ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދު ކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ.
«كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللهُ» [رواه مسلم (719)]
މާނައީ: “ﷲ ގެ ރަސޫލާ صلى الله عليه وسلم ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރުކުރައްވައެވެ.”
އަދި އެކަލޭގެފާނު صلى الله عليه وسلم ޟުޙާ ނަމާދުކުރެއްވުމަށް ޞަޙާބީންނަށް އިރުޝާރުދެއްވިއެވެ.
އައްޝައިޚް އިބްނު ބާޒް رحمه الله ވިދާޅުވެފައިވެއެވެ.
“ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީންނަށް ޟުޙާ ނަމާދު ކުރެއްވުމަށް އިރުޝާދުދެއްވިއެވެ.”
[مجموع الفتاوى (11 / 389)]
ޟުޙާ ނަމާދުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް
- އަބޫ ޛައްރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ، فَكُلُّ تَسْبِيحَةٍ صَدَقَةٌ، وَكُلُّ تَحْمِيدَةٍ صَدَقَةٌ، وَكُلُّ تَهْلِيلَةٍ صَدَقَةٌ، وَكُلُّ تَكْبِيرَةٍ صَدَقَةٌ، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْيٌ عَنِ الْمُنْكَرِ صَدَقَةٌ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى» [رواه مسلم (720)]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ހެނދުނު ކުރަނީ އެމީހެއްގެ (ހަށިގަނޑުގައިވާ) ކޮންމެ ހުޅަކަށް ޞަދަޤާތެއްވާ ޙާލުގައެވެ. ފަހެ، ކޮންމެ ތަޞްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި ނުބައިކަންކަން މަނާކުރުމަކީ ޞަދަޤާތެކެވެ. އަދި ޟުޙާ ނަމާދުގެ ދެ ރަކްޢަތް އެ ހުރިހާ ޞަދަޤާތަކަށް ފުދިގެންވެއެވެ.”
- އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ.
أَوْصَانِي خَلِيلِي بِثَلاَثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ: «صَوْمِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلاَةِ الضُّحَى، وَنَوْمٍ عَلَى وِتْرٍ» [رواه البخاري (1178)، ومسلم (721)]
މާނައީ: “އަހަރެންގެ ޚަލީލު (ނަބިއްޔާ صلى الله عليه وسلم) އަހަރެންނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ. އަދި ތިމަންކަލޭގެފާނު އަވަހާރަފުޅުވެއްޖައުމަށް ދާންދެން އެކަންތައް ދޫނުކޮށް ކުރައްވާނަމެވެ. އެއީ ކޮންމެ މަހެއްގައި ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާ ނަމާދު ކުރުމަށާ އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށެވެ.”
އަބުއްދަރްދާއު رضي الله عنه ވިދާޅުވެފައިވެއެވެ.
أَوْصَانِي حَبِيبِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ، لَنْ أَدَعَهُنَّ مَا عِشْتُ: «بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلَاةِ الضُّحَى، وَبِأَنْ لَا أَنَامَ حَتَّى أُوتِرَ» [رواه مسلم (722)]
މާނައީ: “ތިމަންކަލޭގެފާނު ނުހަނު ލޯބިވާ (ނަބިއްޔާ) صلى الله عليه وسلم ތިމަންކަލޭގެފާނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު ދިރިހުންނެވިހާހިނދަކު އެ 3 ކަންތައް ދޫނުކުރައްވާނަމެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމަށާއި އަދި ޟުޙާ ނަމާދު ކުރުމަށާ އަދި ވިތުރި ނަމާދުކުރުމުގެ ކުރިން ނުނިދުމަށެވެ.”
އަލްޤުރުޠުބީ ވިދާޅުވެފައިވެއެވެ.
“(ޟުޙާ ނަމާދުކުރުމަށް) އެ ދެބޭކަލުންނަށް ނަބިއްޔާ ވަޞިއްޔަތްޕުޅު ކުރެއްވުމުން ޟުޙާ ނަމާދުގެ މާތްކަމާއި ޘަވާބުގެ ގިނަކަން ދަލީލުކޮށްދެއެވެ.” [المفهم لما أشكل من تلخيص مسلم]
އަލްޤުރުޠުބީ رحمه الله ވިދާޅުވެފައިވެއެވެ.
“އަބޫ ހުރައިރާ އަދި އަބޫ އައްދަރްދާއި رضي الله عنهما އަށް ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުކުރެއްވުމަށް ވަޞިއްޔަތް ކުރެއްވުމުން ޟުޙާ ނަމާދުގެ މާތްކަމާއި މަތިވެރިކަމާ އަދި އެނަމާދުގެ ޘަވާބު ބޮޑުކަން ދަލީލުކޮށްދެއެވެ. އަދި އެ ދެ ބޭކަލުން ޟުޙާ ނަމާދަށް ރައްކާތެރިވެ، ދުވަހަކުވެސް އެ ނަމާދު ދޫނުކުރައްވައެވެ.” [المفهم لما أشكل من تلخيص مسلم]
- އަބުއްދަރްދާއު އަދި އަބޫ ޛައްރު رضي الله عنهما ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން
ރިވާކުރެއްވިއެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ.
«ابْنَ آدَمَ ارْكَعْ لِي أَرْبَعَ رَكَعَاتٍ مِنْ أَوَّلِ النَّهَارِ أَكْفِكَ آخِرَهُ» [رواه الترمذي (475)، وصححه الشيخ الألباني]
މާނައީ: “އާދަމުގެ ދަރިޔާއެވެ! ތިމަން ﷲ އަށް، ދުވާލުގެ ކުރީކޮޅު ތިބާ 4 ރަކްޢަތް ކުރާށެވެ. އޭރުން އެދުވަހުގެ ފަހުބައި ތިބާއަށް ފުދިގެންވާނެއެވެ.” (މާނައަކީ އެ ދުވަހަކު ﷲ އެމީހަކު، އެންމެހާ ނުބައި ކަންކަމުން ރައްކާތެރިކުރައްވާނެއެވެ.)
އަލްމުބާރަކްފޫރީ رحمه الله، މި ޙަދީޘާއި ބެހެގޮތުން ވިދާޅުވަފައިވެއެވެ.
“(ދުވާލުގެ ކުރީކޮޅު) އާއި ބެހޭގޮތުން ބުނެވެއެވެ. އޭގެ މުރާދަކީ ޟުޙާ ނަމާދެވެ. އަދި އެއީ އިޝްރާޤް ނަމާދުކަމަށްވެސް ބުނެވެއެވެ. އަދި އެއީ ފަތިސް ނަމާދާއި ފަތިސް ނަމާދުގެ ސުންނަތްކަމުގައިވެސް ބުނެވެއެވެ. އެހެނީ ޝަރީޢަތުގައި ދުވާލު އެންމެ ފުރަތަމަ އަދާކުރެވޭ ފަރުޟަކީ އެއީ ކަމުގައި ވުމެވެ. އަހަރެން ބުނަމެވެ: ލިޔުންތެރިޔާވެސް އަދި އަބޫ ދާވޫދުވެސް ޚިޔާރުކުރެއްވީ މި ރަކްޢަތްތަކަކީ އެއީ ޟުޙާ ނަމާދުކަމުގައެވެ. މިހެންވެ ޟުޙާ ނަމާދުގެ ބާބުގައި މި ޙަދީޘް ގެނައީމެވެ.” [تحفة الأحوذي (2 / 478)]
- އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
» «لَا يُحَافِظُ عَلَى صَلَاةِ الضُّحَى إِلَّا أَوَّابٌ» . قَالَ: «وَهِيَ صَلَاةُ الْأَوَّابِينَ» [رواه ابن خزيمة (1224)، وحسنه الألباني في “صحيح الترغيب والترهيب (1 / 164)]
މާނައީ: “އައްވާބުން (ގިނަގިނައިން ﷲ ގެ ޙަޟްރަތަށް ތަޥްބާވާ މީހުން) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރިނުވާނެއެވެ. ޟުޙާ ނަމާދަކީ އައްވާބުންގެ ނަމާދެވެ.”
- އަނަސް ބުނު މާލިކް رضي الله عنه ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ»، «تَامَّةٍ تَامَّةٍ تَامَّةٍ» [رواه الترمذي برقم (586)، وحسنه الشيخ الألباني رحمه الله في “صحيح سنن الترمذي”]
މާނައީ: ” ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން ﷲ އަށް ޛިކުރު ކުރުންމަތީ ދެމި ހުރެ، އެއަށްފަހު ދެ ރަކްޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖަކާއި ޢުމްރާއެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ.”
އަލްމުބާރަކްފޫރީ رحمه الله، މި ޙަދީޘާއި ބެހެގޮތުން ވިދާޅުވަފައިވެއެވެ.
“(އެއަށްފަހު ދެ ރަކްޢަތް ނަމާދެއް ކޮށްފިމީހާ) މާނައަކީ އިރު އެރުމަށް ފަހުގައެވެ. އައްޠީބިއްޔު رحمه الله ވިދާޅުވެފައިވެއެވެ: އޭގެ މާނައަކީ ނަމާދުކުރުން ނަހީ ވަޤުތު ފިލައިގޮސް އިރު ލޮންސިއެއްގެ މިންވަރަށް އެރުމުން ތެދުވެ ނަމާދުކުރުމެވެ. މި ނަމާދަކީ އިޝްރާޤް ނަމާދެވެ. އެއީ ޟުޙާ ނަމާދުގެ ވަޤުތުގެ އެންމެ ކުރީކޮޅު ކުރެވޭ ނަމާދެވެ.” [تحفة الأحوذي بشرح جامع الترمذي (3 / 158)]
والله أعلم.
________________________________