޮތުގެ އެހެން ތަނެއްގައި މައުޞޫލުކޮށް ގެނެސްފައި ނުވާ ޙަދީޘްތަކުގެ ޢަދަދަކީ 159 ޙަދީޘެވެ. އެ ހުރިހާ ޙަދީޘެއްގެ ޢަދަދަކީ 2761 ޙަދީޘެވެ. އަޅުގަނޑު މިބަޔާން ކުރި ޢަދަދާއި އިބްނު ޞަލާޙު ބަޔާންކުރެއްވި ޢަދަދާއި އަދި އެހެން ބޭކަލުން ބަޔާންކުރެއްވި ޢަދަދާ ދެމެދު ވަރަށް ބޮޑު ފަރަޤެއްވެއެވެ. މި އޮޅުން އަރާފައި މިވަނީ ކިހަނަކުން ކަމެއް އަޅުގަނޑަކަށްވެސް ނޭނގުނެވެ. ލަފާކުރެވެނީ އެންމެ ފުރަތަމަ ޢަދަދުކުރެއްވި ބޭކަލަކު ޢަދަދުކުރައްވާފައި އެވަނީ އެއް ޙަދީޘް ދެ ތަނުގައި ގެނެސްފައިވާ ނަމަ އަދި އެއް ތަނުގައި އެ ޙަދީޘް ދިގުކޮށް ގެންނަވާފައި އަނެއް ތަނުގައި ޚުލާޞާކޮށް ޙަދީޘް ގެންނަވާފައިވާނަމަ އެއީ ދެ ޙަދީޘްކަމުގައި ބެއްލެވީ ކަމުގައެވެ. އަދި އެހެން ބޭކަލުން އެކަމުގައި އެބޭކަލަކަށް ތަބާވެވަޑައިގެންނެވީ ކަމުގައެވެ. އެއީ ފަހަރުގައި ގިނަދުވަސް ފަހުން ބެލުމުން އަރާފައި އޮޅުމެކެވެ. ނުވަތަ މިފަންނު ރަނގަޅަށް ނުދަންނާތީ އަރާފައިވާ އޮޅުމެކެވެ. މިފަދަ ވަރަށް ގިނަ ޙަދީޘް އެފޮތުގައި ވެއެވެ. މިގޮތަށް ބެލުމުން ޙަދީޘްގެ ޢަދަދު ގުނުމުގައި މިހާ ބޮޑު ފަރަޤެއް މެދުވެރިވި ސަބަބު ހާމަވެގެން ދެއެވެ. والله الموفق.” [2]
= ނުނިމޭ =
[1] ابن الصلاح: علوم الحديث ص: 16 – 17.
[2] ابن حجر: هدي الساري ص: 477. އަދި އިބްނު ޙަޖަރުގެ އަރިހުގައި ޞަޙީޙުލް ބުޚާރީގައި ތަކުރާރުކުރުމާއެކު ވާރިދުވެފައިވާ މަރްފޫޢު އަދި މައުޞޫލު ޙަދީޘްގެ ޢަދަދަކީ 7397 ޙަދީޘެވެ.