ﷲއަށް ޙަމްދު ހުއްޓެވެ! އެކަލާނގެއީ ޢާލަމުތަކަށް ވާ ރަޙުމަތެއްކަމުގައި މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ރަސޫލު ކަމާއިގެން ފޮނުއްވި އިލާހެވެ. އަދި މުޙައްމަދުގެފާނީ ނަބީކަން ޚަތިމުކުރައްވާ ނަބީކަލޭގެފާނު ކަމުގައި އެއިލާހު ލެއްވިއެވެ. اللهم صَلِّ عَلَىٰ سَيِّدنَا مُحَمَّد وَعَلَىٰ آلِه وَصَحْبِهِ وَسَلَّم.
ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ދެކެ ލޯބިވުމަކީ މުސްލިމެއްގެ އީމާންކަމާ ގުޅިފައިވާ ކަމެކެވެ. އެހެނީ އިތުރުއެކަލޭގެފާނަށް ލޯބި ކުރުމަކީ އެކަލޭގެފާނަށް ތަބާ ވެ އެކަލޭގެފާނު ގެންނެވި އެއްޗެއްގައި ހިފޭނޭ ހަމައެކަނި މަގެވެ. އަދި ކިއެއް ހެއްޔެވެ! އަދި އެކަލޭގެފާނަށް ލޯބިކުރުމާއި އެކަލޭގެފާނަށް ތަބާވުމަކީ ސީދާ ﷲއަށް ލޯބިވުމުގެ ތެރެއިން ހިމެނޭކަމެއްކަމުގައި ޤުރުއާނުގައި ﷲ އެވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ.
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴿٣١﴾ [سورة آل عمران ٣١]
މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.]
އިތުރުއެކަލޭގެފާނުދެކެ ލޯބިވުމަކީ މުސްލިމެއްގެ ކިބައިގައި ހުންނާން ޖެހޭ އަސާސީ ޞިފައެއްކަން އަންނަނިވި ޙަދީޘުންވެސް ސާފު ވެއެވެ. ރަސޫލާصَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ:
((لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالَدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِينَ)) . [1]
މާނައީ: [އެ މީހެއްގެ ބައްޕައާއި އެ މީހެއްގެ ދަރިއާއި އެ ނޫންވެސް އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަސް ދާންދެން، ތިޔަބައިމީހުންކުރެ އެއްވެސް މީހަކު އީމާނެއް ނުވެއެވެ.]
ނަމަވެސް ހިތާމައަކީ، މިއަދުގެ ބައެއް އިސްލާމީ މުޖުތަމަޢުތަކުގައިވެސް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ އަބުރަށް އަރައިގަތުމަށް މަސައްކަތް ކުރާ މީހުން ފާޅުވެފައިވާ ކަމެކެވެ. މިފަދަ މީހުން އެފަދަ ކަންކަން ކުރަނީ މުސްލިމުންގެ ނަމުގައި ތިބެއެވެ. މީސްތަކުންނަށް ތަރައްޤީއާއި ތަހުޒީބުގެ ދަޅަ ދައްކަމުންނެވެ! މިފަދަ މީސްމީހުން އެ ތިބީ ނުރައްކާތެރި އަނދަވަޅެއްގެ ތުންފަތް މަތީގައިކަން ކަށަވަރެވެ. ކީރިތި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ އަބުރަށް އަރައިގަންނަ މުސްލިމެއްގެ ޢުޤޫބާތަކީ އެ މީހަކު ޤަތުލުކުރުންކަމުގެ މައްޗަށް ޢިލްމުވެރީންވަނީ އިޖުމާޢު ވެގެންނެވެ.
އެ ގޮތުން އިމާމު އިބްނުލްމުޛިރު ވިދާޅުވެފައި ވެއެވެ: [ސަލާމާއި ޞަލަވާތް ލެއްވި ނަބީކަލޭގެފާނަށް ފުރައްސާރަ ކޮށްފި މީހެއްގެ މައްޗަށް އޮތީ ޤަތުލުކުރެވުން ކަމާމެދު ދަންނަބޭކަލުން ކުރެ ޢާންމު ހުރިހާ ބޭކަލުންނެއްވަނީ އިޖުމާޢުވެގެންނެވެ. ދަންނަބޭކަލުން ކުރެ މިފަދައިން ވިދާޅުވާ ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ: مَلِك بن أَنَس (އިމާމު މާލިކު)، اللَّيْث بن سَعْد، أَحْمَد بن حَنْبَل (އިމާމު އަޙްމަދު)، އިމާމު ޝާފިޢީ، إِسْحَاق އަދި އެ ބޭބޭކަލުންނަށް ތަބާ ވީހައި ބޭކަލުންނެވެ.] [2]
ޤާޟީ ޢިޔާޟު އެ ކަލޭގެފާނުގެ “އައްޝިފާ ފީ ޙުޤޫޤިލްމުސްޠަފާ” އެވެ ކިޔުނު ފޮތުގައި އިމާމު އިބްނުލްމުންޛިރުގެ މި ބަސްފުޅު ނަޤުލު ކުރެއްވުމަށް ފަހު އިތުރަށް ވިދާޅުވެފައި ވެއެވެ: [އުންމަތުގެ އެކި ކަންކޮޅުތަކުގެ ދަންނަބޭބޭކަލުންނާއި އުންމަތުގެ ސަލަފުންގެ ކިބައިން އެފަދަ، (ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަށް ފުރައްސާރަ ކުރި)، މީހެއްގެ ލޭ ޙުއްދަވުމާ މެދު ޚިލާފެއް ވާކަމެއް އަހަރެމެންނަށް ނޭނގެއެވެ. ދަންނަބޭކަލުން ކުރެ ކިތަންމެ ބޭކަލެއްވަނީ، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަށް ފުރައްސާރަ ކުރާ މީހާގެ މައްޗަށް އޮތް ޢުޤޫބާތަކީ؛ އެފަދަމީހާ ޤަތުލުކުރުން ކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވައިފައެވެ. އަދި އެ މީހެއްގެ މައްޗަށް ތަކުފީރު ކުރެވޭނޭ ކަމުގެ މައްޗަށްވެސް އިޖުމާޢު ނަޤުލު ކުރައްވައިފައެވެ.][3]
މުޙައްމަދު ބްނު ސުޙުނޫނު ވިދާޅު ވިއެވެ: [ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ކުޑައިމީސްކޮށް އެކަލޭގެފާނަށް ފުރައްސާރަ ކޮށްފި މީހާއަކީ ކާފިރެއް ކަމަށާއި؛ އެފަދަ މީހަކަށް ﷲގެ ޢަޛާބު ހުރި ކަމުގެ ވަޢީދު ހިނގަހިނގައި ވާކަމުގެ މައްޗަށް ޢިލްމުވެރީން އިޖުމާޢު ވެއެވެ. އަދި އުންމަތުގެ (ދަންނަބޭކަލުންގެ) އަރިހުގައި އެފަދަ މީހެއްގެ ޢުޤޫބާތަކީ ޤަތުލު ކުރުމެވެ. އަދި އެފަދަ މީހެއް އެއީ ކާފިރެއް ކަމުގައި ނުވަތަ އެ މީހަކަށް ޢަޛާބުވާ ކަމާމެދު ޝައްކު ކޮށްފި މީހަކުވެސް ކާފިރު ވާނެއެވެ.][4]
ބޮޑެތި އިމާމުވެރި ބޭބޭކަލުން ކުރެ އިސްޙާޤު ބްނު ރާހުވައިހިގެ ކިބައިން އައިސްފައިވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ:
“ﷲއަށް ނުވަތަ އެކަލާނގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަށް ފުރައްސާރަކޮށްފި މީހަކު، ނުވަތަ ﷲ ބާވައިލެއްވި ތަކެތީން ކުރެ އެއްޗެއް އެއްފަރާތް ކުޅަ މީހަކު ނުވަތަ ﷲގެ ނަބިއްޔުން ކުރެ ނަބިއްޔެއް ޤަތުލުކޮށްފި މީހަކީ؛ އެ މީހަކު އެ ކުޅަ ޢަމަލުގެ ސަބަބުން ކާފިރެއް ކަމާ މެދު މުސްލިމުންވަނީ އިޖުމާއު ވެގެންނެވެ. އެ މީހަކީ ﷲ ބާވައި ލެއްވި (އެހެން) ހުރިހާ އެއްޗެއް ތެދު ކުރާ މީހެއް ނަމަވެސް މެއެވެ.][5]
އެހެންކަމުން މިފަދަ ޢަމަލެއްކޮށްފި މީހަކު ތަޙުޤީޤުކޮށް، އެމީހެއްގެ މައްޗަށް ޙުކުމްކޮށް އަދި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޢުޤޫބާތް ތަންފީޒުކުރުމަކީ މުސްލިމު ވެރިންގެ މައްޗަށް ލާޒިމުކަންކަމެވެ. އަދި މިފަ ފުރައްސައިގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.
އަދި މި މަޤާމުގައި މުހިންމު ނުކުތާއެއް ފާހަގަ ކޮށްލަމާ ތޯއެވެ! މިއަދުގެ ދުނިޔެ ބަވަނަ ވެފައި މި ވާ މިންވަރުގެ ސަބަބުން އެއްވެސް އިރެއްގައި، ބޭރުގެ ކާފަރު ޤައުމަކަށް ދަތުރުކޮށްފައި ނުވާ ކުޑަކުޑަ ކުއްޖާގެ ކިބައިގައިވެސް ކާފަރުންގެ ބައެއް ޞިފަތައް އަށަގެންފައި ވެއެވެ. ކާފަރުންގެ ގިނަ މީހުނީ ދީނީ ކަންކަމުގައި މާ ބޮޑު ފަރުވާލެއް ބަހައްޓާ ބައެއް ނޫނެކެވެ. މީގެ ސަބަބުން އެ މީހުން އަމިއްލައަށްވެސް އެއީ ކަލާނގެކަމުގައި ދަޢުވާ ކުރާ ފަރާތްތަކަށް ޢައިބު ކިޔައި ފުރައްސާރައިގެ ޢިބާރާތައް ބޭނުން ކޮށް އުޅެއެވެ. ސަމާސާއާއި ކުޅިވަރެއްގެ ގޮތުގައެވެ.
ހިތާމައަކީ އެ މީހުންގެ މި ނުބައި ޞިފަ؛ މިއަދު ބައެއް ޒުވާން މުސްލިމުންގެ ކިބައިގައިވެސް އަށަގެންފައި ވާ ކަމެވެ. ސަކަރާތް ޖެހުމާއި ކުޅިވަރުތަކުގެ ތެރޭގައި ގަދަ ކީރިރިވަންތަ ﷲއަށް ނިސްބަތް ކޮށްވެސް ހިތަށް އަރާ ހަމަކޮންމެ ބަހެއް، ޖުމުލައެއް ބޭރު ކޮށްލަނީއެވެ. އޭގެ އާޚިރު ނަތީޖާއާ މެދު ބުއްދި ކޮށްލުމަށް އެއްވެސް އަހަންމިއްޔަތެއް ދެވޭބާވައެވެ! ދަންނާށެވެ! ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ މާތް ޞަޙާބީންނަށް މަދީނާގެ މުނާފިޤުންވެސް ޢައިބު ކިޔައި ހެދީ ހަމަ މަޖަލަކަށޭ އެ މީހުން ބުންޏެވެ. ނަމަވެސް ދީނުގެ އެއްވެސް ކަމަކަށް ހަޖޫ ޖެހޭފަދަ މޭރުމަކުން، މަޖަލަކަށް ކަމުގައި ވިޔަސް ނުވަތަ “ސީރިއަސް” ކޮށް ވިޔަސް ޢައިބު ކިޔުމުގެ ނުރައްކާ ތެރިކަން ﷲވަނީ ބަޔާން ކުރައްވައިފައެއެވެ. އެކަލާނގެ ވަޙީ ކުރައްވައިފައިވަނީ:
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴿٦٦﴾ [سورة التوبة 65 – 66]
މާނައީ: [ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެއިލާހުގެ އާޔަތްތަކާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރު ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންއިލާހު ޢަފޫ ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންއިލާހު ޢަޛާބު ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.]
މި އާޔަތުގައި ﷲ މިވަނީ މަޖަލަކަށޭ ކިޔައި ދީނުގެ ކަންކަމަށް ފުރައްސާރަ ކުޅަ މީހުންނަކީ ކާފިރުންކަމުގައި އިޢުލާން ކުރައްވައިފައެވެ. މިއީ ކިހައި ނުރައްކާތެރި ކަމެއް ތޯއެވެ!
އަޅުގަނޑުމެން މުސްލިމުން ކަމުގައި ދަޢުވާ ކުރާއިރު، ދީނުގެ ޝިޢާރުތައް ނަގަހައްޓައި، އެ ޝިޢާރުތަކަކީ އޭގެ ސަބަބުން ﷲ އަޅުގަނޑުމެން ޢިއްޒަތްތެރި ކުރައްވައި މާތްކުރެއްވި ކަންތައްކަން އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހެއެވެ. އަޅުގަނޑުމެންގެ ދީނުގެ ޝިޢާރުތަކަށް އަޅުގަނޑުމެން ރައްކާތެރިވާ ފަދައިން، އެ ޝިޢާރުތަކަށް އެހެން ބަޔަކުވެސް ޢައިބު ކިޔައި ފުރައްސާރަ ކުރުމަށް އަޅުގަނޑުމެން ފުރުޞަތު ދީގެން ނުވާނެއެވެ.
[1] ޞަޙީޙު އަލްބުޚާރީ (15)
[2] الإِشْرَاف علَى مَذَاهِب العُلَمَاء (8/60)، الإقْنَاع (2/584)
[3] الشِّفَا في حُقُوق الُمُصْطَفَىٰ (2/215)
[4] السَّيْفُ المَسْلُول عَلَى مَنْ سَبَّ الرَّسُول (120)
[5] التَّمْهِد (4/226)