އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ސުވަރުގޭގެ އަހުލުވެރީންވަނީ ބޮޑުވެގެންވާ ނިޢުމަތްތަކެއްގައެވެ. [އަޅަމެންނީ އެ ނިޢުމަތް ލިބޭނޭ ބައެއް ކަމުގައި ﷲ ލައްވާށި! – އާމީން] ހިތްތަކަށް ލިބޭ ނިޢުމަތްތަކެކެވެ. ރޫޙުތަކަށް ލިބޭ ނިޢުމަތްތަކެވެ. އަދި ހަށިގަނޑުތަކަށް ލިބެނިވި ނިޢުމަތްތަކެވެ.
﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ﴾ [سورة يونس 62]
މާނައީ: “ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.”
ﷲވަނީ އެ މީހުންގެ ހިތްތަކުން ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ނެތި ކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ:
﴿وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ﴾ [سورة الحجرات 47]
މާނައީ: “އަދި ތިމަންއިލާހު އެއުރެންގެ ހިތްތަކުގައިވާ ޙަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ.”
ބުޚާރީ 3245ވަނަ ނަންބަރު ޙަދީޘްގައި އަދި މުސްލިމު 2834ވަނަ ނަންބަރު ޙަދީޘްގައި މާތްﷲ އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ސުވަރުގެއަށް ވަންނަ ފުރަތަމަ މީސްތަކުންގެ ޖަމާޢަތް ޞިފަ ކުރައްވައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިކަމަށް ރިވާވެގެންވާ ޙަދީޘްގެ މާނައިގައި ވެއެވެ:
“ޚިލާފު ވުމެއް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިކަމެއް އެ މީހުންގެ މެދުގައި ނުވެއެވެ.”
ދެން އަންހެނުނަށް ސުވަރުގޭގައި އެއް ފިރިއަކަށް ވުރެ ގިނައިން ލިބިގެން ވޭތޯ ކުރެވުނު ސުވާލާމެދު ދަންނައެވެ! މި ކަމަށް ދަލީލެއް ލިބޭނެ އެއްވެސް މަޢުލޫމާތެއް ޤުރުއާނުންވެސް އަދި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއިގެ ސުންނަތުންވެސް ލިބޭކަށް ނެތެވެ. ހަމައެކަނި ފެންނަންހުރި މަޢުލޫމާތުން އެނގެން ހުރި މިންވަރަކީ އާޚިރަތުގެ ނިޢުމަތްތަކަކީ ޣައިބުގެ ތެރެއިން ހިމެނިގެންވާ ކަންކަންކަމެވެ. އެހެންކަމުން މިފަދަ ކަންތައްތަކުގައި ރުޖޫޢަ ވާން ޖެހޭނީ ﷲއާއި އެކަލާނގެ ރަސޫލާއަށެވެ. އަދި މިފަދަ ކަންކަމުގައި ޤިޔާސް ކުރުމަކަށް ޖާގައެއް ނޯންނާނެއެވެ.
އިސްވެ ބަޔާންކުރެވުނު އަބޫ ހުރައިރަތުގެފާނުގެ ކިބައިން ސުވަރުގެއަށް އެންމެ ފުރަތަމަ ވަންނަ ޖަމާޢަތުގެ މީސްތަކުންނާ މެދު އައިސްފައިވާ ޙަދީޘްގައި: “އެބޭކަލުންގެ ހިތްތައްވާނީ އެކެއްގެ ހިތްފަދައިން (އެކުވެރި ކަންމަތީ) އެވެ. ޚިލާފުވުމެއް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިކަމެއް އެ މީހުންގެ މެދުގައި ނުވެއެވެ. … (އެއްވެސް ތަކުލީފެއް އުފުލުމަކާ ނުލައި) ސުވަރުގޭގެ އަހުލުވެރީން ހެނދުނާއި ހަވީރު ﷲއަށް ތަސްބީޙަ ކިޔާނެތެވެ.” މިފަދައިން އައިސްފައިވުމުން އެނގެނީ ދުނިޔެމަތީގައި ފިރިމީހާގެ ދެ އަނބީން ތިބޭނަމަ ކުރިމަތިވާފަދަ ދަތިތައް ސުވަރުގޭގައި ކުރިމަތި ނުވާނޭކަމެވެ.
އަންހެނާއަށް އެއް ފިރިއަކަށްވުރެ އިތުރަށް ކައިވެނި ކުރެވިދާނޭ ކަމުގައި އެއްވެސް ދަންނަބޭކަލެއް ވިދާޅުވިކަމުގައި ފެންނާކަށް ނެތެވެ. އެހެނެއްކަމަކު ޤުރުއާނުން ފެންނާން އޮތީ އެ ކަނބަލުންގެ ޙައްޤުގައި އެއީ އުނިކަމެއްކަމުގައެވެ. އަދި އިމާމް ސުޔޫޠީ ވިދާޅުވެފައިވާ ފަދައިން ދެ މީހަކު ބައިވެރި ވެ އަންހެނެއް ހިއްސާ ނުކުރެވޭނެއެވެ. ހަމަ އެހެންމެ ﷲވަނީ ޙޫރުލްޢީނުންނަށް ޘަނާ ވަޙީ ކުރައްވައިފައެވެ:
﴿فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلا جَانٌّ﴾ [سورة الرحمن 56]
މާނައީ: “ކަޅިތައް ޢިއްފަތްތެރި، ޙޫރުލްޢީނުން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.”
މިއާއެކު ކޮންމެ މުއުމިނު ފިރިހެނަކު އަދި މުއުމިނު އަންހެނަކަށްވެސް އެންމެ ފައިދާ ބޮޑު އަދި އެންމެ ބޮޑަށް މަންފާ ޙާޞިލު ވާނޭ ގޮތަކީ ހެޔޮ ޢަމަލުތައް ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި ޝައިޠާނާއަށް ވަސްވާސް ދެވޭނޭ އެންމެހައި ގޮތްތަކަކުން ރައްކާތެރިވުމެވެ. وَاللهُ أَعْلَمُ.
= ނިމުނީ =
_________________