[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމުލް މުއުމިނީން ޚަދީޖާ ބިންތު ޚުވައިލިދު رضي الله عنها – 3

* ޚަދީޖަތުގެފާނުގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް

 

  1. އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“أَتَى جِبْرِيلُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللَّهِ: هَذِهِ خَدِيجَةُ قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ إِدَامٌ، أَوْ طَعَامٌ أَوْ شَرَابٌ، فَإِذَا هِيَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا وَمِنِّي وَبَشِّرْهَا بِبَيْتٍ فِي الجَنَّةِ مِنْ قَصَبٍ لاَ صَخَبَ فِيهِ، وَلاَ نَصَبَ”. [رواه البخاري(3820) ومسلم (71 – (2432))]

މާނައީ: “ޖިބްރީލުގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. ފަހެ، (ޖިބްރީލުގެފާނު) ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. މިއީ ޚަދީޖާއެވެ. އެކަމަނާ އެވަޑައިގެންނެވީ ކަންވާރަކަށް ލައިގެންކާ އެއްޗެއް އަޅުއްވައިގެންނެވެ. ނުވަތަ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އަޅާފައިހުރި ތައްޓެއް ހިއްޕަވައިގެންނެވެ. ފަހެ، އެކަމަނާ ކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމުން އެކަމަނާގެ ރައްބުގެ ޙަޟްރަތުން އަދި ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން އެކަމަނާއަށް ސަލާމް ދަންނަވާށެވެ. އަދި އެކަމަނާއަށް ސުވަރުގޭގައި އެތެރެ ހޮއި މުތުން ހަދާފައި ހުރި ތަނަވަސް ގެކޮޅެއްވާކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އެތަނުގައި ދެބަސްވުމެއް އަދި ވަރުބަލިކަމެއް ނުވެއެވެ.”

 

  1. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

خَطَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ أَرْبَعَةَ خُطُوطٍ، قَالَ: «تَدْرُونَ مَا هَذَا؟» فَقَالُوا: اللهُ وَرَسُولُهُ أَعْلَمُ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَفْضَلُ نِسَاءِ أَهْلِ الْجَنَّةِ: خَدِيجَةُ بِنْتُ خُوَيْلِدٍ، وَفَاطِمَةُ بِنْتُ مُحَمَّدٍ، وَآسِيَةُ بِنْتُ مُزَاحِمٍ امْرَأَةُ فِرْعَوْنَ، وَمَرْيَمُ ابْنَةُ عِمْرَانَ». [رواه أحمد (2668) وصححه الألباني في سلسلة الأحاديث الصحيحة (1508)]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ބިންމަތީގައި ހަތަރު ރޮނގު ކުރައްސަވާފައި ޙަދީޘްކުރެއްވިއެވެ. “މިއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟” ފަހެ، (ޞަޙާބީން) ދެންނެވިއެވެ. “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއެވެ.” ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މާތް އަންހެން ކަނބަލުންނަކީ ޚަދީޖާ ބިންތު ޚުވައިލިދާއި، ފާޠިމާ ބިންތު މުޙައްމަދާއި، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާ ބިންތު މުޒާޙިމް އަދި މަރްޔަމް ބިންތު ޢިމްރާނެވެ.”

 

  1. އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«حَسْبُكَ مِنْ نِسَاءِ العَالَمِينَ: مَرْيَمُ ابْنَةُ عِمْرَانَ، وَخَدِيجَةُ بِنْتُ خُوَيْلِدٍ، وَفَاطِمَةُ بِنْتُ مُحَمَّدٍ وَآسِيَةُ امْرَأَةُ فِرْعَوْنَ». [رواه الترمذي (3878) وصححه الألباني في مشكاة المصابيح (6190)]

މާނައީ: “ޢާލަމުގައިވާ އެންމެހާ އަންހެނުންގެ ތެރެއިން، މަރްޔަމް ބިންތު ޢިމްރާނާއި، ޚަދީޖާ ބިންތު ޚުވައިލިދާއި، ފާޠިމާ ބިންތު މުޙައްމަދު އަދި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާ (ފުރިހަމަކަމުގައި) ފުދިގެންވެއެވެ.”

 

=ނުނިމޭ=

________________________

މަޞްދަރު: الإصابة في تمييز الصحابة لابن حجر

 

މި ލިޔުމުގެ އެހެން ބައިތައް