[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުވަރުގޭގެ ނިޢުމަތް – 3

ދުނިޔޭގައި އެކުގައި އުޅުނު ފިރިމީހާ ނޫން ފިރިހެނެއް ސުވަރުގޭގައި ލިބިދާނޭތޯ ކުރެވިފައިވާ ސުވާލު އަދި އެއް ފިރިހެނަކަށް ވުރެ އިތުރު ފިރީން ލިބިދާނޭތޯ ކުރެވިފައިވާ ސުވާލާ މެދު ދަންނައެވެ. ދެމަފިރީންނަށް ސުވަރުގެ ވަދެވުމުން އެ ދެ މީހުންގެވެސް އެންމެހައި ޞިފަތަކެއް އެންމެ އުފާވާނޭ ސިފަތަކަށް ބަދަލު ކުރެއްވޭނެއެވެ. އެއީ އެއްވެސް ކަހަލަ އުނިކަމެއް ނެތިއެވެ. މިއީ ކަށުނަމާދުގައި ކިޔުމަށް ވާރިދުވެގެން އައިސްފައިވާ ދުޢާގައި އެކުލެވިގެން ވާ މާނަތަކުގެ ތެރެއިން އެއް މާނައެވެ.

އެ ދުޢާގައި އައިސްފައި ވަނީ:

((وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ)). [1]  

މާނައީ: “އޭނާގެ ގޮވަތިގެދޮރަށް ވުރެ ހެޔޮ ގޮވަތިގެދޮރަށް އޭނާ ބަދަލު ކުރައްވާނދޭވެ! އަދި އޭނާގެ އަހުލުވެރީންނަށް ވުރެ ހެޔޮ އަހުލުވެރީންގެ (ގާތަށް) އޭނާ ބަދަލު ކުރައްވާނދޭވެ! އަދި އޭނާގެ އަނބިމީހާއަށް ވުރެ ހެޔޮ އަނތްބެއް (ގާތަށް) އޭނާ ބަދަލު ކުރައްވާނދޭވެ!”

މި ދުޢާގައި ބަޔާންވެގެން މިވާ ‘ބަދަލު ކުރެއްވުން’ ވަނީ ދެ ގޮތަކަށް ކަމަށް ބެލެވިދާނެއެވެ.

ފުރަތަމައީ: ދެމަފިރިންކުރެ މީހަކަށް ސުވަރުގެއަށް ނުވަދެވުނު ނަމައެވެ. މިފަދަ ޙާލަތެއްގައި ދުނިޔެމަތީގައި އެކުގައި އުޅުނު މީހާ ނޫން މީހަކާ އޭނާގެ ކައިވެނި ކުރެވޭނެތެވެ.

ދެވަނައީ: އެ މީހެއްގެ ކިބައިގައިވާ ޞިފަތަކެއް ބަދަލު ކުރެއްވުމެވެ. އެއީ އޭނާގެ ކިބައިގައި މީސްތަކުން އެ ޞިފަތަކަކަށް ލޯބި ކުރާ ހުރިހާ ޞިފަތަކެއް ލެއްވިގެންނެވެ.  އަދި މީސްތަކުން އެ ޞިފަތަކަކަށް ނުރުހިގެންވާ ހުރިހާ ޞިފަތަކަކެއް އެ މީހެއްގެ ކިބައިން ދުރުކުރެވިގެންނެވެ. އަދި މުޅީން އެހެން މީހަކަށް އެ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ބަދަލު ކުރެވިދާނޭވެސް ބުނެވިދާނެއެވެ. އެއީ ޤުރުއާނުގައި ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ އައިސްފައި ވާލެއް ފުޅާ ކަމުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ:

﴿لَهُمْ مَا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ﴾ [سورة ق 35]

މާނައީ: “އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާކަމެއް ވެއެވެ. އަދި ތިމަން އިލާހުގެ ޙަޟުރަތުގައި އިތުރު ނިޢުމަތްތައްވެސް ވެއެވެ. “

އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ:

﴿وَفِيهَا مَا تَشْتَهِيهِ الْأَنْفُسُ وَتَلَذُّ الْأَعْيُنُ وَأَنْتُمْ فِيهَا خَالِدُونَ﴾ [سورة الزخرف 71]

މާނައީ: ” އަދި އެތަނުގައި ހިތް އެދޭ އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތަނުގައި ދެމިތިބޭނެތެވެ.”

އަދިވެސް ވަޙީކުރައްވައިފައި ވެއެވެ:

﴿وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ﴾ [سورة فصلت 31]

މާނައީ: “ތިޔަބައިމީހުންގެ ނަފުސުތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށް ވެއެވެ. “

ހަމައެހެންމެ، ‘ބަދަލުކުރެއްވުން’ މިފަދައިން އޮތް ބަހުގެ މުރާދަކީ އަނބިމީހާ ނުވަތަ ފިރިމީހާ މުޅީން އެހެން މީހަކަށް ބަދަލު ކުރެއްވުންކަމުގައި ބުނެވޭ ބަހަށް ލިބޭ އިތުރު ބާރަކީ ޤުރުއާނުގައި ނުވަތަ އިތުރުއެކަލޭގެފާނުގެ ސުންނަތުގައި މިކަން މަނާ ކުރާނޭ ދަލީލެއް ނެތުމުން، އިސްވެދިޔަ އާޔަތްތަކުން އޭގެ ޢާންމު އަދި ފުޅާ މާނައިގައި ދަލީލު ލިބުމެވެ. އަދި އަލްމުޢްޖަމުލްއައުސަޠުގެ 3130ވަނަ ޙަދީޘުގައި އުންމުއްދަރްދާއު އަބުއްދަރްދާއުގެ ކިބައިން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާ ހަމައަށް އުފުލައިފައިވާ ޙަދީޘަކީ ބަލިކަށި ޙަދީޘެކެވެ. އެ ޙަދީޘްގައި އައިސްފައި ވެއެވެ:

“އެ މީހެއްގެ ފިރިމީހާ މަރުވުމުން ކައިވެންޏެއް ކޮށްފި އަންހެނާ (ސުވަރުގޭގައި)ވަނީ އޭނާގެ ފަހުގެ ފިރިމީހާއަށެވެ.” [2]

= ނުނިމޭ=

_________________

މަޞްދަރު

މި ލިޔުމުގެ އެހެންބައިތައް

 

[1] މިއީ ކަށުނަމާދުގައި ކިޔުމަށް ވާރިދު ވެގެން އައިސްފައި ވާ ދުޢާތަކުގެ ތެރެއިން އެއް ދުޢާގެ ފަހު ބައެވެ. މި ދުޢާއަކީ: ((اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ [وَمِنْ عَذَابِ النَّارِ] )) މި އެވެ. (ޞަޙީޙު މުސްލިމް 963)

[2] ބައެއް ޢިލްމުވެރިން މި ޙަދީޘް ޞައްޙަ ކުރައްވައެވެ. (ބައްލަވާ: سلسلة الأحاديث الصحيحة للألباني (1281)).