الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.
ޝައްކެތް ނެތް ގޮތުގައި މަސްތުވާތަކެތި؛ އޭގެ ތެރޭގައި ހިމެނޭ ޙަޝީޝާއި އަފިހުނާއި ކޮކެއިނާއި މޯރފިނާ މިފަދަ އެންމެހައި އެއްޗެއް ޙަރާމު ކުރެވިފައިވަނީ ގިނަ ސަބަބުތަކަކަށްޓަކައެވެ. އޭގެ ތެރޭގައި:
ފުރަތަމަ ސަބަބީ: މިފަދަ ތަކެތީން އިންސާނާގެ ބުއްދިކުރުމުގެ ބާރު ކަނޑުވައިލައި ބުއްދި މުޅީން ފިލުވައިލާތީއެވެ. އެ އެއްޗަކުން މި ކަންތައް ކުރިމަތި ވާ ކޮންމެ އެއްޗަކީ ޙަރާމު އެއްޗެކެވެ. މި ކަން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އައިގެ އަންނަނިވި ބަސްފުޅުން އެނގެއެވެ:
«كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ، وَمَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا لَمْ يَتُبْ، لَمْ يَشْرَبْهَا فِي الْآخِرَةِ» [رواه مسلم (2003)]
”މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. އަދި މަސްތުވާ ކޮންމެ އެއްޗެއް ޙަރާމްވެގެން ވެއެވެ. އަދި ދުނިޔެ މަތީގައި ރާ ބޯ މީހާ، އެއަށް ދެވިހިފާފައިވާ ޙާލު، މަރުވާއިރުވެސް އެކަމުން ތައުބާ ނުވެ މަރުވެއްޖެނަމަ، އާޚިރަތުގައި އޭނާ (ސުވަރުގޭގެ) ރަލެއް ނުބޯނެއެވެ.“
އަދިވެސް ބުޚާރީ އާއި މުސްލިމު އަބޫ މޫސާގެ އަރިހުން ރިވާ ކުރައްވައިފައި ވެއެވެ[1]:
އަބޫ މޫސާ ވިދާޅުވިއެވެ: ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުން އަޅުގަނޑު އަދި މުޢާޛު ބްނު ޖަބަލު ޔަމަނަށް ފޮނުއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ.
يَا رَسُولَ اللهِ، إِنَّ شَرَابًا يُصْنَعُ بِأَرْضِنَا يُقَالُ لَهُ الْمِزْرُ مِنَ الشَّعِيرِ، وَشَرَابٌ يُقَالُ لَهُ الْبِتْعُ مِنَ الْعَسَلِ، فَقَالَ: «كُلُّ مُسْكِرٍ حَرَامٌ»
އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ރަށުގައި އަލްމިރްޒު އެވެ ކިޔާ ބުއިމެއް ބާރުލީން ތައްޔާރު ކުރެތެވެ. އަދި އަލްބިތުޢު ކިޔާ ބުއިމެއް މާމުއިން ތައްޔާރު ކުރެއެވެ. އިތުރުއެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: “މަސްތު ކުރުވަނިވި ކޮންމެ އެއްޗަކީ ޙަރާމު އެއްޗެކެވެ.”
އަދިވެސް ބުޚާރީއާއި މުސްލިމު، މާތްރަސްކަލާނގެ އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެ އަރިހުން ރިވާކުރައްވައިފައި ވެއެވެ. [2] އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއައިގެ މިންބަރުކޮޅުގެ މަތީގައި ޢުމަރުގެފާނު ހުންނަވައި ވިދާޅުވަނިކޮށް އަހުރެން އަޑު އެހީމެވެ: “އެއަށްފަހު ދަންނާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާގެ ޙަރާމްކަން ވަނީ ބާވައިލެވިގެންނެވެ. އެއީ ފަސް ވައްތަރަކުންނެވެ؛ އެއީ މޭބިސްކަދުރުންނާއި ކަދުރުންނާއި މާމުއިންނާއި ގޮދަނުންނާއި ބާރުލީންނެވެ. (އަދި ދަންނާށެވެ!) ރަލަކީ ބުއްދި ކުރުމުގެ ބާރު ދުއްވާއިލަނިވި ކޮންމެ އެއްޗެކެވެ.”
ޝައްކެތް ނެތް ގޮތުގައި މަސްތުވާ ތަކެތިން އިންސާނާގެ ބުއްދި ކުރުމުގެ ބާރު ދުއްވާލައި ބުއްދި ފިލުވައިލަތެވެ.
އިމާމު އިބްނު ޙަޖަރު އަލްޢަސްޤަލާނިއްޔު ވިދާޅުވެފައި ވެއެވެ:
“އިތުރު އެކަލޭގެފާނުންގެ ބަސްފުޅު، “މަސްތު ކުރުވަނިވި ކޮންމެ އެއްޗަކީ ޙަރާމު އެއްޗެކެވެ.”، އައިސްފައިވާ ފުޅާކަމުން، މަސްތު ކުރުވަނިވި ކޮންމެ އެއްޗެއްވެސް ޙަރާމު ވާނޭ ކަމަށް ދަލީލު ލިބެއެވެ. އެއީ ބުއިމެއްކަމުގައި ނުވިޔަސް މެއެވެ. އޭގެ ތެރޭގައި ޙަޝީޝް އަދި އެ ނޫންވެސް ބާވަތްތައް ހިމެނޭނެތެވެ. ” والله أعلم.” [انتهى من “فتح الباري (10 / 45)]
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވިދާޅުވެފައިވެއެވެ:
“އަދި އިންސާނާގެ ބުއްދިކުރުމުގެ ބާރު ފިލުވައިލަނިވި ކޮންމެ އެއްޗެއް އެއީ ޙަރާމު އެއްޗެކެވެ. އެއީ އަދި އެ އެއްޗަކުން މަސްތު ނުކުރުވިޔަސް މެއެވެ. އެހެނީ، ހަމަކަށަވަރުން އިންސާނާގެ ބުއްދި ކުރުމުގެ ބާރު ފިލުވައިލުމަކީ މުސްލިމުންގެ އިޖުމާޢުން ޙަރާމު ކަމެއްކަމުގައި ވާތީއެވެ. އަދި البَنج (އެނެސްތެޓިކެއް) ބޭނުން ކުރުމުން ބުއްދި ކުރުމުގެ ބާރު ފިލުވައި ނުލަނިވި ކަމުގައި ވާނަމަ އޭނާގެ އަދަބަކީ ތަޢުޒީރު ކުރުމެވެ.”
ދަންނަބޭކަލުން ކުރެ ތަޙުޤީޤު ޢިލްމުވެރީން ދެނެވަޑައިގަންނަވަނީ (ޙަޝީޝް)އަކީ މަސްތުވާ އެއްޗެއް ކަމުގައެވެ. އަދި އެ ބޭނުން ކުރާނީ މީސްތަކުން ކުރެ ފާޖިރުންކަމުގައެވެ. އެއީ އޭގެން އިންސާނާއަށް ލިއްބައި ދޭ މަސްތުގެ ލައްޒަތުގެ ސަބަބުންނެވެ. ފަހެ އޭގައި މަސްތުކުރުވަނިވި ތަކެތި އެކުލެވިގެން ވެއެވެ. ފަހެ ބަނގުރާގެ ސަބަބުން މައްސަލަތަކާއި ޚުޞޫމާތްތައް މެދުވެރި ކުރުވައެވެ… އަދި މީގައި މީހާގެ މިޒާޖާއި ބުއްދި ފަސާދަ ކުރަނިވި މާއްދާތައް ވެއެވެ. އަދި މިއީ ޝަހުވަތަށް ހުޅުވައިލެވޭ މަގެއްވެސް މެއެވެ. އަދި މީގެ ސަބަބުން އެމީހަކު ދައްޔޫޘަކަށް (އެމީހެއްގެ ޙުރުމަތަށް އަރައިގަނެވޭ އިރު އެކަމާ އަޅާ ނުލާ މީހަކަށް) ވެގެންދެއެވެ. މި ކަމުގެ ސަބަބުން މަސްތުވާ ތަކެތީގެ ތެރެއިން މިއީ އެންމެ ނުބައި ބާވަތެވެ. ފަހެ މި ތަކެތި މީސްތަކުންގެ މެދުގައި ޢާންމު ވެގެން ދިޔައީ ތަތާރުންގެ ސަބަބުންނެވެ.
މި ތަކެތީގެ ތެރެއިން މަދު މިންވަރެއް ނުވަތަ ގިނަ މިންވަރެއް ވިޔަސް ބޭނުން ކުރި މީހާގެ އަދަބަކީ ބަނގުރަލުގެ ޙައްދެވެ. އެއީ އަށްޑިހަ ނުވަތަ ސާޅީސް އެތިފަހަރުން ޖަލްދު ކުރުމެވެ. މިއީ މަސްތުވާ ތަކެއްޗަކީ ޙަރާމު އެއްޗެއްކަން ޤަބޫލު ކުރާ ޙާލު އެ ބޭނުން ކުޅަ މީހެއްގެ އަދަބެވެ.” [انتهى من “الفتاوى الكبرى” (3 / 423 )]
=ނުނިމޭ=
[1] روى البخاري (4087) ومسلم (1733)
[2] روى البخاري (4343) ومسلم (3032)