[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަބްދުﷲ ބުން ސަލާމް رضي الله عنه

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޢަބްދުﷲ ބުން ސަލާމް ބުން އަލްޙާރިޘް رضي الله عنه އަކީ ޔަޢުޤޫބު عليه السلام ގެ ދަރިކަލުން ޔޫސުފް عليه السلام ގެ ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫ ޔޫސުފެވެ. އެކަލޭގެފާނަކީ ޔަހޫދީ ޤަބީލާއެއްކަމުގައިވާ ބަނޫ ޤައިނުޤާޢުގެ ބޭކަލެކެވެ. އިސްލާމުވުމުގެ ކުރިން އެކަލޭގެފާނުގެ ނަމަކީ އަލްޙުޞައިނެވެ. އެކަލޭގެފާނު އިސްލާމުވުމުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ނަން ޢަބްދުﷲއަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނު އިސްލާމްވީ ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިތާ ކުރީކޮޅެވެ.

ޢަބްދުﷲ ބުން ސަލާމް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމުން މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުވެސް މީސްތަކުންނާއެކު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

فَلَمَّا اسْتَبَنْتُ وَجْهَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ وَكَانَ أَوَّلُ شَيْءٍ تَكَلَّمَ بِهِ أَنْ قَالَ: «يَا أَيُّهَا النَّاسُ، أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا وَالنَّاسُ نِيَامٌ تَدْخُلُونَ الجَنَّةَ بِسَلَامٍ» [رواه الترمذي (2485)، وصححه الألباني في سلسلة الأحاديث الصحيحة (569)]

މާނައީ: “ފަހެ، ރަސޫލުﷲ صلى الله عليه وسلم ގެ މޫނުފުޅަށް ބަލައިލުމުން އެކަލޭގެފާނުގެ މޫނުފުޅަކީ ދޮގުވެރިއެއްގެ މޫނެއް ނޫންކަން ތިމަންނާއަށް އެނގުނެވެ. (އެދުވަހު) އެކަލޭގެފާނު އެންމެ ފުރަތަމަ ޙަދީޘްކުރެއްވި ބަސްފުޅަކީ މިއެވެ. “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ސަލާމް ފަތުރާށެވެ. އަދި މީސްތަކުންނަށް ކާންދޭށެވެ. އަދި މީސްތަކުން ނިދާފައި ތިބޭއިރު ނަމާދުކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއެކު ސުވަރުގެއަށް ވަދެވޭނެއެވެ.””  

އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ.

إِنِّي سَائِلُكَ عَنْ ثَلاَثٍ لاَ يَعْلَمُهُنَّ إِلَّا نَبِيٌّ: فَمَا أَوَّلُ أَشْرَاطِ السَّاعَةِ؟، وَمَا أَوَّلُ طَعَامِ أَهْلِ الجَنَّةِ؟، وَمَا يَنْزِعُ الوَلَدُ إِلَى أَبِيهِ أَوْ إِلَى أُمِّهِ؟ قَالَ: «أَخْبَرَنِي بِهِنَّ جِبْرِيلُ آنِفًا» قَالَ: جِبْرِيلُ؟: قَالَ: «نَعَمْ»، قَالَ: ذَاكَ عَدُوُّ اليَهُودِ مِنَ المَلاَئِكَةِ، فَقَرَأَ هَذِهِ الآيَةَ: ﴿مَنْ كَانَ عَدُوًّا لِجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَى قَلْبِكَ بِإِذْنِ اللَّهِ﴾ [البقرة: 97]. «أَمَّا أَوَّلُ أَشْرَاطِ السَّاعَةِ فَنَارٌ تَحْشُرُ النَّاسَ مِنَ المَشْرِقِ إِلَى المَغْرِبِ، وَأَمَّا أَوَّلُ طَعَامٍ يَأْكُلُهُ أَهْلُ الجَنَّةِ فَزِيَادَةُ كَبِدِ حُوتٍ، وَإِذَا سَبَقَ مَاءُ الرَّجُلِ مَاءَ المَرْأَةِ نَزَعَ الوَلَدَ، وَإِذَا سَبَقَ مَاءُ المَرْأَةِ نَزَعَتْ»، قَالَ: أَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّكَ رَسُولُ اللَّهِ، يَا رَسُولَ اللَّهِ، إِنَّ اليَهُودَ قَوْمٌ بُهُتٌ، وَإِنَّهُمْ إِنْ يَعْلَمُوا بِإِسْلاَمِي قَبْلَ أَنْ تَسْأَلَهُمْ يَبْهَتُونِي، فَجَاءَتِ اليَهُودُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَيُّ رَجُلٍ عَبْدُ اللَّهِ فِيكُمْ». قَالُوا: خَيْرُنَا وَابْنُ خَيْرِنَا، وَسَيِّدُنَا وَابْنُ سَيِّدِنَا، قَالَ: «أَرَأَيْتُمْ إِنْ أَسْلَمَ عَبْدُ اللَّهِ بْنُ سَلاَمٍ». فَقَالُوا: أَعَاذَهُ اللَّهُ مِنْ ذَلِكَ، فَخَرَجَ عَبْدُ اللَّهِ فَقَالَ: أَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، فَقَالُوا: شَرُّنَا وَابْنُ شَرِّنَا، وَانْتَقَصُوهُ، قَالَ: فَهَذَا الَّذِي كُنْتُ أَخَافُ يَا رَسُولَ اللَّهِ. [رواه البخاري (4480)]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނުގެ އަރިހުގައި ތިމަން މި ސުވާލުކުރާ ތިން ކަމަކީ ނަބިއްޔަކަށް ނޫނީ ނޭނގޭނެ ކަންތައްތަކެކެވެ. ފަހެ، ޤިޔާމަތުގެ ފުރަތަމަ ޢަލާމާތަކީ ކޮބާ ހެއްޔެވެ؟ އަދި ސުވަރުގޭގެ އަހުލުވެރިންގެ ފުރަތަމަ ކެއުމަކީ ކޮބާ ހެއްޔެވެ؟ އަދި ކުއްޖާ ބައްޕައާ ނުވަތަ މަންމައާ އެއްގޮތްވަނީ ކޮން އެއްޗެއްގެ ސަބަބުން ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޖިބްރީލުގެފާނު ދެންމެ ތިމަންކަލޭގެފާނަށް ތިކަންކަމުގެ ޚަބަރު ދެއްވައިފިއެވެ.”

ތިމަން ދެންނެވީމެވެ. “ޖިބްރީލުގެފާނު ހެއްޔެވެ؟”

އެކަލޭގެފާނު ޙަދޘްކުރެއްވިއެވެ. “އާއެކެވެ.”

ތިމަން ދެންނެވީމެވެ. “އެއީ މަލާއިކަތުންގެ ތެރެއިން ޔަހޫދީންގެ ޢަދުއްވެވެ.”

ފަހެ، އެކަލޭގެފާނު މި އާޔަތް ކިޔަވާ ވިދާޅުވިއެވެ.

﴿مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ﴾ [البقرة: 97]

މާނައީ: “ޖިބްރީލުގެފާނަށް ޢަދާވާތްތެރިޔަކު ކަމުގައިވާ މީހަކީ (ﷲއަށް ޢަދާވާތްތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނު ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރުއާން ގެނެސްދެއްވީ ﷲގެ އިޛުނަފުޅަށެވެ.”

(އަދި ޙަދީޘްކުރެއްވިއެވެ.) “ޤިޔާމަތުގެ ފުރަތަމަ ޢަލާމާތާމެދު ދަންނައެވެ. ފަހެ، އެއީ އިރުމަތިން ހުޅަނގަށް މީސްތަކުން ޖަމާކުރާނެ އަލިފާނެވެ. އަދި ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަ ކާނެ ކާއެއްޗަކާމެދު ދަންނައެވެ. ފަހެ، އެއީ މަހުގެ މޭގެ ބައެކެވެ. އަދި ފިރިހެންމީހާގެ ފެން އަންހެންމީހާގެ ފެނަށްވުރެ ކުރިއަރައިފިނަމަ ފިރިހެންމީހާއާ އެއްގޮތްވެއެވެ. އަދި އަންހެންމީހާގެ ފެން ކުރިއަރައިފިނަމަ އަންހެންމީހާއާ އެއްގޮތްވެއެވެ.”

ތިމަން ދެންނެވީމެވެ. “ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ތިމަން ހެކިވަމެވެ. އަދި ކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ތިމަން ހެކިވަމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ޔަހޫދީންނަކީ ވަރަށް ދޮގުހަދާ ބައެކެވެ. ކަލޭގެފާނު ތިމަންނާއާ ބެހޭގޮތުން އެބައިމީހުންނާ ސުވާލުކުރުމުގެ ކުރިން އެބައިމީހުންނަށް ތިމަން އިސްލާމުވިކަން އެނގިއްޖެނަމަ، އެބައިމީހުން ތިމަން ދޮގުކުރާނެއެވެ.”

ފަހެ، ޔަހޫދީން އައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ޢަބްދުﷲއަކީ ތިޔަބައިމީހުންގެ ތެރޭގައި ކޮންކަހަލަ މީހެއް ހެއްޔެވެ؟”

އެބައިމީހުން ބުންޏެވެ. “ތިމަންމެންގެ ތެރެއިން ހެޔޮ މީހެކެވެ. އަދި ތިމަންމެންގެ ތެރެއިން ހެޔޮ މީހެއްގެ ދަރިއެކެވެ. އަދި ތިމަންމެންގެ މަތިވެރި މީހެކެވެ. އަދި ތިމަންމެންގެ ތެރެއިން މަތިވެރި މީހެއްގެ ދަރިއެކެވެ.”

އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ޢަބްދުﷲ ބުން ސަލާމް އިސްލާމުވެއްޖެނަމަ ތިޔަބައިމީހުން ދެކޭނީ ކިހިނެތް ހެއްޔެވެ؟”

ފަހެ، އެބައިމީހުން ބުންޏެވެ. ” ﷲ، އެކަލޭގެފާނު އެކަމުން ރައްކާތެރި ކުރައްވާށިއެވެ!”

ފަހެ، ޢަބްދުﷲ އެބައިމީހުގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ތިމަން ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ތިމަން ހެކިވަމެވެ.”

ފަހެ، އެބައިމީހުން ބުންޏެވެ. “(އެއީ) ތިމަންމެންގެ ތެރެއިން އެންމެ ނުބައި މީހާއެވެ. އަދި ތިމަންމެންގެ ތެރެއިން އެންމެ ނުބައި މީހާގެ ދަރިއެވެ.” އަދި އެބައިމީހުން އެކަލޭގެފާނާ ބެހޭގޮތުން ބަދުބަސް ބުންޏެވެ.

އެކަލޭގެފާނު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ބިރުގަތް ކަމަކީ މިއީއެވެ.”

 

އެކަލޭގެފާނުގެ މާތްކަމާ ބެހޭގޮތުން ސަޢުދު ބުން އަބީ ވައްޤާޞް رضي الله عنه ވިދާޅުވިއެވެ.

“مَا سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: لِأَحَدٍ يَمْشِي عَلَى الأَرْضِ إِنَّهُ مِنْ أَهْلِ الجَنَّةِ، إِلَّا لِعَبْدِ اللَّهِ بْنِ سَلاَمٍ”. [رواه البخاري (3812)]

މާނައީ: “ޢަބްދުﷲ ބުން ސަލާމް ފިޔަވާ ބިންމަތީ ހިންގަވާ އެހެން އެއްވެސް ބޭކަލަކާ ބެހޭގޮތުން، ހަމަކަށަވަރުން އެއީ ސުވަރުގޭގެ އަހުލުވެރިއެކޭ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑު ނާހަމެވެ.”

އަދި މުޢާޛު ބުން ޖަބަލު رضي الله عنه މަރަށް ޙާޟިރުވެފައިވަނިކޮށް އެކަލޭގެފާނަށް ދެންނެވުނެވެ. “އޭ އަބޫ ޢަބްދުއްރަޙްމާނެވެ. ތިމަންމެންނަށް ވަޞިއްޔަތްކޮށްދެއްވާށެވެ.” ފަހެ، އެކަލޭގެފާނު ދެންނެވިއެވެ.

“إِنَّ العِلْمَ وَالإِيمَانَ مَكَانَهُمَا، مَنْ ابْتَغَاهُمَا وَجَدَهُمَا”، يَقُولُ ذَلِكَ ثَلَاثَ مَرَّاتٍ، “وَالتَمِسُوا العِلْمَ عِنْدَ أَرْبَعَةِ رَهْطٍ، عِنْدَ عُوَيْمِرٍ أَبِي الدَّرْدَاءِ، وَعِنْدَ سَلْمَانَ الفَارِسِيِّ، وَعِنْدَ عَبْدِ اللَّهِ بْنِ مَسْعُودٍ وَعِنْدَ عَبْدِ اللَّهِ بْنِ سَلَامٍ الَّذِي كَانَ يَهُودِيًّا فَأَسْلَمَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّهُ عَاشِرُ عَشَرَةٍ فِي الجَنَّةِ»”. [رواه الترمذي (3804) وصححه الألباني في مشكاة المصابيح (6240)]

މާނައީ: “ޢިލްމާއި އީމާންކަން، އޮތް ތަނުން އެ ހޯދަން މަސައްކަތްކޮށްފި މީހަކަށް އެ ފެންނާނެއެވެ.” އެފަދައިން ތިން ފަހަރު ވިދާޅުވިއެވެ. (އަދި ވިދާޅުވިއެވެ.) “ހަތަރު ބޭކަލެއްގެ އަރިހުން ޢިލްމު ހޯދާށެވެ. ޢުވައިމިރު، އަބުއްދަރުދާއުގެ އަރިހުންނެވެ. އަދި ސަލްމާން އަލްފާރިސީގެ އަރިހުންނެވެ. އަދި ޢަބްދުﷲ ބުން މަސްޢޫދުގެ އަރިހުންނެވެ. އަދި ޢަބްދުﷲ ބުން ސަލާމުގެ އަރިހުންނެވެ. އެކަލޭގެފާނަކީ ކުރީގައި ޔަހޫދީއެކެވެ. ފަހެ، އެކަލޭގެފާނު ފަހުން އިސްލާމުވިއެވެ. ފަހެ، ރަސޫލުﷲ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “ހަމަކަށަވަރުން އެކަލޭގެފާނުވަނީ އެންމެ ފުރަތަމަ ސުވަރުގެ ވަންނަ ދިހަ ބޭކަލުންގެ ތެރެއިން ދިހަވަނައިގައެވެ.”

 

އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 43 ވަނަ އަހަރު މަދީނާގައެވެ.

 


މަޞްދަރު: [الإصابة في تمييز الصحابة لابن حجر (4 / 102 – 104)]