މާތް ﷲ ޤުރުއާނުގައި އަދި އެކަލާނގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ސުންނަތުގައިވަނީ ސުވަރުގޭގެ ނިޢުމަތްތަކުގެ ބާވަތްތަކާއި ވައްތަރުތަކުގެ ޚަބަރު އެތަކެއް ފަހަރަކު ބަޔާން ކުރައްވާފައެވެ. ސުވަރުގޭގައި ލިބޭނޭ ކާބޯ ތަކެއްޗާއި، އެ ސުވަރުގޭގައި ކުރެވޭ ކައިވެނިތަކާއި، އެ ތަނުގެ އަހުލުވެރީންގެ ފޭރާމާއި އަދި މި ނޫންވެސް ކިތައްމެ ނިޢުމަތެއްގެ ވާހަކައިން ޚަބަރުތައް ޤުރުއާނާއި ސުންނަތުގައި ބަޔާން ކުރައްފައިފައި ވެއެވެ. އެހެނަސް އެ ދެ އަޞްލުގައިވެސް ބަޔާންވެގެން އެވަނީ ﷲ އެކަލާނގެ އަޅުތަކުން ކުރެ ޞާލިޙުންނަށާއި އެކަލާނގެ ވަލީވެރީންނަށް ތައްޔާރު ކުރައްވައިފައި ވާ ސުވަރުގޭގެ ނިޢުމަތްތަކުގެ ތެރެއިން ނުހަނު މަދު މިންވަރެކެވެ. އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ތައްޔާރު ކުރައްވައިފައިވާ ނިޢުމަތްތަކުގެ ޙަޤީޤަތް ތަޞައްވުރު ނުކުރެވޭނޭ ފަދައިން އެ ނިޢުމަތްތަކުގެ މިންވަރުވެސް ތަޞައްވުރު ނުކުރެވޭނެތެވެ. މި ކަންތައް އޮތީ ﷲ، އެ ދެ ބަފައިންނަށް ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން ވިދާޅުވީ ފަދައިންނެވެ. އެ ކަލޭގެފާނު މަޝްހޫރު ވެފައިވަނީ تَرجَمَانُ الْقُرْآن (ޤުރުއާނުގެ ތަރުޖަމާނު)ގެ ލަޤަބުންނެވެ. (އެއީ އެ ޢިލްމުގައި އެކަލޭގެފާނުގެ ހައިބަތުގެ ސަބަބުންނެވެ.) އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ:
“ދުނިޔޭގައި ވާފަދަ އެއްވެސް އެއްޗެއް ސުވަރުގޭގައި ވާ އެއްޗަކާ ވައްތަރު ވެގެން ނުވެއެވެ. (ދުނިޔޭގައި ވާ ތަކެއްޗާއި ސުވަރުގޭގައި ވާ ތަކެތީގެ މެދުގައި ވާ ހަމައެކަނި އެއްގޮތް ކަމަކީ) ދުނިޔޭގައިވާ ތަކެއްޗަށް ކިޔާ ނަންތައް ސުވަރުގޭގައިވާ ތަކެއްޗަށް ކިޔޭ ކަމެވެ.”
ކަން މިފަދައިން ހުރުމާއެކު، ސުވަރުގޭގެ ނިޢުމަތްތަކުގެ ގޮތްބާވަތާ މެދު ތަފްޞީލަށް އެދުން އިންސާނާއަށް މުނާސަބުވެގެން ނުވެއެވެ. އެހެނީ އާޚިރަތުގައި އަޅާއަށް ހުރި ނިޢުމަތްތަކަކީ ބުއްދިއަށް އޭގެ ގޮތްބާވަތް ތަޞައްވުރު ނުކުރެވޭނޭހައި ފުރިހަމަވެގެންވާ ނިޢުމަތްތަކެއްކަމުގައި ވާތީއެވެ. އަދި އެ ނިޢުމަތްތަކާ ދުނިޔޭގެ އެއްވެސް ކަމަކާ އަޅާވެސް ނުކިޔޭނެއެވެ. ބުޚާރީގެ 2892ވަނަ ނަންބަރު ޙަދީޘްގައި ﷲ އެ ބޭކަލަކަށް ރުއްސުންލެއްވި ސަހްލު ބްނު ސަޢްދުގެ ކިބައިން ރިވާ ވިއެވެ؛ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ:
” مَوْضِعُ سَوْطِ أَحَدِكُمْ مِنَ الجَنَّةِ خَيْرٌ مِنَ الدُّنْيا وما عَلَيْها، والرَّوْحَةُ يَرُوحُها العَبْدُ في سَبيلِ اللَّهِ، أَوِ الغَدْوَةُ خَيْرٌ مِنَ الدُّنْيا وما عَلَيْها. ” މާނައީ: “ސުވަރުގޭގައި؛ ތިޔަބައިމީހުން (ދުނިޔެމަތީގައި އަސް ދުއްވުމުގައި ބޭނުން ކުރާ) ޗާބޫކު ވައްޓައިލައިފައި އޮންނަ ތަންކޮޅުހައި ކުޑަ ތަންކޮޅެއް، އެއީ މި ދުނިޔެއާއި މި ދުނިޔެ މަތީގައި ވާހައި އެއްޗަކަށް ވުރެ ހެޔޮކަން ބޮޑު ތަންކޮޅެކެވެ. އަދި އަޅާ ﷲގެ މަގުގައި ހެނދުނުގެ ވަގުތުގައި ނުވަތަ ހަވީރުގެ ވަގުތުގައި ކުރާ ދަތުރެއް ދުނިޔެއާއި ދުނިޔެ މަތީގައި ވާހައި އެއްޗަކަށްވުރެ ހެޔޮ ވެގެން ވެއެވެ.”
މި ކަންކަމުން އެނގެނީ ދުނިޔެމަތީގައި އިންސާނާ ދެކެފަރިތަވެފައިވާ ކެއުންތަކާއި، ބުއިންތަކާއި، ކައިވެނިތައް ސުވަރުގޭގެ ނިޢުމަތްތަކުގެ ތެރޭގައިވާ ކަންކަމާ މުޅީން ތަފާތު ވެގެން ވާނެކަމެވެ.
ބުޚާރީގެ 3246ވަނަ ނަންބަރު ޙަދީޘް އަދި މުސްލިމުގެ 2834ވަނަ ނަންބަރު ޙަދީޘްގައި ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާ ވެގެން އައިސްފައި ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
“ أَوَّلُ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ، وَالَّذِينَ عَلَى إِثْرِهِمْ كَأَشَدِّ كَوْكَبٍ إِضَاءَةً، قُلُوبُهُمْ عَلَى قَلْبِ رَجُلٍ وَاحِدٍ، لاَ اخْتِلاَفَ بَيْنَهُمْ وَلاَ تَبَاغُضَ، لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ، كُلُّ وَاحِدَةٍ مِنْهُمَا يُرَى مُخُّ سَاقِهَا مِنْ وَرَاءِ لَحْمِهَا مِنَ الْحُسْنِ، يُسَبِّحُونَ اللَّهَ بُكْرَةً وَعَشِيًّا، لاَ يَسْقَمُونَ وَلاَ يَمْتَخِطُونَ، وَلاَ يَبْصُقُونَ، آنِيَتُهُمُ الذَّهَبُ وَالْفِضَّةُ، وَأَمْشَاطُهُمُ الذَّهَبُ، وَقُودُ مَجَامِرِهِمُ الأُلُوَّةُ”
މާނައީ: “ސުވަރުގެއަށް އެންމެ ފުރަތަމަ ވަންނަ މީހުންގެ ޞޫރަވަނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ. އެއަށްފަހުގައި ވަންނަ މީހުން، އަލިކަން އެންމެގަދަ ވެގެންވާ ތަރި ފަދައެވެ. އެބޭކަލުންގެ ހިތްތައްވާނީ އެކެއްގެ ހިތްފަދައިން (އެކުވެރި ކަންމަތީ) އެވެ. ޚިލާފުވުމެއް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިކަމެއް އެ މީހުންގެ މެދުގައި ނުވެއެވެ. އޭގެ ތެރެއިން ކޮންމެ މީހަކަށްމެ ދެ އަނބީން ވެއެވެ. އެ ކަނބަލުން ކުރެ ކޮންމެ މީހެއްގެ ރީތިކަމުގެ ސަބަބުން، (ހަންގަޑުގެ ތުނިކަމުން) ފައިގެ ފުންނާބުގެ މަސްގަނޑުގެ ތެރެއިން (ކަށިގަނޑު) ފެންނާނެތެވެ. (އެއްވެސް ތަކުލީފެއް އުފުލުމަކާ ނުލައި) ސުވަރުގޭގެ އަހުލުވެރީން ހެނދުނާއި ހަވީރު ﷲއަށް ތަސްބީޙަ ކިޔާނެތެވެ. އެ މީހުންނަށް އެއްވެސް ބައްޔެއް ޖެހުމެއް ނުވެއެވެ. އަރިދަފުސް ބޭރު ކުރުމެއް ނުވަތަ ކުޅެއް ޖެހުމެއް އެ މީހުންނަށް ނުވެއެވެ. އެ މީހުންގެ ކަންވާރުތައްވަނީ ރަނާއި ރިހީންނެވެ. އެ މީހުންގެ ބޮލުފުނާތައްވަނީ ރަނުންނެވެ. އެ މީހުންގެ މެދުގައި ޢޫދު އެންދޭނެއެވެ.”
މި ޙަދީޘުން ސާފުކޮށް އެނގޭފަދައިން ސުވަރުގޭގެ ނިޢުމަތްތައް ދުނިޔޭގައި ވާ ކަންކަމާ މުޅީން ތަފާތެވެ. -އަޅަމެން ﷲގެ ފަޟުލަށް އެދެމެވެ!-
= ނުނިމޭ=
_________________