އެކަލޭގެފާނުގެ ޞަޙީޙުގައި ގެންގުޅުއްވާފައި މަންހަޖު:
“صحيح مسلم” ގެ މުޤައްދިމާގައި އެކަލޭގެފާނު އަމިއްލަފުޅަށްވަނީ، އެ ފޮތުގައި ގެންގުޅުއްވާފައިވާ މަންހަޖު ބަޔާންކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ދެން އެއަށްފަހުގައި – ﷲ އިރާދަކުރެއްވިއްޔާ – ތިބާ އެދުނު ގޮތަށް ޙަދީޘްތައް ގެނެސްދިނުމަށް މި ފަށަނީއެވެ. އެއީ ތިމަން މި ބަޔާންކުރާ ޝަރުޠުތަކާ އެކުގައެވެ. އެއީ ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ގުޅިފައިވާ ސަނަދުން އައިސްފައިވާ ޙަދީޘްތަކުގެ ތެރެއިން ޙަދީޘްތައް ގެނައުމެވެ. އެ ތަކުރާރުކުރުމެއް ނެތި ތިން ބަޔަށް ބަހާލާނަމެވެ. އަދި އޭގައިވާ ރާވީންވެސް ތިން ދަރަޖައަކަށް ބަހާލާނަމެވެ.
އެހެނަސް ޙަދީޘެއް ތަކުރާރު ނުކޮށް ފަރު ނުޖެހޭ ޙާލަތެއް އަތުވެއްޖެނަމަ، އޭގައި އިތުރު މާނައެއް ނުވަތަ އެހެން ސަނަދެއްވާނަމަ އޭގައި އެވާ ޢިއްލަތަކަށްޓަކައި އެ ބަޔާންކުރާނަމެވެ. އެހެނީ ޙަދީޘެއްގައިވާ އިތުރު މާނައެއް ވާނީ ފުރިހަމަ ޙަދީޘެއްގެ މަޤާމުގައެވެ. އެހެންކަމުން ތިމަން މި ބަޔާންކުރިފަދަ އިތުރުކަމެއް ފާހަގަވާ ޙަދީޘް ކޮންމެހެންވެސް ޛިކުރުކުރަން ޖެހެއެވެ. ނުވަތަ އެ ޙަދީޘް ޚުލާޞާކޮށްލާފައި އެމާނަ ނެގިދާނެއެވެ. އެހެނަސް ޙަދީޘަކުން އެބައި ވަކިކޮށްލާފައި އެފަދައިން ޚުލާޞާކުރުން ދަތިވެދާނެއެވެ. އެހެންކަމުން އެ ގޮތް ދަތިވެއްޖަނަމަ އެ ޙަދީޘް ތަކުރާރުކޮށްލުން ރައްކާތެރިކަން ބޮޑެވެ.”
އަދިވެސް ވިދާޅުވިއެވެ.
“އެ ޙަދީޘު އަލުން ޛިކުރުކުރުމުގެ އެއްވެސް ޙާޖަތެއް ނެތިއްޔާ – ﷲ އިރާދަކުރެއްވިއްޔާ – އެކަން ނުކުރާނަމެވެ.
ފަހެ ފުރަތަމަ ބަޔާމެދު ދަންނައެވެ. މިބައިގައި ގެނެސްދިނުމަށް ޤަޞްދުކުރަނީ ޢައިބެއް ނުވާ އަދި ސާފު ޙަދީޘްތަކެވެ. އަދި އެ ޙަދީޘް ރިވާކުރެއްވި ބޭކަލުންނަކީ ޙަދީޘް ފަންނުގައި ފައިތިލަ ޘާބިތުވެފައިވާ އަދި ޙަދީޘު ފުރިހަމަ ގޮތުގައި ގެނެސްދެއްވާ ބޭކަލުންނެވެ. އެހެނީ ވަރަށް ގިނަ މުޙައްދިޘުންނަށް އޮޅުންއެރުމުގެ ސަބަބުން އެބޭކަލުން ގެންނަވާ ބައެއް ޙަދީޘްތަކުގައި ކުށް ހުރެއެވެ. އެހެނަސް އިސްވެ ބަޔާންކުރި ބޭކަލުންގެ ޙަދީޘާމެދު މާ ބޮޑު ޚިލާފެއް ނުވާނެއެވެ. އަދި ބޮޑު އޮޅުމެއްވެސް ނުވާނެއެވެ.
މިފަދަ ބޭކަލުންގެ ޙަދީޘްފުޅުތައް ގެނެސްދީ ނިމުމުން، ދެން ގެނެސްދޭނީ ހިތުދަސްކުރުމުގައްޔާއި ޙަދީޘް ގެނެސްދިނުމުގައި މި ބޭކަލުންގެ ދަރަޖައަށް ނުދާ ބޭކަލުންގެ ޙަދީޘްތަކެވެ. އެހެނަސް މި ބޭކަލުންނަކީވެސް ތެދުވެރި އަދި ޢިލްމުގައި މަޝްޣޫލުވެ އުޅުއްވި ބޭކަލުންނެވެ. އެއީ عطاء بن السائب، ويزيد بن أبي زياد، وليث بن أبي سليم ފަދަ ބޭކަލުންނެވެ. މި ބޭކަލުންނަކީ ޢިލްމުގައި މަޝްހޫރުވެފައިވާ ބޭކަލުންކަމުގައި ވިޔަސް އަދި އިސްވެ ބަޔާންވެ ދިޔަ ޖަމާޢަތުގެ ބޭކަލުންނާ އެއް ދުވަސްވަރެއްގައި އުޅުއްވި ބޭކަލުން ކަމުގައިވިޔަސް، ޙަދީޘްރިވާކުރެއްވުމުގައި އެ ބޭކަލުންނާ އެއް ދަރަޖައަށް ގޮސްފައިވާ ބޭކަލުންނެއް ނޫނެވެ. އިސްވެ ބަޔާންވެ ދިޔަ ޖަމާޢަތުގެ ބޭކަލުންނަކީ ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި އެކަމުގައި މާ މަތީ ދަރަޖައަކަށް ވާސިލުވެފައިވާ ބޭކަލުންނެވެ. އަދި ވަރަށް މަތިވެރި ސިފަތަކެއް ލިބިފައިވާ ބޭކަލުންތަކެކެވެ.” [1]
ދެން އެއަށްފަހުގައި ވިދާޅުވިއެވެ.
“އިސްވެ ބަޔާންވެ ދިޔަ ގޮތުގައި ތިބާ އެދުނު ގޮތަށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތައް ގެނެސްދޭނަމެވެ. ޙަދީޘް ޢިލްމުވެރިންގެ ގިނަ ބޭކަލުން، އެބަޔަކަށް ތުހުމަތުކޮށްފައިވާ މީހުން ރިވާކޮށްފައިވާ ޙަދީޘްތަކާ މެދު ދަންނައެވެ. އެފަދަ މީހުންގެ ޙަދީޘްތައް ނުގެނެސް ދޭނަމެވެ. އެއީ عبد الله بن مسور أبي جعفر المدائني، وعمرو بن خالد، وعبد القدوس الشامي، ومحمد بن سعيد المصلوب، وغياث بن ابراهيم، وسليمان بن عمرو، وأبي داود النخعي ފަދަ މީހުންނެވެ. އެމީހުންނަކީ ޙަދީޘް ހެދިކަމުގެ ތުހުމަތު ކުރެވިފައިވާ މީހުންނެވެ. އަދި ގިނައިން މުންކަރު ޙަދީޘާއި ކުށް ޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ޙަދީޘްތައްވެސް ނުގެންނަވާނަމެވެ.
ޙަދީޘް މުންކަރުވުމުގެ ޢަލާމާތަކީ: އެމީހެއްގެ ޙަދީޘާއި ޙަދީޘް ފަންނުގައި އިތުބާރުހިފޭ ހިތުދަސްކުރުމުގައި ރަނގަޅު ބޭކަލެއްގެ ރިވާޔަތާ އަޅާކިޔާލުމުން، ދެ ރިވާޔަތުގައި ޚިލާފެއް އުޅުމެވެ. ނުވަތަ ގިނަ ފަހަރު އެއްގޮން ނުވުމެވެ. އެމީހެއްގެ ގިނަ ޙަދީޘްތައް އެގޮތަށް ވާނަމަ، އެމީހެއް ރިވާކުރާ ޙަދީޘްތައް ދޫކޮށްލެވޭނެއެވެ. އަދި އެ ޙަދީޘްތައް ޤަބޫލެއްވެސް ނުކުރެވޭނެއެވެ. އަދި ބޭނުމެއްވެސް ނުކުރެވޭނެއެވެ.” [2]
= ނުނިމޭ =
[1] އިމާމު މުސްލިމުގެ ޞަޙީޙުގެ މުޤައްދިމާއިން ކުދ ބަދަލުތަކަކާއެކު (1 / 4 – 7).
[2] އިމާމު މުސްލިމުގެ ޞަޙީޙުގެ މުޤައްދިމާއިން ކުދ ބަދަލުތަކަކާއެކު (1 / 4 – 7).