ދެވަނައީ: الإمام مسلم ގެ الصحيح
ފޮތުގެ މުއައްލިފު:
އެއީ ޙަދީޘް ޢިލްމުގައި މަޝްހޫރު الإمام الحافظ أبو الحسين مسلم بن الحجاج بن مسلم القشيري النيسابوري އެވެ. އުފަންވީ ހިޖުރައިން 204 ވަނަ އަހަރުގައެވެ. އަދި އަވަހާރަވީ ހިޖުރައިން 261 ގައެވެ. [1]
ފޮތުގެ ނަން:
ޢިލްމުވެރިންގެ އަރިހުގައި މި ފޮތް މަޝްހޫރުވެފައިވަނީ “صحيح مسلم” ގެ ގޮތުގައެވެ.
ابن الصلاح ވިދާޅުވިއެވެ.
“އިމާމު މުސްލިމުގެ ވިދާޅުވާތީ ތިމަން ބޭކަލުން ރިވާކުރެއްވީމެވެ. ‘ތިމަންކަލޭގެފާނު “المسند الصحيح” ލިޔުއްވީ، ތިމަން ކަލޭގެފާނު އަޑުއެހި ތިން ލައްކަ ޙަދީޘްގެ ތެރެއިން ހޮވާލައިގެންނެވެ.’ “
އަދިވެސް ابن الصلاح ވިދާޅުވިއެވެ.
“مكى بن عبدان ގެ އަރިހުން ތިމަން ބޭކަލުންނަށް ފޯރާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مسلم بن الحجاج ވިދާޅުވިއެވެ. ޙަދީޘްގެ އަހުލުވެރިން 200 އަހުރުވަންދެން ޙަދީޘް ލިޔުއްވިޔަސް، އެބޭކަލުން ލިޔުއްވާ ޙަދީޘްތަކުގެ މައިގަނޑު ޙަދީޘްތައްވާނީ މި މުސްނަދުގައެވެ.” އެބަހީ: އެކަލޭގެފާނު ލިޔުއްވި ޞަޙީޙުގައެވެ. [2]
ފޮތް ލިޔުމަށް މެދުވެރިވި ސަބަބު:
“المسند الصحيح” ލިޔުއްވުމަށް މެދުވެރިވި ސަބަބު، އެކަލޭގެފާނުވަނީ އެ ފޮތުގެ މުޤައްދިމާގައި ބަޔާންކުރައްވާފައެވެ. އެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ އެކަން މެދުވެރިވީ ދެ ސަބަބަކާ ހުރެއެވެ. [3]
ފުރަތަމައީ: އެކަލޭގެފާނުގެ ދަރިވަރެއްގެ އެދިލެއްވުމެއް
އެކަލޭގެފާނުގެ އެފޮތުގެ މުޤައްދިމާގައި ވިދާޅުވެފައި ވެއެވެ.
“ދެން އެއަށްފަހުގައި – إن شاء الله – ތިމަންކަލޭގެފާނު މި ފައްޓަވަނީ ތިބާ އެދުނު ގޮތަށް ޙަދީޘް ރިވާކުރާށެވެ. އެއީ ތިބާއަށް ބަޔާން މިކޮށްދޭ ޝަރުޠުގެ މަތީގައެވެ.”
ދެވަނައީ: މީސްތަކުން ލިޔެފައިވާ ފޮތްތަކުގައި ޟަޢީފު ޙަދީޘާއި މުންކަރު ޙަދީޘާއި އެއްވެސް ބުރަދަނެއް ނުވާ ޙަދީޘްތައް ގިނަވެފައިވާތީ
އެކަލޭގެފާނުގެ އެ ފޮތުގެ މުޤައްދިމާގައި ވިދާޅުވެފައި ވެއެވެ.
“އެހެނެއްކަމަކު، ތިބާއަށް ކުރިން ބަޔާންކޮށްދީފައިވާނޭ ފަދައިން، މަޖުހޫލު ސަނަދުން ރިވާވެފައިވާ ޟަޢީފު ޙަދީޘްތައް ބަޔަކު މީހުން މިވަނީ ފަތުރާފައެވެ. އަދި އޭގައިވާ ޢައިބުތައް ނޭނގޭ ޢާންމުންނަށް އެބައިމީހުންވަނީ އެ ފޯރުކޮށްދީފައެވެ. އެހެންކަމުން ތިބާގެ އެދުމަށް އިޖާބަދިނުމަށް ތިމަންކަލޭގެފާނު ބޭނުންވީއެވެ.”
= ނުނިމޭ =
[1] އެކަލޭގެފާނުގެ ވަނަވަރުގެ ތަފްޞީލު ބެއްލެވުމަށް: سير أعلام النبلاء 12 / 557.
[2] أبو عمرو ابن الصلاح: صيانة صحيح مسلم ص: 67 – 68.
[3] مسلم بن الحجاج: مقدمة الصحيح ص: 3 – 4.