[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަސްތުވާތަކެތީގެ ޙަރާމްކަމާއި އޭގެ ގެއްލުންތައް – 2

އައްސިޔާސަތުއްޝަރުޢިއްޔާ (ޞ92)ގައި އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ:

“ޤިއްނަބުގެ ފަތުން ތައްޔާރު ކުރެވޭ ޙަޝީޝަކީ ވެސް ޙަރާމު އެއްޗެކެވެ. އަދި އެ ބޭނުން ކުޅަ މީހެއްގެ މައްޗަށް ބަނގުރާ ބޯ މީހާއެކޭ އެއްފަދައިން ޙައްދު ޤާއިމު ކުރެވޭނެތެވެ. އެއްގޮތަކުން ބަލާއިރު، ބަނގުރަލަށް  ވުރެ ޙަޝީޝުގެ ނުބައިކަން ބޮޑު ވެގެންވެއެވެ. އެހެނީ ޙަޝީޝުގެ ސަބަބުން އެ ބޭނުން ކުރާ މީހާގެ ބުއްދި ކުރުމުގެ ބާރާ އެކުއެކީގައި މީހާގެ މިޒާޖުވެސް ފަސާދަ ކުރާތީއެވެ. އެ ބޭނުން ކުރާ ފިރިހެނާ އަންހެނެކޭ އެއްފަދައިން މިޒާޖު ބަދަލުވެ ދިއުމާއި މި ނޫންވެސް ގޮތްގޮތަށް މިޒާޖު ފާސިދު ވެދާތީއެވެ. އަދި އަނެއްގޮތަކުން ބަނގުރަލުގެ ނުބައިކަން ޙަޝީޝަށް ވުރެ ބޮޑުވެގެން ވެއެވެ. އެއީ އެ ބޭނުންކުރާ މީހާ، އޭގެ އަސަރުގައި ހުންނަ ހިނދު، އެހެން މީހުންނާ ކުރިމަތިލުމަށް މަގުފަހި ކުރާތީއެވެ. ފަހެ މި ދެ ބާވަތުގެ ސަބަބުންވެސް އެ ބޭނުން ކުރާ މީހާ ﷲ މަތިން ހަނދުމަ ކުރުމުންނާއި ނަމާދުކުރުމުން އެއްކިބާ ކުރެއެވެ.

ފަހެ ފިޤުހުވެރިން ކުރެ ފަހުގެ ބައެއް ބޭކަލުން ޙަޝީޝް ބޭނުން ކުރާ މީހާގެ ކިބައިން ޙައްދު ކެނޑިގެންވާ ކަމުގައި ދެކިލައްވަތެވެ. އަދި އެ ބޭކަލުންގެ އަރިހުގައި ޙަޝީޝުފަދަ ތަކެތި ބޭނުންކުރާ މީހާގެ ޙުކުމަކީ ތަޢުޒީރު ކުރެވުމެވެ. އެހެނީ އެ ބޭކަލުން ދެކިލެއްވީ ޙަޝީޝްގެ ސަބަބުން ބުއްދިކުރުމުގެ ބާރު ފިލުވައިލާ ފިލުވައިލުމަކީ ބެންޖެއް (އެނެސްތެޓިކެއް) ބޭނުންކުރުންފަދަ ކަމެއްގެ ގޮތުގައެވެ. އަދި އަމަލުކުރުވާކަމެއްގެ ގޮތުގައެއް ނޫނެވެ. މި ކަމުގައި އިހުގެ ފިޤުހުވެރީންގެ ކިބައިން ރައުޔެއް ފެންނާކަށް ނެތެވެ. ނަމަވެސް މި މައްސަލައިގައި ކަންވަނީ ފަހުގެ ފިޤުހުވެރީން ދެކިވަޑައިގަންނަވާ ފަދައިން ނޫނެވެ. ޙަޝީޝް ބޭނުން ކުރާ މީހާވެސް ބަނގުރާ ބޯ މީހެކޭ އެއްފަދައިން އަދި އެއަށްވުރެ ބޮޑަށް، އެއަށް ދެވިހިފައި އިތުރަށް އެ ބޭނުން ވެއެވެ. އަދި އެ ގިނައިން ބޭނުން ކުޅަ ވަރަކަށް މީހާ ﷲގެ މަތީން ހަނދާން ކުރުމާއި ނަމާދުން އެއްކިބާ ކުރެއެވެ. އެއީ މީގައިވާ އެހެން ފާސިދު ކަންކަމުގެ އިތުރަށެވެ.

ފަހެ މި އެއްޗަކީ (ޙަޝީޝަކީ) ބަނގުރާ ފަދައިން ދިޔާ އެއްޗެއްކަމުގައި ނުވުމުން، މީގެ ނަޖިސްކަމާމެދު ތިން ރައުޔެއްގެ މައްޗަށް އިމާމު އަޙްމަދުގެ މަޛުހަބުގައި އަދި އެހެން މަޛުހަބުތަކުގައިވެސް ފިޤުހުވެރީން ޚިލާފު ވެފައި ވެއެވެ؛

ފުރަތަމައީ، ބަނގުރަލެކޭ އެއްފަދައިން ޙަޝީޝަކީވެސް ނަޖިހެއްކަމުގައި ބުނާ ރައުޔެވެ. އިޢުތިބާރު ވެވޭ ޞައްޙަކަން ބޮޑު ރައުޔަކީ ވެސް މި އެވެ.

ދެވަނަ ރައުޔަކީ، މި ބާވަތަކީ ދިޔާ އެއްޗެއްކަމުގައި ނުވާތީ ނަޖިހެއް ނޫންކަމުގައި ބުނާ ރައުޔެވެ.

ތިންވަނަ ރައުޔަކީ: މީގެ ހަރުތަކެއްޗާ ދިޔާ ތަކެތީގެ މެދުގައި ފަރަޤު ކުރާ ރައުޔެވެ. (ނަޖިސް ކަމުގައި ވާނީ ދިޔާ ތަކެއްޗެވެ.)

ކޮންމެ ގޮތެއްގައި ނަމަވެސް، (އެއްވެސް ޝައްކެތް ނެތް ގޮތުގައި) މިއީ ﷲ ޙަރާމު ކުރެއްވި މަސްތު ކުރުވަނިވި ތަކެއްޗާއި ބަނގުރަލުގެ ތެރޭގައި ބަހުގެ ގޮތުން ނުވަތަ މާނައިގެ ގޮތުން ނަމަވެސް ހިމެނޭނޭ ތަކެއްޗެވެ. ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އަބޫ މޫސާ އަލްއަޝްޢަރިއްޔުގެފާނު ވިދާޅުވިއެވެ: “އޭ ﷲގެ ރަސޫލާ އެވެ! ޔަމަނުގައި އަޅުގަނޑުމެން ތައްޔާރު ކޮށް އުޅުނު ދެ ބުއިމަކާ ގުޅެ ގޮތުން ކަލޭގެފާނުންގެ ކިބައިން ފަތުވާއަކަށް އެދެމެވެ: އެއީ البِتْعُ އެވެ ކިޔޭ މާމުއިން ބަނގުކޮށް ތައްޔާރު ކުރެވޭ ބުއިމަކާއި المِزْرُ އެވެ ކިޔޭ ޒުވާރިއާއި ބާރުލީން ބަނގުކޮށް ތައްޔާރު ކުރެވޭ ބުއިމެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަކީ  މަދު ލަފުޒަކުން މާނަ ފުން ޢިބާރާތްތައް ލިބިވަޑައިގެންފައި ވާ ފަރާތެކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: “މަސްތުކުރުވަނިވި ކޮންމެ އެއްޗަކީ ޙަރާމު އެއްޗެކެވެ.” މި ޙަދީޘް ބުޚާރީއާއި މުސްލިމުގައި ވެއެވެ.”

– ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާގެ ވާހަކަ ނިމުނީ –

 

=ނުނިމޭ=

_______________________

މަޞްދަރު

މިލިޔުމުގެ އެހެންބައިތައް