[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޟުޙާ ނަމާދުގެ ރަކްޢަތުގެ ޢަދަދަކީ ކޮބާ؟

الحمد لله والصلاة والسلام على نبينا محمد صلى الله عليه وسلم. أما بعد:

ޟުޙާ ނަމާދުގެ ރަކްޢަތުގެ އެންމެ މަދު މިންވަރަކަށް ވާރިދުވެގެންވަނީ 2 ރަކްޢަތެވެ. އަބޫ ޛައްރު رضي الله عنه ގެ ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

»وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى« [رواه مسلم (720)]

މާނައީ: “އަދި ޟުޙާ ނަމާދުގެ ދެ ރަކްޢަތް އެ ހުރިހާ ޞަދަޤާތަކަށް ފުދިގެންވެއެވެ.”

އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ.

أَوْصَانِي خَلِيلِي بِثَلاَثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ: «صَوْمِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلاَةِ الضُّحَى، وَنَوْمٍ عَلَى وِتْرٍ» [رواه البخاري (1178)، ومسلم (721)]

މާނައީ: “ތިމަންކަލޭގެފާނުގެ ޚަލީލު (ނަބިއްޔާ صلى الله عليه وسلم) އަހަރެންނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ. އަދި ތިމަންކަލޭގެފާނު އަވަހާރަފުޅުވެއްޖައުމަށް ދާންދެން އެކަންތައް ދޫނުކޮށް ކުރައްވާނަމެވެ. އެއީ ކޮންމެ މަހެއްގައި ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާ ނަމާދު ކުރުމަށާ އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށެވެ.”

ޟުޙާ ނަމާދުގެ ރަކްޢަތުގެ ގިނަ މިނާ މެދު ނައްޞެއް (ދަލީލެއް) ވާރިދުވެފައި ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގައި ހަތަރު ރަކްޢަތް ކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ. އަދި އެ ހަތަރު ރަކްޢަތަށް އެކަލޭގެފާނު صلى الله عليه وسلم އިތުރުފުޅުވެސް ކުރައްވައެވެ. މައްކާ ފަތަޙަ ކުރެވުނު ދުވަހު އެކަލޭގެފާނު صلى الله عليه وسلم ޟުޙާ ނަމާދުގައި އަށް ރަކްޢަތް ކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ.

މުޢާޛު رضي الله عنه، ޢާއިޝާ رضي الله عنها ގެ އަރިހުގައި ސުވާލު ދެންނެވިއެވެ.

كَمْ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي صَلَاةَ الضُّحَى؟ قَالَتْ: «أَرْبَعَ رَكَعَاتٍ وَيَزِيدُ مَا شَاءَ». [رواه مسلم (719)]

މާނައީ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޟުޙާ ނަމާދުގައި ކުރައްވަނީ ކިތައް ރަކްޢަތް ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. “ހަތަރު ރަކްޢަތެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރުކުރައްވައެވެ.”

އުއްމު ހާނީ رضي الله عنها ވިދާޅުވެފައިވެއެވެ.

»قَامَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى غُسْلِهِ، فَسَتَرَتْ عَلَيْهِ فَاطِمَةُ ثُمَّ أَخَذَ ثَوْبَهُ فَالْتَحَفَ بِهِ، ثُمَّ صَلَّى ثَمَانَ رَكَعَاتٍ سُبْحَةَ الضُّحَى« [رواه مسلم (336)]

މާނައީ: “ﷲ ގެ ރަސޫލާ صلى الله عليه وسلم ހިނައިގަތުމަށް ތެދުވެވަޑައިގަތެވެ. އަދި ފާޠިމަތު رضي الله عنها އެކަލޭގެފާނު ފަރުދާކޮށްލައްވާ ނިވާކޮށްލެއްވިއެވެ. ދެން އެކަލޭގެފާނު ހެދުންކޮޅު ތުރުކުރައްވައި ޟުޙާ ނަމާދުގެ ގޮތުގައި އަށް ރަކްޢަތް ކުރެއްވިއެވެ.”

الموسوعة الفقهية (27 / 225) ގައި އައިސްފައިވެއެވެ.

“ޟުޙާ ނަމާދުގެ ރަކްޢަތުގެ އެންމެ މަދު މިންވަރަކަށް ސުންނަތްގެންވަނީ ދެ ރަކްޢަތްކަމަށް ބުނާ ޢިލްމުވެރިންގެ ބަހާއިމެދު އެއްވެސް ޚިލާފެއް ނުވެއެވެ. ފަހެ އަބޫ ޛައްރު، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى« [رواه مسلم (720)]

މާނައީ: “އަދި ޟުޙާ ނަމާދުގެ ދެ ރަކްޢަތް އެ ހުރިހާ ޞަދަޤާތަކަށް ފުދިގެންވެއެވެ.”

ވުމާއެކު ޟުޙާ ނަމާދުގެ ރަކްޢަތުގެ އެންމެ މަދު މިންވަރަކީ ދެ ރަކްޢަތެވެ.

ޢިލްމުވެރިން ޚިލާފުވެފައި ވަނީ ޟުޙާ ނަމާދުގެ ރަކްޢަތުގެ ގިނަ މިންވަރާއިމެދުގައެވެ.

މާލިކީންނާއި ޙަންބަލީންގެ އަރިހުގައި ޟުޙާ ނަމާދުގެ ރަކްޢަތުގެ ގިނަ މިންވަރަކީ އަށް ރަކްޢަތެވެ. އެހެނީ އުއްމު ހާނީ رضي الله عنها ރިވާ ކުރައްވާފައިވެއެވެ. މައްކާ ފަތަޙަ ކުރެވުނު ދުވަހު ނަބިއްޔާ  صلى الله عليه وسلم އެކަމަނާގެ ގެއަށް ވަޑައިގެން (ޟުޙާ ނަމާދުގައި) އަށް ރަކުޢަތްކުރެއްވިއެވެ. އަދި ރުކޫޢުއާއި ސަޖިދަ ފުރިހަމަކުރައްވައި އެއަށްވުރެ ލުއިކޮށް އެކަލޭގެފާނު އެއްވެސް ނަމާދެއް ކުރައްވަނިކޮށް ދެކެވަޑައިނުގަންނަވަމެވެ.

އަދި ޙަނަފީންނާއި ޝާފިޢީން ދެކެވަޑައިގަންނަވާ ގޮތުގައި އަދި އިމާމް އަޙްމަދުގެ ރިވާޔަތެއްގައިވާގޮތުން ޟުޙާ ނަމާދުގެ ރަކްޢަތުގެ ގިނަ މިންވަރަކީ ބާރަ ރަކްޢަތެވެ. ބަލިކަށި ސަނަދަކުން ތިރްމިޛީ އަދި ނަސާއީ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ. (ޟުޙާ ނަމާދުގައި ބާރަ ރަކްޢަތް ކޮށްފިމީހާއަށް ﷲ ސުވަރުގޭގައި ރަނުން ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.)”

ރާޖިޙު ގޮތަކީ ޟުޙާ ނަމާދުގެ ރަކްޢަތުގެ ގިނަ މިންވަރާއިމެދު ކަނޑައެޅިގެންވާ ޢަދަދެއް ނުވުމެވެ. ދެ ރަކްޢަތުން ދެ ރަކުޢަތުން އެމީހަކު ބޭނުން މިންވަރަކަށް ކުރެވޭނެއެވެ.

އައްޝައިޚް އިބްނު ބާޒް رحمه الله ވިދާޅުވެފައިވެއެވެ.

“ޟުޙާ ނަމާދުގެ ރަކްޢަތުގެ އެންމެ މަދު މިންވަރަކީ ދެ ރަކްޢަތެވެ. އަދި (ޟުޙާ ނަމާދުގައި) ރަކްޢަތުގެ ޢަދަދުގައި މިންވަރެއް ކަނޑައެޅިފައި ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم، ދެ ރަކްޢަތް އަދި ހަތަރު ރަކްޢަތްވެސް ކުރެއްވިއެވެ. އަދި މައްކާ ފަތަޙަ ކުރެއްވި ދުވަހު އަށް ރަކްޢަތް ކުރެއްވިއެވެ. ފަހެ މިކަމުގައި މީސްތަކުންނަށް ވަނީ ފަސޭހަވެގެންނެވެ. މީހަކު ޟުޙާ ނަމާދުގައި އަށް ރަކްޢަތް، ދިހަ ރަކްޢަތް، ބާރަ ރަކްޢަތް ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ އެއަށްވުރެ މަދުން ކުރިޔަސް މައްސަލައެއް ނެތެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((صَلَاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى)) [رواه الإمام أحمد في (مسند المكثرين من الصحابة) برقم (4776)، ورواه الترمذي في (الصلاة) برقم (424) و (429)، وفي الجمعة برقم (597)، والنسائي في (قيام الليل وتطوع النهار) برقم (1666). وأبو داود في (الصلاة) برقم (1295)، وابن ماجه في (إقامة الصلاة والسنة فيها) برقم (1322)]

“ރޭގަނޑާއި ދުވާލުގެ ނަމާދު ވަނީ ދެ ރަކްޢަތުން ދެ ރަކްޢަތުންނެވެ.”

ވުމާއެކު ސުންނަތްގޮތަކީ ކޮންމެ ދެ ރަކްޢަތަކުން ސަލާމް ދެމުން ކުރުމެވެ.”

[مجموع فتاوى ابن باز (11 / 389)]

އަދި އައްޝައިޚް އިބްނު ޢުޘައިމީން  رحمه الله ވިދާޅުވެފައިވެއެވެ.

ޟުޙާ ނަމާދުގެ ރަކްޢަތުގެ އެންމެ ގިނަ މިންވަރާއި މެދު ޞައްޙަގޮތަކީ އޭގައި މިންވަރެއް ކަނޑައެޅިފައި ނުވުމެވެ. އެހެނީ ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ. “(ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގައި ކުރައްވަނީ) ހަތަރު ރަކްޢަތެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރުކުރައްވައެވެ.” [رواه مسلم (719)]

ރަކްޢަތުގެ ޢަދަދާއިމެދު މިންވަރެއް ކަނޑަނާޅުއްވަވައެވެ. މިސާލަކަށް، ލޮންސިއެއްގެ މިންވަރަށް އިރު އެރީއްސުރެ މެންދުރުވުމުގެ އިރުކޮޅެއްވުމާ ހަމައަށް މީހަކު ސާޅީސް ރަކްޢަތް ކުރިކަމުގައިވިޔަސް އެ ހިމެނޭނީ ޟުޙާ ނަމާދުގެ ތެރެއިންނެވެ.”

[الشرح الممتع (4 / 85)]

ދަންނައެވެ! ދުވާލުވިޔަސް ނުވަތަ ރޭގަނޑުވިޔަސް ސުންނަތް ނަމާދު ކުރާނީ ދެ ރަކްޢަތުން ދެ ރަކްޢަތުން ސަލާމް ދެމުންނެވެ.

والله أعلم.


މަޞްދަރު