[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގައި އަހުލުއްސުންނާ ވަލް ޖަމާޢަތުގެ މަގު -1-

އަހުލުއް ސުންނާ ވަލްޖަމާޢަތް: އެއީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފުމަށް  އެއްބައިވާ މީހުންނެވެ. އެބައިމީހުން އެކަލޭގެފުގެ ސުންނަތުގައި ބަހާއި ޢަމަލުން, ބޭރުފުށާއި އެތެރެފުށުން ތަބާވެއެވެ. އަދި އެއީ އިޢްތިޤާދުގައި ނުވަތަ ޢަޤިދާގެ މައްސަލަތަކުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފާ ޖަމާޢަތުގެ އަހުލުވެރިންނެވެ.

އަހުލުއް ސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވާ ގޮތް ތިރީގައި މި ބަޔާންކުރަނީ އެވެ:

1-       އަލް އިޘްބާތު (ސާބިތު ކުރުން) :– އެއީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ އެއިލާހަށް ސާބިތުކުރައްވައި ނިސްބަތްކުރައްވާފައިވާ ނަންފުޅުތަކާއި ސިފަފުޅުތައް  ސާބިތުކޮށް އެއިލާހަށް ނިސްބަތް ކުރުމެވެ. އަދި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދޫފުޅުމަތިން  އެއިލާހަށް ސާބިތުކުރައްވައި، ނިސްބަތްކުރައްވާފައިވާ ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހަށް ސާބިތުކޮށް ނިސްބަތްކުރުމެވެ. މިގޮތަށް ސާބިތުކޮށް ނިސްބަތްކުރަންވާނީ އެއްވެސް ބަދަލުކުރުމަކާއި އިންކާރުކުރުމަކާއި ކައިފިއްޔަތު ނުވަތަ ގޮތް ބަޔާންކުރުމާއި މިޘާލުޖެހުމެއް ނެތިއެވެ.
މިސާލު: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްޖާލާބެހޭގޮތުން ޙަދީޘްފުޅުކުރައްވާފައިވެއެވެ. ((أَنَّهُ أَعْوَرُ، وَأَنَّ اللهَ لَيْسَ بِأَعْوَرَ)) މާނައީ: “ހަމަކަށަވަރުން އޭނަ (އެބަހީ، ދައްޖާލު) އަކީ (ކަނާތު) ލޯ ކަނުމީހެކެވެ. އަދި ހަމަކަށަވަރުން ﷲ އަކީ ކަނުފަރާތެއް ނޫނެވެ.” (ބައްލަވާ: ޞަޙީޙުލް ބުޚާރީ: 3057، 3337، 3441) މި ޙަދީޘުން ﷲ ތަޢާލާއަށް ލޯފުޅު ވާކަން ދަލީލުކުރެއެވެ. އެހެންކަމުން އެއިލާހުގެ ލޯފުޅު، އެއްވެސް ބަދަލުކުރުމަކާއި އިންކާރުކުރުމަކާއި ކައިފިއްޔަތު ނުވަތަ ގޮތް ބަޔާންކުރުމާއި މިޘާލުޖެހުމެއްނެތި އެއާއިމެދު ސުވާލު އުފެއްދުމެއްނެތި ސާބިތުކުރުން ވާޖިބުވެގެންވެއެވެ.

2-       އައް ނަފްޔު (ނަފީކުރުން ނުވަތަ ސާބިތު ނުކުރުން):- ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ނަފީ ކުރައްވާފައިވާ ނަންތަކާއި ސިފަތައް ނަފީކުރުމެވެ. އަދި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދޫފުޅުމަތިން އެއިލާހަށް ނަފީކުރައްވާފައިވާ ނަންތަކާއި ސިފަތައް އެއިލާހަށް ނަފީކުރުމެވެ. އަދި އަހުލުއް ސުންނާ ވަލްޖަމާޢަތުގެ އަޤީދާއަކީ މިގޮތަށް ނަފީކުރުމުގައި އޭގެ އިދިކޮޅު ސިފަ ފުރިހަމައަށް ﷲ ތަޢާލާ އަށް ސާބިތުކުރުމެވެ.
މިސާލު: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ )(އަލް ބަޤަރާ 255) މާނައީ: ”  އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. “ އެހެންކަމުން މިއާޔަތުގައި ﷲ ތަޢާލާ އެއިލާހަށް ނަފީކުރައްވާފައިވާ ދެ ސިފަފުޅަކީ އަވަހާރަފުޅު އައުމާއި އަވަހާރަފުޅުލެއްޕެވުމެވެ. މި ދެސިފައިގެ އިދިކޮޅު ދެސިފަކަމުގައިވާ ޤާއިމްވެވޮޑިގެންވުމާއި ދިރިދެވިވޮޑިގެންވުން ﷲ ތަޢާލާއަށް ފުރިހަމައަށް ސާބިތުކރުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވެއެވެ.

3-       އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތައް ބަޔާންކުރުމަށްޓަކައި ބޭނުން ކުރެވިދާނެކަމަށް، އަދި ނުކުރެވޭނެކަމަށްވެސް، ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ސުންނަތުގައި ވާރިދުވެފައިނުވާ، މީސްތަކުން އޭގެ މާނައާއިމެދު ދެބަސްވެފައިވާ ލަފްޒުތައް، އެއިލާހަށް ނިސްބަތް ކުރުމުގައި ވަކިއެއްޗެކޭ ނުބުނެ ތަވައްޤުފުވުމެވެ. (ޔަޢުނީ: އެ ލަފްޒުތައް ސީދާ ސީދަލަށް ސާބިތުވެސް އަދި ނަފީވެސް ނުކުރުމެވެ.) މިފަދަ ސިފަތަކުގެ ތެރޭގައި ﷲއަށް ހަށިފުޅެއް ވާކަމަށް ބުނާ ބުނުމާއި އެއިލާހަށް ވަކި ފަރާތެއް ވާކަމަށް ބުނުން ހިމެނެއެވެ. މި ލަފްޒުތައް ސާބިތުވެސް އަދި ނަފީވެސް ނުކުރާ ސަބަބަކީ މިއާއި ބެހޭގޮތުން ކީރިތި ޤުރްއާނާއި ޞައްޙަ ސުންނަތުގައި އެއްވެސް ދަލީލެއް ވާރިދުވެގެން އައިސްފައި ނުވުމެވެ. އަދި މިފަދަ ލަފްޒުތައް ބަޔާންކުރުމުގައި އޭގެ ތަފްޞީލަށް ދާންޖެހޭކަމުގައި އަހުލުއް ސުންނަތުގެ ބޭކަލުން ދެކިލައްވައެވެ. އަދި އެ ލަފްޒަކުން ޤަސްދުކުރެވިފައިވަނީ ބާޠިލްގޮތް ނުވަތަ އުނި ސިފައެއް ﷲ ތަޢާލާއަށް ނިސްބަތް ކުރުން ކަމުގައި ވަނީނަމަ އެ ލަފްޒެއް ނަފީކުރަންޖެހޭނެއެވެ. އަދި ޤަސްދުކުރެވިފައި ވަނީ ޙައްޤު ކަމުގައި ވަނީނަމަ އެ ލަފްޒެއް ﷲ ތަޢާލާއަށް ނިސްބަތްކުރުން މަނާނުކޮށް އަހުލުއް ސުންނާގެ އަހުލުވެރިން އެ ޤަބޫލްކުރެއެވެ.

އަހުލުއް ސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކާއިމެދު ޢަމަލު މިކުރާ ގޮތަކީ އެގޮތަށް ޢަމަލުކުރުން ވާޖިބު ވެގެންވާ ގޮތެކެވެ. އަދި މި ގޮތަކީ ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އިންކާރުކުރާ މީހުންނާއި އެއިލާހަށް މިޘާލުޖަހާ މީހުންނައި ޚިލާފަށް މި މައްސަލައިގައި އެންމެ މެދުމިނުގެ ގޮތެވެ.

ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގައި މިގޮތަށް ޢަމަލުކުރުމަށް ޢަޤްލީ (ބުއްދީގެ) ގޮތުންނާއި،(ސަމްޢީ) ޤުރްއާނާއި ސުންނަތުންވެސް ޘާބިތުވެގެންވެއެވެ.

ޢަޤްލީ ދަލީލް (ބުއްދީގެ): ﷲ ތަޢާލާއާއި މެދު ވާހަކަ ދެއްކުމުގައި ޢަމަލު ކުރުން ވާޖިބުވެގެންވާ ގޮތާއި ހުއްދަވެގެންވާގޮތާއި މަނާ ވެގެންވާގޮތް ދަނެގަނެވެންއޮތް ހަމައެކަނި ގޮތަކީ ކީރިތި ޤުރްއާނާއި ސުންނަތްކަން ބުއްދި ޤަބޫލްކުރެއެވެ. އަދި މިކަމަށް މަގުދައްކާ އެހެން ވަޞީލަތެއް ނެތްކަންވެސް ބުއްދި ޤަބޫލްކުރެއެވެ. އެހެންކަމުން ބުއްދީގެ ހަމައިން ބަލާއިރު ކީރިތި ޤުރްއާނާއި ސުންނަތުގައި ﷲ ތަޢާލާއަށް ސާބިތުކުރައްވާފައިވާ ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހަށް ސާބިތުކުރުމާއި އެއިލާހަށް ނަފީ ކުރައްވާފައިވާ ސިފަތައް އެއިލާހަށް ނަފީކުރުމާއި، ސާބިތުވެސް ނަފީވެސް ނުކޮށް ދޫކޮށްލެވިފައިވާ ނަންތަކާއި ސިފަތަކާއިމެދު ވަކިގޮތެއް ނުނިންމައި ހަނުހުރުން ބުއްދީގެ ގޮތުން ދަލީލްކުރެއެވެ.

އައް ސަމްޢު ގެ ދަލީލް (ކީރިތި ޤުރްއާނާއި ސުންނަތުން): ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾) ( އަލް އަޢްރާފް ) މާނައީ: (” އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲ އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުގެ މަގުން އެއްކިބާވެގަތް މީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ. “) އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾) (އައް ޝޫރާ ) މާނައީ: (”  އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (11) “) އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ) ( އަލް އިސްރާއު 36 ) މާނައީ: (” އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ! “)

ފުރަތަމަ އާޔަތް: މި އާޔަތުން ﷲ ތަޢާލާގެ ސާބިތުވެގެންވާ ނަންފުޅުތައް އެއްވެސް ބަދަލުކުރުމަކާއި އިންކާރު ކުރުމަކާއިނުލާ ސާބިތުކުރުން ވާޖިބު ކުރައްވާފައިވެއެވެ. އަދި އެއަށް އިންކާރުކޮށް ބަދަލުކުރުމަކީ ޙައްޤުން އެއްކިބާވުން ކަމުގައިވެސް ވަނީ އަންގަވާފައެވެ. (ނޯޓް: ﷲ ތަޢާލާގެ ކޮންމެ ނަންފުޅަކުން ސިފަފުޅަކަށް ނުވަތަ ސިފަފުޅުތަކަކަށް ދަލާލަތުކުރެއެވެ.)

ދެވަނަ އާޔަތް: މިއާޔަތުން ދަލީލް ކުރަނީ ﷲ ތަޢާލާގެ ސިފަފުޅުތަކުގައި އެއިލާހަށް މިޘާލެއް ނުވާކަން ނުވަތަ އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވާކަމެވެ. އަދި އެއިލާހުގެ ސިފަފުޅަކަށް މިޘާލުޖެހުންވެސް ހުއްދަވެގެން ނުވާނެކަން މި އާޔަތުން ދަލީލްކުރެއެވެ.

ތިންވަނަ އާޔަތް: މިއާޔަތުން ދަލީލް ލިބެނީ ﷲ ތަޢާލާގެ ސިފަފުޅުތަކުގެ ކައިފިއްޔަތު ނުވަތަ ކިހިނެއްވާ ސިފައެއްކަން ބަޔާންކޮށްދިނުމާއި އެ ސިފަތަކާއިމެދު ސުވާލުއުފެއްދުމަކީ ހުއްދަކަމެއް ނޫންކަމެވެ. ސަބަބަކީ އެ ސިފަފުޅުތަކުގެ ކައިފިއްޔަތުގެ ޢިލްމު ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައި ނުވުމެވެ. އަދި ޤުރްއާނާއި ސުންނަތުގައި ﷲ ތަޢާލާ އަށް ސާބިތު ކުރައްވާފައިނުވާ އަދި ނަފީވެސް ކުރައްވާފައިނުވާ ސިފަތަކާއި ބޭހޭގޮތުން ވަކިގޮތެއް ނިންމުން ހުއްދަވެގެންނުވާކަން ދަލީލްކުރެއެވެ. އައި އެ ފަދަ ސިފަތަކުގައި ހަނުހުރުމަށް ދަލީލް ލިބެއެވެ. ސަބަބަކީ އެއާއި ބެހޭ ޢިލްމެއް އަޅުގަނޑުމެންނަށް ލިބިގެން ނުވުމެވެ.

ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ސާބިތު ކުރައްވާފައިވާ ހުރިހާ ސިފަފުޅުތަކަކީ އެންމެ ފުރިހަމަ ވެގެންވާ ސިފަފުޅުތަކެވެ. އެއީ އޭގެ މައްޗަށް ޙަމްދު ލިބިގެންވާ ސިފަފުޅުތަކެކެވެ. އަދި އެ ސިފަފުޅުތަކުން ﷲ ތަޢާލާއަށް ޘަނާ ދެންނެވޭ ސިފަފުޅުތަކެކެވެ. އަދި އެއިން އެއްވެސް ސިފަފުޅެއްގައި އެއްވެސް ގޮތަކަށް އެއްވެސް ކަހަލަ އުނިކަމެއް ނުވެއެވެ. އެހެންކަމުން ﷲ ތަޢާލާއަށް ސާބިތުވެގެންވާ ހުރިހާ ސިފަފުޅުތަކަކީ ޖުމްލަކޮށް އެންމެ ފުރިހަމަގޮތުގައި އެއިލާހަށް ސާބިތުކުރެވިގެންވާ ސިފަފުޅުތަކެކެވެ.

އަދި ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ނަފީ ކުރައްވާފައިވާ ހުރިހާ ސިފަތަކަކީ އުނި ސިފަތަކެކެވެ. އަދި އެންމެ ފުރިހަމަ ވެގެންވާގޮތުގައާއި ޖުމްލަގޮތުގައި އެ ސިފަތަށް ﷲ ތަޢާލާއަށް ނަފީކުރަން ޖެހޭނެއެވެ. ﷲ ތަޢާލާގެ ފުރިހަމަކަމަށްޓަކއި ހުރިހާ އުނި ސިފަތަކަކީ ﷲ ތަޢާލާއަށް ސާބިތުކުރުން މަނާ ވެގެންވާ ސިފަތަކެކެވެ. އަދި ﷲ ތަޢާލާގެ މައްޗަށް ސިފައެއް ނަފީކުރުމުގެ މުރާދައަކީ އެ ސިފައެއް އެންމެ ފުރިހަމަގޮތުގައި ނަފީކުރުމަށްފަހު އޭގެ އިދިކޮޅު ސިފަ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ސާބިތުކުރުމެވެ. ހަމައެކަނި އުނި ސިފަ ނަފީކުރުމަކުން އެއިލާހަށް ފުރިހަމަ ކަމެއް ނިސްބަތް ނުކުރެވެއެވެ. އެހެނެއްކަމަކު އުނި ސިފަ ނަފީކުރުމާއި އެކު އޭގެ އިދިކޮޅު ސިފަ އެއިލާހަށް ފުރިހަމަގޮތުގައި ސާބިތުކުރުން ވާޖިބުވެގެންވެއެވެ. އަދި އެއިލާހަށް ފުރިހަމަކަން ފުރިހަމަ ގޮތުގައި ނިސްބަތްކުރެވޭނީ މިގޮތަށް ޢަމަލުކުރުމުންނެވެ. މިސާލަކަށް ﷲ ތަޢާލާވަނީ އެއިލާހުގެ ނަފްސުފުޅަށް އަނިޔާވެރިވުން ނަފީކުރައްވާފައެވެ. އެހެންކަމުން ﷲ ތަޢާލަށް ނިސްބަތްކޮށް އަނިޔާވެރިވުމުގެ ސިފަ ނަފީކުރުމަކީ ވާޖިބެކެވެ. އަދި މިގޮތަށް ނަފީކުރުމުގައި އަނިޔާވެރިކަމުގެ އިދިކޮޅު ސިފަކަމުގައިވާ ޢަދުލުވެރިކަން އެންމެ ފުރިހަމަގޮތުގައި އެއިލާހަށް ސާބިތުކުރުން ވާޖިބުވެގެންވެއެވެ. އަދި ވަރުބަލިވުންވެސް ﷲ ތަޢާލާވަނީ އެއިލާހަށް ނަފީ ކުރައްވާފައެވެ. މިގޮތަށް އަޅުގަނޑުމެން އެ ސިފަ ﷲ ތަޢާލާއަށް ނަފީކުރުމުގައި އޭގެ އިދިކޮޅުސިފަ ކަމުގައިވާ ބާރުވެރިކަން އެއިލާހަށް އެންމެ ފުރިހަމަގޮތުގައި ސާބިތުކުރުން ވާޖިބުވެގެންވެއެވެ. ހަމަ މިގޮތަށް ﷲ ތަޢާލާ އެއިލާހަށް ނަފީކުރެއްވި ހުރިހާ ސިފައަކާއިމެދު ޢަމަލުކުރުން ވާޖިބުވެގެންވެއެވެ. و الله أعلم

– ނުނިމޭ-

މަޞްދަރު:  فتح ربّ البرية بتلخيص الحموية لفضيلة الشيخ العلامة محمد بن صالح العثيمين – رحمه الله –