ސުވާލު: ދުނިޔެމަތީގައި އެއަކު އަނެކަކުދެކެ ލޯބި ވިޔަސް އެ ދެ މީހުންނަށް ދުނިޔެމަތީގައި އެކީގައި އުޅުމަށް ﷲ އިރާދަ ކުރައްވައިފައި ނުވާއިރު، ސުވަރުގޭގައި އެ ދެ މީހުންނަށް އެކުގައި އުޅެވިދާނޭ ހެއްޔެވެ؟ އަދި ފިރިހެން މީހާއަށް ލިބިގެން ވާ ގޮތަށް، އަންހެން މީހާއަށް އެއްފިރިއަކަށް ވުރެ ގިނަ ފިރީން ސުވަރުގޭގައި ލިބިދާނޭ ހެއްޔެވެ؟
ޖަވާބު:
ސުވަރުގެއަކީ އެންމެ ފުރިހަމަވެގެންވާ ހުރިހާ ނިޢުމަތެއްގެ މަންޒިލެވެ. ﷲ އެކަލާނގެ ފަޟުލުވަންތަވެރިކަމުން އަދި އެކަލާނގެ އިޙްސާންވަންތަވެރިކަމުން، އެ ސުވަރުގެ ތައްޔާރު ކުރެއްވީ އެކަލާނގެއަށް ތަޤުވާވެރިވީ މީހުންނަށެވެ. އަދި އެކަލާނގެ ޞާލިޙު އަޅުތަކުންނަށެވެ. އެހެންކަމުން އެއީ ކަރާމާތްތެރި އަދި ސަލާމަތްތެރިކަން ލިބިގެންވާ މަންޒިލެކެވެ. އިންސާނާގެ ބުއްދިއަށް ގެނެސް ނުގަނެވޭނޭހައި ބާވަތްބާވަތުން ﷲވަނީ އެ ސުވަރުގޭގެ ނިޢުމަތްތައް އިތުރުކުރައްވައި، އެއް ބާވަތެއްގެ ނިޢުމަތަށް ވުރެ އަނެއް ބާވަތެއްގެ ނިޢުމަތެއް މާތް ކުރައްވައި ދަރަޖަ ކުރައްވައިފައެވެ.
މި މޭރުމުން ބުޚާރީގެ 3244ވަނަ ނަންބަރު ޙަދީޘްގައި އަދި މުސްލިމްގެ 2824ވަނަ ނަންބަރު ޙަދީޘްގައި ﷲ އެ ބޭކަލަކަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ ކިބައިން އައިސްފައި ވެއެވެ؛ އެ ކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ:
“قَالَ اللَّهُ أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنٌ رَأَتْ، وَلاَ أُذُنٌ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ ﴿فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ﴾ [سورة السجدة ١٧] ”.
މާނައީ: “ﷲ ވަޙީ ކުރެއްވިއެވެ: “ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކުން އެ ވާހަކައެއް އަހައިފައި ނުވާ އަދި އިންސާނެއްގެ ހިތަށް ގެނެސްގަނެވިފައިވެސް ނުމެވާ ފަދައިން ތިމަންރަސްކަލާނގެ ޞާލިޙު އަޅުންނަށްޓަކައި ސުވަރުގެ ތައްޔާރުކުރެއްވީމެވެ.” ތިޔަބައިމީހުން އެދޭނަމަ، އަންނަނިވި އާޔަތް ކިޔަވާށެވެ!
﴿فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ﴾ [سورة السجدة ١٧]
{މާނައީ: “ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްކަމުގައެވެ.”}”
ސުވަރުގޭގެ މި ނިޢުމަތްތަކުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނެތި ޝާމިލުވެގެންވެއެވެ. މިކަން ބަޔާން ކުރައްވައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ:
﴿وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا﴾ [سورة النساء 124]
މާނައީ: “އަދި މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ހެޔޮޢަމަލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ:
﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [سورة النحل ٩٧]
މާނައީ: “މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”
އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ:
﴿مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ﴾ [سورة غافر ٤٠]
މާނައީ: ” ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެތެވެ. އަދި ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެންވިޔަސް، އީމާން ވެގެންހުރެ ޞާލިޙު ޢަމަލު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އެތާނގައި ޙިސާބެއް ނެތި އެއުރެންނަށް ރިޒުޤު ލިބޭނެތެވެ.”
= ނުނިމޭ=