އަދިވެސް އެހެން މަޤާމެއްގައި އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ:
“(ކަންމިހެން ހުރިއިރު) ޙަޝީޝް ބޭނުން ކުރުން މަތީ މީހާ ދެމިހުންނާނީ ކިހިނަކުން ހެއްޔެވެ؟! އަދި މީސްތަކުން ކުރެ ބައެއް މީހުން ފަދައިން އޭގައި (ޙަޝީޝުގައި) ވާ މަސްތުކުރުވުން ޙުއްދަކޮށްގަތުމުގެ ނުބައިކަން އިތުރުވެގެން ވެއެވެ. މި ފަދަ މީހުންނަށް ތައުބާ ލައިދެވޭން ޖެހޭ ނެތެވެ. އަދި ތައުބާ ނުވެއްޖެނަމަ އެފަދަ މީހާ ޤަތުލު ކުރެވޭ ހުއްޓެވެ. އެހެނީ އޭގައި ވާ މަސްތު ކުރުވުމަކީވެސް ދަންނަބޭކަލުންގެ އިޖުމާޢުން ޙަރާމު އެއްޗެކެވެ. އަދި އެ ޙުއްދަކޮށްގަތުމީ ޚިލާފެއް ނެތި، ކުފުރުގެ ޢަމަލެކެވެ. ” [الفتاوى الكبرى (2 / 309) ]
ދެވަނަ ސަބަބަކީ: މިފަދަ ތަކެތީގެ ސަބަބުން ބަނގުރާ ބުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމަށް ވުރެ މާ ބޮޑެތި ގެއްލުންތައް ލިބެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައި ވެއެވެ:
((لاَ ضَرَرَ، وَلاَ ضِرَارَ)) [رواه أحمد (2867) وابن ماجه (2341) وصححه الألباني في صحيح ابن ماجه]
“ގެއްލުން ދިނުމެއްވެސް އަދި (މީހަކު ގެއްލުމެއް ދިނުމުން) އޭގެ ބަދަލުގައި ގެއްލުން ދިނުމެއްވެސް ނުވެއެވެ.”
“ފަހެ މިފަދައިން މަސްތުވާތަކެތި ބޭނުންކުރުމުން މީހާއަށް އެ މީހާގެ ޝަޚްޞަށް ލިބޭ ގެއްލުމުގެ އިތުރުން މީހާގެ ޢާއިލާއަށާއި ދަރީންނަށާއި އެ މީހަކު ހިމެނޭ މުޖުތަމަޢަށް އަދި މުޅި އުންމަތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
މީހާގެ އަމިއްލަ ޝަޚްޞަށް ލިބޭ ގެއްލުން ދަންނައެވެ: އެއީ އިންސާނާގެ ހަށިގަނޑާއި ބުއްދިއަށް ކުރާ ނުރައްކާތެރި އަސަރުތަކެވެ. މަސްތުވާތަކެތީގެ ސަބަބުން އިންސާނާގެ ޞިއްޙީ ޙާލަތު ބަލިކޮށްލައި، ނާރުތަކާއި އިންސާނާގެ ބުއްދި ކުރުމާއި ފިކުރު ކުރުމުގެ ބާރު ހަލާކު ކޮށްލައެވެ. އަދި ހަމައެހެންމެ މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތަށްވެސް ނުރައްކާތެރި ގެއްލުންތައް ކުރިމަތި ކުރުވައެވެ. އަދި މި ނޫންވެސް، ތަފާތު އެތަކެއް ނުރައްކާތެރި ގެއްލުންތައް މުޅި ހަށިގަނޑަށް ކުރިމަތިވެއެވެ. މީގެ އިތުރަށް އާދަމުގެ ދަރިއެއްގެ ޙައިޘިއްޔަތުންނާއި އިންސާނާއަށް ލިބިދީފައިވާ އިންސާނީ ކަރާމާތްތެރިކަމުގެ ނަޒަރުން ބެލިނަމަވެސް، މިފަދަ ތަކެތި ބޭނުން ކުރުމަކީ އިންސާނާގެ އިންސާނީ ޝަޚްޞިއްޔަތަށް ލޮޅުން ކުރިމަތި ކުރުވަނިވި ކަމެކެވެ. އަދި މަލާމާތާއި ފުރައްސާރައާއި ތަފާތު އެކިއެކި ނުރައްކާތެރި ބަލިތަކުގެ އަމާޒު ފަތްގަނޑަކަން އެ އިންސާނާވެގެން ދާނޭ ކަމެކެވެ.
މީހާގެ ޢާއިލާއަށް ލިބޭ ގެއްލުން ދަންނައެވެ: ފަހެ އެއީ އަނބިދަރީންގެ ޙައްޤުގައި ވެވޭ އަނިޔާއެކެވެ. ފަހެ މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ޙާލަތުގެ ސަބަބުން އަނބިދަރީންނަށް ގެއަކީ ކެތްކުރާން ދަތި ޖަލަކަށް ވެގެންދެއެވެ. ގޭތެރޭގައި ޒުވާބުކުރުމާއި އަނބިދަރީންނަށް އެއްޗެތި ގޮވުމާއި ވަރީގެ ޢިބާރާތް ތަކުރާރު ކުރުމުގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އެ ފަދަ މީހުންނަށް ލިބޭ ދަރީން ޢައިބުވެ އެ ކުދީންގެ ބުއްދިއަށްވެސް ގެއްލުން ލިބެއެވެ.
ޢާންމުކޮން އެންމެންނަށް ލިބޭ ގެއްލުން ދަންނައެވެ: ފަހެ މަސްތުވާތަކެތި ބޭނުންކުރާމީހުން ފައިދާއެއް ނެތް ގޮތެއްގައި ބޮޑެތި ޢަދަދުތަކުން ފައިސާތަކެއް ނަގައިލަތެވެ. އަދި އެބައިމީހުންގެ މަސައްކަތުގައްޔާއި އެ މީހުން އަދާކުރާން ޖެހޭ ވާޖިބުތަކުގައި ފަރުވާ ކުޑަކޮށްލައެވެ. އަދި އަމާނާތްތަކަށް ޚިޔާނާތްތެރިވެއެވެ. އެ އަމާނާތަކީ ޢާންމު މަޞްލަޙަތާ ގުޅުންހުރި ނުވަތަ ދައުލަތުގެ ނުވަތަ ވަކި މުއައްސަސާއެއް ނުވަތަ ވަކި ފަރުދެއްގެ އަމާނާތެއް މިފަދަ މީހުންނަކަށް މުހިންމެއް ނުވެއެވެ. އަދި މި ބުނެވުނީ މި ބައިމީހުން މަސްތުވެގެން، އެހެން މީހުންގެ ނަފުސަށް ނުވަތަ މީސްތަކުންގެ މުދަލަށް އަދި އަބުރާ ގުޅުން ހުރި ޖަރީމާތަކަށް އަރައިގަންނަގަތުން ނުހިމަނައެވެ. އަދި ކިއެއް ހެއްޔެވެ. ހަމަކަށަވަރުން މަސްތުކުރުވާ ރަލަށް ވުރެއް މަސްތުކުރުވާ ހިކިއެއްޗެހީގެ ގެއްލުމާއި ނުރައްކާ ބޮޑެވެ. އެހެނީ އެތަކެތި އޭގެ ސަބަބުން ޚުލުޤުވެރިކަން އެއްކޮށް ނެތިކޮށްލައެވެ.”
[انتهى من “الفقه الإسلامي وأدلته” للدكتور وهبة الزحيلي ( 7 / 5511)]
ކަންމިހެން ހުރުމުން އަހުރެމެންނަށް އިނގޭކަމަކީ މަސްތުވާތަކެތީގެ ޙަރާމްކަމާމެދު ބުއްދިވެރިއަކު ދެކޮޅު ނުވާނޭކަމެވެ. އެއީ ޤުރުއާނާއި ސުންނަތުން އެކަމުގެ ޙަރާމުކަމުގެ ދަލީލު ލިބޭކަމަށްޓަކައި އަދި މަސްތުވާތަކެތީގައި ވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ.
މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ޢުޤޫބާތް: ފަހެ މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ޢުޤޫބާތަކީ ބަނގުރާ ބޯ މީހާގެ ޙައްދެވެ. އެއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ޙަޝީޝާމެދު ވިދާޅު ވެފައި ވާ ބަސްފުޅުގައި އިސްވެ އިޝާރާތް ކުރެވުނު ފަދައިން، މަސްތުވާތަކެއްޗަކީ ﷲ އާއި އެ ކަލާނގެ ރަސޫލާ صلى الله عليه وسلم ޙަރާމު ކުރެއްވި ބަނގުރަލުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައި ވާތީއެވެ.
ދަންނަބޭކަލުންގެ މައްޗަށް ވާޖިބުވެގެންވަނީ މި މަސްތުވާތަކެތީގެ ޙަރާމުކަމާއި އެފަދަ ތަކެތީގެ ސަބަބުން ލިބޭން ހުރި ބޮޑެތި ގެއްލުންތަކުގެ ވާހަކަ މީސްތަކުންނަށް ބަޔާން ކޮށްދިނުމެވެ.
والله أعلم .
=ނިމުނީ=