[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހަލާކު ކުރަނިވި ފިކުރުތަކާއި، އެފިކުރުތަކުން މުޖުތަމަޢުގެ އަމްނު އަމާންކަމަށް ކުރާ ނޭދެވޭ އަޘަރުތައް

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد، وعلى آله وأصحابه وأتباعه إلى يوم الدين. أما بعد:

ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނާޢަދަދު ނުކުރެވޭހާ ގިނަގުނައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ﴾‏ [إبراهيم: 34]

މާނައީ: “އަދި އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّه ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ޢަދަދެއްް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު ޝުކުރުކުރުން ނެތްމީހެކެވެ”.

މިގޮތުން އަމްނުއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، ހަމަޖެހުމުގެ ނިޢުމަތަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަމާންކަމަކީ އިންސާނާގެ ދިރިއުޅުން އެޔާއި ނުލައި އިސްތިޤްރާރު ނުވާނޭ ޙަޔާތުގެ ޟަރޫރަތެކެވެ. އިންސާނީ ޙަޟާރާތެއް އަމްނުއަމާންކަމާއި ނުލައި ބިނާވެ ކުރިއަރައިގެން ގޮސްފައި ނުވާކަމީ ދުނިޔޭގެ ތާރީޚު ހެކިދޭކަމެކެވެ. އަމްނުއަމާންކަމަކީ އިންސާނާގެ ޙަޔާތުގެ ހުރިހާ ކަމެއް ޝާމިލުވާ ބަހާއެކެވެ. އެއީ ހަމައެކަނި އިންސާނާގެ ނަފްސަށް ލިބެންޖެހޭ ކަމެއް ނޫނެވެ. އިންސާނާގެ ނަފްސަށާއި، އޭނާގެ ޢަޤީދާއަށާއި، އޭނާގެ ޘަޤާފަތަށާއި، އޭނާގެ އިޖްތިމާޢީ، ސިޔާސީ އަދި އިޤްތިސާދަށްވެސް އަމާންކަން ލިބެންޖެހޭނެއެވެ. އިންސާނަކަށް ކިތަންމެ ގިނަ މުދަލަކާއި ފައިސާއެއް ލިބިފައިވިޔަސް އަމާންކަން ނެތިއްޖެނަމަ އެތަކެތީގެ ލައްޒަތެއް އޭނާއަކަށް ނުލިބޭނެއެވެ.

އަމްނުއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، އިސްތިޤްރާރާއި، ސުލްޙަވެރިކަމުގެ ނިޢުމަތުގެ ބޮޑުކަމަށްޓަކައި، ﷲ ތަޢާލާގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމް ދުޢާ ކުރެއްވި ހިނދު، ރިޒްޤުގެ މައްޗަށް އަމާންކަން އިސްކުރެއްވިއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:

﴿وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ﴾‏ [البقرة: 126]

މާނައީ: “އަދި އިބްރާހީމްގެފާނު ދުޢާ ކުރައްވައި ވިދާޅުވި ހިނދު ހަނދުމަކުރައްވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ އަހުލުވެރިންކުރެ اللَّه އަށާއި އާޚިރަތް ދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒްޤު ދެއްވައިފާނދޭވެ!”.

ﷲ ތަޢާލާ މިއުންމަތުގެ މާތް ނަބިއްޔާ ﷺ ގެ ޞަޙާބީންނަށް ދެއްވި މިނިޢުމަތް ހަނދުމަކުރުމަށް އެކަލާނގެ އަމުރުކުރެއްވި ކުރެއްވުމުންވެސް އަމާންކަމުގެ މުހިންމުކަން ބަޔާންވެގެންދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:

﴿وَاذْكُرُواْ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِي الأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ النَّاسُ فَآوَاكُمْ وَأَيَّدَكُم بِنَصْرِهِ وَرَزَقَكُم مِّنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ﴾ [الأنفال: 26]

މާނައީ: “ބިމުގައި ތިޔަބައިމީހުން ޢަދަދު މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (ޢަދާވާތްތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ ނަޞްރުން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ވެރިވުމަށްޓަކައެވެ”.

އަމްނުއަމާންކަމުގެ ދިދައަކީ އެންމެހައި ނަބިއްޔުންނާއި ރަސޫލުން އުފުއްލެވި ދިދައެކެވެ.

އިބްރާހީމްގެފާނު ދުޢާކުރެއްވިއެވެ:

﴿وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ﴾ [إبراهيم: 35]

މާނައީ: “އިބްރާހީމްގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!”.

ޔޫސުފްގެފާނު ވިދާޅުވިއެވެ:

﴿فَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَبَوَيْهِ وَقَالَ ادْخُلُوا مِصْرَ إِن شَاءَ اللَّهُ آمِنِينَ﴾  [يوسف: 99]

މާނައީ: “ފަހެ، އެއުރެން (އެންމެން) ޔޫސުފުގެފާނުގެ އަރިހަށް (ގޮސް) ވަންހިނދު، އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުގެ އަރިހަށް ލަފައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. اللَّه ގެ އިރާދަފުޅާއެކު އަމާންކަން ލިބިގެންވާ ޙާލުގައި، މިޞްރަށްް ވެދެވަޑައިގަންނަވާށެވެ!”.

މިއުންމަތުގެ މާތް ނަބިއްޔާ ﷺ މައްކާ ފަތަޙަކުރެއްވި ދުވަހު، މައްކާގެ އަހުލުވެރިންނަށް ދެއްވި އެންމެ ބޮޑު ޔަޤީންކަމަކީ އަމާންކަމުގެ ޔަޤީންކަމެވެ. އެކަލޭގެފާނު އެދުވަހު ޙަދީޘްކުރައްވާފައިވެއެވެ:

«من دخَل دارَ أبي سفيان فهو آمن، ومن ألقَى السّلاحَ فهو آمن، ومن دخل المسجدَ فهو آمن» رواه مسلم 1780.

މާނައީ: “އަބޫ ސުފުޔާންގެ ގެއަށް ވަދެއްޖެ މީހަކަށް އަމާންކަން ލިބިގެންވެއެވެ. އަދި އެމީހެއްގެ ހަތިޔާރު އެއްލާލައިފި މީހަކަށް އަމާންކަން ލިބިގެންވެއެވެ. އަދި މިސްކިތަށް ވަދެއްޖެ މީހަކަށް އަމާންކަން ލިބިގެންވެއެވެ”.

އަދި އަމަންއަމާންކަމުގައިވާ މީހަކީ މުޅިދުނިޔޭގެ ހުރިހާ މޮޅެއް ލިބިފައިވާ މީހެއްކަމަށް ނަބިއްޔާ ﷺ ސިފަކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ:

«مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ، مُعَافًى فِي جَسَدِهِ، عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا» رواه الترمذي 2346

މާނައީ: “އެމީހެއްގެ އަހުލުވެރިންގެ މެދުގައި އަމާންކަމާއިއެކު އުޅެވޭ، އަދި އޭނާގެ ސިއްޙަތު ސަލާމަތުން ލެހެއްޓެވިގެންވާ، އަދި އެދުވަހެއްގެ ކޮއްތު އޭނާއަށް ލިބިގެންވާ މީހަކީ މުޅި ދުނިޔޭގެ ހުރިހާ މޮޅެއް ލިބިގެންވާ މީހެއް ފަދައެވެ”.

ﷲ ތަޢާލާގެ ނިޢުމަތުގެ ގޯތީ ސުވަރުގޭގެ އެންމެ ޚާއްސަ އެއް ސިފައެއްގެ ގޮތުގައިވެސް އަމާންކަމުގެ ނިޢުމަތް އެތަނުގައި ލިބިގެންވާކަމަށް ﷲ ތަޢާލާ ޚަބަރުދެއްވާފައިވެއެވެ:

﴿ ادْخُلُوهَا بِسَلاَمٍ آمِنِينَ﴾ [الحجر: 46]

މާނައީ: “(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ ޙާލު އެތަނަށް ވަންނާށެވެ!”.

﴿ يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ﴾ [الدخان: 55]

މާނައީ: “އެތާނގައި އަމާންކަން މަތީގައި ތިބޭ ޙާލު، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ”.

﴿ وَهُمْ فِي الْغُرُفَاتِ آمِنُونَ﴾ [سبأ: 37]

މާނައީ: “އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ އަމާންކަން ލިބިގެންވާ ބަޔަކު ކަމުގައެވެ”.

މިހާ މުހިންމު، އަގުބޮޑު ނިޢުމަތަކަށް އަމްނުއަމާންކަން ވީހިނދު، މިނިޢުމަތަށް ރައްކާތެރިވުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެެވެ. އަމްނުއަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމަކަށް މުޖުތަމަޢުން ޖާގަ ދީގެންނުވާނެއެވެ. އަދި އެފަދަ ކަމަކަށް، ނުވަތަ އެފަދަ ބަޔަކާއިމެދު އަބަދުވެސް ހޭލާ ހުށިޔާރުވެ ތިބެންޖެހޭނެއެވެ.

ޤައުމެއްގައި ނުވަަތަ މުޖުތަމަޢެއްގައި އޮންނަ އަމްނުއަމާންކަމާއި، ހަމަޖެހުމާއި، ޞުލްޙަމަސަލަސްކަމާއި، އިސްތިޤްރާރަށް އެންމެ ބޮޑަށް އަޘަރު ފޯރުވާ އެއްކަމަކީ އެތަނެއްގެ އަފްރާދުންގެ ވިސްނުމާއި ފިކުރުކުރުމުގެ ވައްޓަފާޅި ބައްޓަންވެ ބިނާވަމުން އަންނަގޮތެވެ. މިޒަމާނަކީ އިސްލާމީ އުންމަތުގެ މުޖުތަމަޢުތަކުގެ ތެރެއަށް އިސްލާމްދީނާއި ބީރައްޓެހި ވަރަށްގިނަ ފިކުރުތަކެއް ވަންނަމުންދާ ޒަމާނެކެވެ. މިއީ ޞަލީބީ ހަނގުރާމަތަކަށްފަހު ފަހުގެ ތާރީޚުގައި އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

އިސްލާމްދީން ފޮހެލުމަށް ޞަލީބީން ކަނޑި ބަޑިން ފެށި ހަނގުރާމަތަކުން އެބައިމީހުންނަށް ކުރިއެރުން ނުލިބި ނާކާމިޔާބުވުމުން، އިސްލާމްދީނުގެ ޢަދުއްވުންނަށް ވިސްނުނީ ކަނޑި ބަޑިން އިސްލާމްދީން ފޮހެނުލެވޭނެކަމެވެ. ގަދަބާރުން މަޖުބޫރުން މުސްލިމުން އެބައިމީހުންގެ ޢަޤީދާ ދޫކޮށްނުލާނެކަމެވެ. އެހެންކަމުން އެބައިމީހުން އެބައިމީހުންގެ ސްޓްރެޓެޖީތައް މުރާޖަޢާކޮށްް އިސްލާމްދީނާއި ދެކޮޅަށް ފިކުރީ ހަނގުރާމަތައް ފެށިއެވެ. ފިކުރީ ހަނގުރާމަތަކުގެ ޒަރީޢާއިން މުސްލިމުންގެ ސިކުނޑިތަކަށް ޝުބުހަތަކާއި ވަހުމުތައް ވައްދައި، ދުނިޔެ ޒީނަތްތެރިކުރުވައި، އިސްލާމީ ޝަރީޢަތާއި، އިސްލާމީ ޘަޤާފަތާއި، ޢިލްމާއި ދުރުކުރުވައި، މުސްލިމުންގެ ޢަޤީދާ ބަލިކަށިކުރުމުގެ މަސައްކަތްވަނީ އެބައިމީހުންވަނީ ފަށާފައެވެ. ސަބަބަކީ މުސްލިމުންގެ ޢަޤީދާ ވަރުގަދަނަމަ އިސްލާމްދީން ފޮހެލުމުގައި ކާމިޔާބު ނުލިބޭނެކަން ޞަލީބީ ހަނގުރާމަތަކުން ޢަދުއްވުންނަށް ވިސްނިފައިވާތީއެވެ. އެހެންކަމުން އިސްލާމީ ޢަޤީދާގެ ވަރުގަދަ ކިއްލާ ފުނޑުފުނޑުކޮށް، ބަލިކަށިކޮށްލުމަށް އިސްލާމްދީނުގެ ޢަދުއްވުން ދަނީ ކެނޑިނޭޅި ވަރުގަދަ ހަމަލާތައް ދެމުންނެވެ.

މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި، އަމްނުއަމާންކަމާއި، އިސްތިޤްރާރާއި ހަމަޖެހުމަށް އަޘަރު ފޯރުވާ އެއްފިކުރަކީ ލާދީނީ ސެކިއުލަރ ޢަލްމާނީ ފިކުރެވެ. މިނުރައްކާތެރި ފިކުރު އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ދަރިންގެ ސިކުނޑިތަކާއި ހަމައަށް މިހާރު ވަނީ ވާސިލުވެފައެވެ. ދިރިއުޅުމުގެ އެކިއެކި މައިދާންތަކުން ދީން އެއްފަރާތްކޮށް، ދީން ހަމައެކަނި މިސްކިތަށް ޤައިދުކުރުމުގެ ވާހަކަތައް ދިވެހި ދަރިންގެ ދޫތަކުން ދައްކަމުންދާކަމީ މިއަދު ފެންނަމުންދާ ހިތި ޙަޤީގަތެކެވެ.

ލާދީނީ ސެކިއުލަރ ޢަލްމާނީ ފިކުރުތަކުން ވިސްނައިދެނީ، އިސްލާމީ އުސޫލުތަކަކީ ނާތަހުޒީބު، ޒަމާނަށް ނުފެތޭ، ހަރުކަށި އުސޫލުތަކެއް ކަމުގައެވެ. އެފަދަ ޝުބުހަތައް އެބައިމީހުންދަނީ ދިވެހި މުސްލިމު ދަރިންގެ ސިކުނޑިތަކަށް ވައްދަމުންނެވެ.

ދިވެހި މުސްލިމު ދަރިންގެ ދީނީ ޢަޤީދާ ބަލިކަށިކޮށް، އިސްލާމްދީނާއި ދުރަށް ގެންދިއުމަަށް ސެކިއުލަރ ފިކުރުތަކުގެ މީހުން މަސައްކަތް ކުރަމުންގެންދަނީ ޖާޒްބީ ފޮނި ޝިޢާރުތަކުގެ ޒަރީޢާއިންނެވެ. ތަރައްޤީވެފައިވާ ޤައުމުތަކާއި ފައިހަމަކުރުމުގެ ނަމުގައިޔާއި، ތަަރައްޤީގެ ނަމުގައިޔާއި، އިޞްލާޙުގެ ނަމުގައިޔާއި، ޙައްޤުތަކުގެ ނަމުގައިޔާއި، މިނިވަންކަމުގެ ޝިޢާރުތަކުގެ ޒަރީޢާއިންނެވެ.

 

ޢަލްމާނީ ސެކިއުލަރ ފިކުރުުތަކުން މުސްލިމުން އެބައިމީހުންގެ ދީނާއި ދުރުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ:

  • އިސްލާމީ ޤަޟާއީ ޢަދުލުގެ ނިޒާމު އުވާލުމަށް މަސައްކަތްކުރުން.
  • އިސްލާމީ ޢާއިލީ ނިޒާމާއި، އިސްލާމީ މަދަނީ އިޖުރާއަތުގެ އުސޫލުުތައް މުގުރާލުމަށް މަސައްކަތްކުރުން.
  • ތަޢުލީމީ ނިޒާމުން ދީނީ އަޘަރު ކަނޑުވާލުމަށް މަސައްކަތްކުރުން. މިގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި:
  • ލާދީނީ ފިކުރުތަކުގެ ޝުބުހަތައް ތަޢުލީމީ މާއްދާތަކުގައި ހިމެނުން.
  • ދީނީ މާއްދާތައް މަދުކުރުމާއި، އަރަބި ތަޢުލީމު ފަނޑުކޮށްލުމާއި، ދީނީ މާއްދާތަކުގެ ގަޑިތައް މަދުކުރުމާއި، ދީނީ މާއްދާތަކަކީ މަޖުބޫރު މާއްދާތަކަށް ނުހެދުން.
  • ދީނީ ބައެއް މައުޟޫތައް ތަޢުލީމީ މަންހަޖުން ބޭރުކުރުން.
  • ދީނީ ނައްސުތައް ސަލަފުއް ޞާލިޙުންގެ ފަހުމާއި ޚިލާފަށް، ޢަލްމާނީ ސެކިއުލަރ ފިކުރުތަކަށް ބާރުލިބޭ ގޮތަށް މާނަކުރުން.
  • އިސްލާމީ އުސޫލުތަކާއި، ޘަޤާފަތާއި ޚިލާފު، ބީރައްޓެހި މައުޟޫތައް މުޤައްރަރު ތަކުގައި ހިމެނުން. (މިގޮތުން ކަލަކު ވޮޑިގެންނުވާކަމުގެ ފިކުރަށް ބާރުއެޅުމާއި، އެއްޖިންސުން ގުޅުންހިނގުން ފަދަ ފާޙިޝްކަންތައް ނޯމަލައިޒްކުރުމުގެ ފިކުރުތައް މަންހަޖުތަކުށް އިތުރުކުރުން).
  • އިސްލާމީ އިޖުތިމާޢީ އަޚްލާޤީ ފޭރާން ވީދާލައި، އިސްލާމީ މުޖުތަމަޢުތަކުގައި ބަދުއަޚުލާޤީ ޢަމަލުތައް ފަތުރައި، ފިޠުރީ ލަދުޙަޔާތް ކަނޑުވާލަން މަސައްކަތްކުރުން. (މިގޮތުން ޒިނޭއަށް ހިތްވަރުދިނުމާއި، އެބޯޝަން ހުއްދަކުރުމާއި، ލޯބިވެރިން ގެންގުޅުން ނޯމަލައިޒްކުރުން).
  • ދީނީ މުއައްސަސާތަކުގެ ބާރުކަނޑުވާލުމާއި، ދީނީ ޢިލްމުވެރިންގެ ދައުރު މުޖުތަމަޢުގައި ކުޑަކުރުން.
  • ދީނީ ޢިލްމުވެރިން ފުރޭމްކޮށް ޖަލަށްލުމާއި، އަނިޔާދިނުން.
  • އިސްލާމީ ފޭރާމާއި ދެކޮޅުވެރިވުން.
  • އިސްލާމްދީނަށާއި، ދީނީ ޢިލްމުވެރިންނަށް ނަފްރަތު އުފެއްދުމަށް މަކަރުވެރި ރޭވުންތައް ރޭވުން.
  • އިސްލާމްދީނާއި މެދު ބިރުވެރިކަން އުފެއްދުމަށް އިސްލާމްފޯބިއާގެ ޢަމަލުތައް ރާވާ ފެތުރުން.
  • ޕޮލިސީ ލެވެލް މަޤާމުތައް ހޯދައިގެން ދައުލަތުގެ ތެރެއިން ދީނީ އަޘަރުތައް ކަނޑުވައިލުން.
  • އިސްލާމްދީނާއި މެދު ޢާންމުންގެ ހިތްތަކުގައި ޝައްކާއި ޝުބުހައުފެދުން.
  • އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ޙިމާޔަތްދީ، އެމީހުންގެ ދިފާޢުގައި މަސައްކަތްކުރުން.
  • އިސްލާމްދީނުގެ ފަރުޢީ ޚިލާފީ މައްސަލަތައް ބޮޑުކޮށް، އިސްލާމްދީނުގައިވަނީ މުޅިން ޚިލާުތައްކަމަށް ތަސައްވުރުކޮށްދިނުން.
  • ރިލިޖަސް ޓޮލެރެންސްއާއި، ކޯއެކްޒިޒްޓުވުން ފަދަ ޝިޢާރުތަކުގެ ނިވާފަތްގަނޑުގައި ތިބެގެން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ އައިޑެންޓިޓީ ފޭރިގަތުން.

 

މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި، އަމްނުއަމާންކަމާއި، އިސްތިޤްރާރާއި ހަމަޖެހުމަށް އަޘަރު ފޯރުވާ ދެވަނަ ފިކުރަކީ ދީނީ ހައްދުފަހަނައެޅުމުގެ ފިކުރެވެ. އާދެ އިސްލާމްދީނާއި އެއްގޮތަށް އުޅެން މަސައްކަތްކުރާ މުސްލިމުންގެ ކިބައިން ފެންނަ އިސްލާމްދީނުގެ ހައްދުތަކާއި އުޞޫލުތަކާއި ޚިލާފު ފިކުރުތަކެވެ.

ދީނީ ހައްދުފަހަނައެޅުމުގެ ވަބާއަކީ މިފަހުގެ ތާރީޚުގައި އިސްލާމީ އުންމަތަަށް ކުރިމަތިވި އެންމެ ބޮޑު އިމްތިޙާނެވެ. މިމުޞީބާތުގެ ސަބަބުން މާތްވެގެންވާ އިސްލާމްދީނުގެ ޞޫރަވަނީ ޣައިރު މުސްލިމުންގެ ކުރިމަތީގައި ކިލަނބުވެފައެވެ. އަދި އިސްލާމްދީނުގެ ތަޞައްވުރުވަނީ ޣައިރު މުސްލިމުންގެ ހިތްތަކުގައި ގޯސްވެފައެވެ. މިވަބާގެ ސަބަބުން އިސްލާމްދީނުގެ ނަންގަނެވިއްޖެނަމަ ޣައިރު މުސްލިމުންގެ ހިތްތަކަށް އެންމެ ފުރަތަމަވެސް ތަސައްވުރު ވެގެންދަނީ ނިރުބަވެރިކަމެވެ.

ދީނީ ހައްދު ފަހަނައެޅުމުގެ ފިކުރަކީ ޤަދީމީ ފިކުރެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދީނީ ހައްދުފަހަނައެޅުމުގެ ފުރަތަމަ ޢަމަލަކީ އިބްލީސް އާދަމުގެފާނަށް ސަޖިދަަޖަހަން އިންކާރުކުރި ޙާދިޘާއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދީނީ ހައްދުފަހަނައެޅުމުގެ ފުރަތަމަ ޢަމަލަކީ އާދަމުގެފާނުގެ ދެދަރިކަލެއްގެ މެދުގައި ހިނގައިދިޔަ ޤަތުލުގެ ޙާދިޘާއެވެ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދީނީ ހައްދުފަހަނައެޅުމުގެ ފުރަތަމަ ޢަމަލަކީ ނޫޙުގެފާނުގެ ޤައުމުގެ މީހުން ޝިރުކުކުރަންފެށި ޙާދިޘާއެވެ.

ދީނުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު، ދީނުގެ އިންތަކާއި ހައްދުތައް ފަހަނައަޅައިދިއުމަކީ ހުރިހާ ސަމާވީ ރިިސާލާތުގެ އަހުލުވެރިންގެ ފަރާތުން ފެންނަން އޮތް ޙަޤީގަތެކެވެ. މިގޮތުން ދީނީ ހައްދުފަހަނައެޅުން އެންމެ ބޮޑަށް ފާޅުވީ އަހުލުކިތާބީންގެ ތެރެއިންނެވެ. ﷲ ތަޢާލާ އެބައިމީހުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ:

﴿يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ﴾ [النساء: 171]

މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާއި މެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު ޙައްޤު ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! މަރްޔަމްގެފާނުންގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނު ވާކަން ކަށަވަރީ، اللَّه ގެ ރަސޫލާ ކަމުގައެވެ. އަދި، އެކަލާނގެ ކަލިމަފުޅު ކަމުގައެވެ. އެކަލިމަފުޅު އެކަލާނގެ، މަރްޔަމްގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެކެވެ”.

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ﴾[المائدة: 77]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާއި މެދު ޙައްޤު ނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން، ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން ތަބަޢަ ނުވާށެވެ!”.

އަޅުގަނޑުމެންގެ މިއުންމަތުގެ މާތް ނަބިއްޔާ ﷺ އިސްލާމީ ޝަރީޢަތާއިގެން ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އުންމަތުގެ ތެރެއިންވެސް ހައްދުފަހަނައެޅުމުގެ ފިކުރުވަނީ ފާޅުވެގެންގޮސްފައެވެ. މާތް ނަބިއްޔާ ﷺ ގެ ޒަމާނުގައިވެސް ހައްދުފަހަނައެޅުމުގެ އަޘަރުތައްވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ޛުލް ޚުވައިޞިރާއޭ ކިޔުނު މީހަކު ނަބިއްޔާ ﷺ ގެ އަރިހަށް އައިސް، ނަބިއްޔާ ﷺ މުދާތަކެއް ބެއްސެވުމުގައި ޢަދުލުވެރި ނުވާކަމަށް ތުހުމަތުކުރި ކުރުމަކީ، މިއުންމަތުގައި ފާޅުވި ހައްދުފަހަނައެޅުމުގެ ފެށުމެވެ. ޛުލް ޚުވައިޞިރާ އެނބުރި ދިއުމުން އޭނާގެ ފަހަތުން ކީރިތި ޤުރުއާން ފަރިތަމަކަމާއިއެކު ކިޔަވާ ބަޔަކު ނިކުންނާނެކަމަށާއި، އެޤުރުއާނުން އެބައިމީހުންގެ ހިތަކަށް އަޘަރެއް ނުކުރާނެކަމަށާއި، ދުނިދަނޑި އޭގެ އަމާޒުފަތްގަނޑު ފަޅާލާފާއި ދާހައި އަވަހަށް އެބައިމީހުން ދީނުން ބޭރުވާނެކަމަށާއި، ތިމަންކަލޭގެފާނާއި އެބަޔަކާއި ބައްދަލުވެއްޖެނަމަ ޢާދު ބާގައިގެ މީހުން އެކީއެކަށް ﷲ ތަޢާލާ ހަލާކުކުރެއްވި ފަދައިން، ތިމަންކަލޭގެފާނު އެބައިމީހުން އެންމެން އެކީ ޤަތުލުކުރައްވާނެ ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. [متفق عليه. البخاري 3166، مسلم 1064]

މިޙާދިޘާއަކީ ދަންނަބޭކަލުން ވިދާޅުވާގޮތުގައި ނަބިއްޔާ ﷺ ގެ އުންމަތުގައި ހައްދުފަހަނައެޅުމުގެ ފިކުރުގެ ފެށުމެވެ. އޭގެ ފަހުގައި ނަބިއްޔާ ﷺ ޚަބަރުދެއްވި ފަދައިން ޢަލީގެފާނުގެ ޚިލާފަތުގައި  ޚަވާރިޖުންނާއި، ޙަރޫރިއްޔާގެ ނަމުން ދީނީ ހައްދުފަހަނައެޅި ބަޔަކު ފާޅުވެގެންގޮސް އެބައިމީހުންގެ މުޞީބާތް އުންމަތުގެ ތެރޭގައި ފާޅުވިއެވެ. މިބައިމީހުން ބާޠިލު ވަހުމްތަކުގެ މައްޗަށް މުސްލިމުންގެ ލޭހުއްދަކޮށް ޤަތުލުކުރިއެވެ. މިގޮތުން އެބައިމީހުންވަނީ ނަބިއްޔާ ﷺ ގެ މާތް ޞަޙާބީ ޢަބްދު ﷲ ޚައްބާބުގެފާނު ޝަހީދުކޮށްފައެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނާއި މެދު މާތް ޞަޙާބީ ޢަބްދު ﷲ ބުން ޢުމަރު -رضي الله عنه- ދެކެވަޑައިގަންނަވާ ގޮތުގައި އެބައިމީހުންނަކީ ﷲ ތަޢާލާގެ އެންމެ ނުބައި މަޚްލޫޤުންނެވެ. އެކަލޭގެފާނު އެބައިމީހުންނާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ: “ކާފިރުންނާއި ބެހޭގޮތުން ބާއްވައިލެއްވުނު އާޔަތްތައް އެބައިމީހުން މުސްލިމުންނަށް ނިސްބަތްކުރެއެވެ”. [صحيح البخاري، كتاب استتابة المرتدين والمعاندين وقتالهم، باب قتل الخوارج والملحدين بعد إقامة الحجة عليهم 9/16]

މިބައިމީހުންގެ ނުބައިކަން ބަޔާންކުރައްވަމުން އަލްޙާފިޡް އިބްނު ޙަޖަރު -رحمه الله- ވިދާޅުވެފައި ވެއެވެ: “އެބައިމީހުން ރަޖަމުގެ ޙުކުމް ބާޠިލުކުރިއެވެ. އަދި ވަގުންގެ އަތް ކޮނޑުހުޅުން ބުރިކުރިއެވެ. އަދި ޙައިޟުވެރިންގެ މައްޗަށް ޙައިޟުގެ ޙާލަތުގައި ނަމާދުކުރުން ވާޖިބު ކުރިއެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ޙާލު، ހެޔޮކަންތަކަށް އަމުރުނުކޮށް ނުބައިކަންތައް ނަހީނުކުރާ މީހާ ކާފިރުކުރިއެވެ. އަދި ކުޅަދާނަކަން ލިބިގެން ނުވާތީ އެކަން ނުކުރާ މީހަކީ ބޮޑުފާފައަކަށް އަރައިގަތް މީހަކު ކަމުގައި ކަނޑައެޅިއެވެ. އެބައިމީހުންގެ ގާތުގައި ބޮޑުފާފަތަކަށް އަރިގަންނަ މީހަކީ ކާފިރެކެވެ. [فتح الباري لابن حجر 12/285]

އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިއުމަކީ މާތް ވެގެންވާ އިސްލާމްދީނުގެ އުސޫލެއް ނޫނެވެ. އަދި ކިއެއްތަ އެއީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا إِنَّهُ بِمَا تَعْمَلُونَ بَصِيرٌ﴾ [سورة هود 112]

މާނައީ: “ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި އީމާންވެ، ތައުބާވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ”.

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ﷺ ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއިމެދު އުންމަތަށް ގިނަ އިންޒާރުތަކެއް ދެއްވާފައެވެ. ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ފިކުރުތަކާއި ދެކޮޅަށް އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ގިނަ އިރުޝާދުތަކެއް ދެއްވާފައެވެ. މިގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ:

«إِيَّاكُمْ وَالْغُلُوَّ فِي الدِّينِ، فَإِنَّهُ أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ» [رواه ابن ماجه 3029]

މާނައީ: “ތިޔަބައިމީހުން ދީނުގައި ޙައްދުފަހަނައަޅައި ދިއުމާއި ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެގެން ދިޔައީ ދީނުގައި ހައްދުފަހަނައަޅައި ދިއުމުންނެވެ”. މިޙަދީޘުން އެނގި ބަޔާންވެގެންދާ ފަދައިން ދީނުގައި ކަނޑައެޅިފައިވާ އިންތައް ފަހަނައަޅައި ދިއުމަކީ އެބަޔަކު ހަލާކުވެގެންދާނެކަމެކެވެ. އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ:

«هَلَكَ ‌الْمُتَنَطِّعُونَ، قَالَهَا ثَلَاثًا» [رواه مسلم: 2670]

މާނައީ: “(ދީނުގެ ކަންކަމުގައި) ހައްދުފަހަނައަޅައިދާ މީހުން ގެއްލި ހަލާކުވެއްޖެއެވެ. މިހެން ތިންފަހަރަށް ޙަދީޘްކުރެއްވިއެވެ”.

އަދި މުޅިރޭ އަޅުކަންކުރާނެކަމަށާއި، މުޅި އަހަރުދުވަހު ރޯދަ ހިފާނެކަމަށާއި، މުޅި ޙަޔާތުގައި ކައިވެނި ނުކުރާނެކަމަށް ބުނެ ހައްދުފަހަނައަޅައި ދިއުމުގެ ވިސްނުން އިސްކުރި ތިންމީހަކަށް، ނަބިއްޔާ ﷺ އިންކާރުކުރެއްވި ޙާދިޘާއަކީވެސް ދީނީ ހައްދުފަހަނައަޅައިދިއުމުގެ ފިިކުރާއި ދެކޮޅަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ޙާދިޘާއެކެވެ. [متفق عليه، البخاري 5063، مسلم 1401]

 

ދީނީ ހައްދުފަހަނައެޅުން މާނަކުރުން:

ދީނީ ގޮތުން ހައްދުފަހަނައެޅުން މިތަނުގައި މާނަ މިކުރަނީ ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި އުސޫލުތައް ފަހަނައަޅައި ގޮސް، ދީނުގެ ނަމުގައި ދީނާއި ޚިލާފު ކަންތައްތަކެއް ކުރުމަށެވެ.

 

ހައްދުފަހަނައަޅާފައިވާ ކަމެއްކަން ކަނޑައަޅާނީ ކޮންބައެއް؟

އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު، އިސްލާމީ ޝިޢާރުތައް އުފުލަމުން، އިސްލާމީ ފޭރާމުގައި ތިބެގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިސްލާމްދީނުގެ ނަމުގައި ހިންގާ، ދީނާއި ޚިލާފު ނިރުބަވެރި ޢަމަލުތަކުގެ ސަބަބުން، ދީނީ ހައްދުފަހަނައެޅުމުގެ ވަބާ ވަނީ ޢާލަމީ ވަބާއަކަށްވެފައެވެ. މީގެ ސަބަބުން ބޭރުދުނިޔޭގެ ޤައުމުތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެކިއެކި މުއައްސަސާތަކާއި ކޮމިޝަންތަކާއި، ސަލާމަތީ އިދާރާތަކާއި، ޤާނޫނީ ފަރާތްތައް މިވަބާއިން އަރައިގަތުމުގެ މަސައްކަތުގެ ތެރެއަށް ވަނީ ވަދެފައެވެ. މުސްލިމުންނާއި، ޣައިރު މުސްލިމުން ކަންބޮޑުވާ ވަބާއަކަށް މިކަންވުމުގެ ސަބަބުން، ދީނީ ހައްދުފަހައެޅުން މާނަކުރުމުގައި މަފްހޫމުތައް ވަނީ ތަފާތުވެފައެވެ. ނަތީޖާއަކީ ދީނީ ހައްދުފަހަނައަޅައިދިއުން މާނަކުރުމުގައި ވެސް ބަޔަކު ހައްދުފަހަނައަޅައި ދިއުމެވެ. މިގޮތުން ލާދީނީ ސެކިއުލަރ ޢަލްމާނީ ފިކުރުތަކުގެ މީހުން މިފުރުސަތުގެ ބޭނުންހިފައިގެން، އިސްލާމްދީނުގެ ތަޞައްވުރު ކިލަނބުކޮށްލުމަށް ހައްދުފަހަނައެޅުން މާނަކުރަނީ އިސްލާމްދީނުގެ އުސޫލުތަކުގައި ހިފަހައްޓާ ކޮންމެ މީހަކަށެވެ.

އަނެއްބަޔަކު އިސްލާމްދީނުގެ ފަރުޢީ ޚިލާފީ މައްސަލަތަކުގައި ހަވާނަފްސަށް ތަބާވެ، ތިމާ ތަބާވާ ރައުޔުނޫން، އަނެއް އިޖްތިހާދީ ރައުޔަށް ތަބާވާ ކޮންމެ މީހަކީ، ހައްދުފަހަނައަޅާފައިވާ މީހެއްކަމަށް ލޭބަލް އެބަކުރެއެވެ. މިގޮތުން ފަރުޟު ފަސް ނަމާދަށް މިސްކިތަށް ދިއުމާއި، ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމާއި، ސުންނަތް ރޯދަ ހިފުމާއި، ތުނބުޅި ބެހެއްޓުމާއި، ފައިގެ ކުޑަހުޅަށްވުރެ މަތީގައި އިޒާރު ބެހެއްޓުމާއި، މޫނު ބުރުގާ އެޅުމާއި، ދެޖިންސުގެ ހިލޭ މީހުން އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި، މިއުޒިކު އަޑުނޭހުމާއި، މުޢާމަލާތާއި ކެއިން ބުއިމުގައި ޙަރާމް ޙަލާލަށް ރިޢާޔަތްކުރުމާއި، އިސްލާމީ އުސޫލުުތަކާއި ޚިލާފުކަންކަމާއި ދެކޮޅަށް ވާހަކަދެއްކުން ފަދަ ކަންކަމީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ކަންކަން ކަމުގައި ބައެއް މީހުން ސިފަކުރެއެވެ.

މިފަދައިން ހައްދުފަހަނައެޅުމުގެ މިންގަޑު ކަނޑައަޅަންވެއްޖެ ކަމުގައިވަނީނަމަ “ހައްދުފަހަނައެޅުން” ނައްތާލުމުގެ ނަމުގައި ދީނުގެ ޢަދާވާތްތެރިންނާއި، ސެކިއުލަރ ލާދީނީ މީހުންނާއި، މުނާފިޤުންނަށް އިސްލާމްދީން ކޮށައިމަށައި އެމީހުން ބޭނުންހާ ގޮތަކަށް، ބޭނުންހާ މަޤްސަދެއް ޙާސިލުކުރުމަށް މޮޑޭ ފުށްގަނޑަކަށް އިސްލާމްދީން ހެދުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އޭރުން އިސްލާމްދީން ވުޖޫދުގައެއް ނޯންނާނެއެވެ. ވުޖޫދުގައި އޮންނާނީ އިސްލާމްދީނުގެ ނަން އެކަންޏެވެ. ދީނުގެ އަސްލެއް ޝިޢާރެއް ނޯންނާނެއެވެ. އޭރުން ފެންނާނީ ހައްދުފަހަނައަޅާފައިވާ ލޭބަލްކުރުންތަކުން ސަލާމަތްވުމުގެ ގޮތުން ބައެއް އީމާންތެރިކަން ބަލިކަށި މުސްލިމުން ހުޅަނގުގެ ޤައުމުތަކުގައި ރާބޮއި އޫރުމަސްކައި ކުލަބުތަކަށް ގޮސް ޕާޓީ ކުރާ ފަދަ މަންޒަރުތަކެވެ. “މޮޑަރޭޓް” މުސްލިމެއްގެ ލަޤަބު ލިބެން އޮތީ އެގޮތުގެ މަތީން ކަމުގައިވާތީއެވެ.

ދީނީ ހައްދުފަހަނައަޅައިދިއުމުގެ މައްސަލައަކީ އިސްލާމްދީނާއި ގުޅުންހުރި މައްސަލައަކަށް ވީހިނދު އެކަން މާނަކުރުމުގައި ރުޖޫޢަވާންޖެހޭނީ އިސްލާމީ ޝަރީޢަތަށެވެ. އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެ ހައްދުފަހަނައެޅުމުގެ ތަޢުރީފު ބަޔާންކުރާނީ، އިސްލާމީ ޝަރީޢަތް ރަނގަޅަށް ދަނެތިބި ދަންނަބޭކަލުންނެވެ. މިކަން މާނަކުރުމަށް ދީނީ ޢިލްމުވެރިން ނޫން ބަޔަކަށް ފުރުސަތު ދެވިއްޖެނަމަ ބޮޑު ފިތުނައެއް އުފެދި މައްސަލަ އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެއެވެ.

 

ދީނީ ހައްދުފަހަނައަޅައިދިއުމުގެ ފިކުރުގެ އަޘަރުތައް:

  • މުސްލިމު ދައުލަަތްތަކުގެ ވެރިންނާއި، ދަންނަބޭކަލުންނާއި، ޤާޟީންނާއި، ވެރިންނަށް ކިޔަމަންވާ ޢާންމުން އެކީއެކަށް ކާފިރުކުރުން.
  • މުސްލިމު ޤައުމުތަކުގެ ބިންތަކަކީ ދާރުލް ކުފުރުކަމުގައި ޙުކުމްކުރުން.
  • ނިޒާމީ ތަޢުލީމު ޙަރާމްކަމުގައި ދެކުން.
  • މުސްލިމުންގެ އިމާމުންގެ ފަހަތުގައި ނަމާދު ނުކުރުން.
  • ފެންނަހައި ޣައިރު މުސްލިމުން މަރާ އަނިޔާކޮށް ގެއްލުންދިނުން.
  • ސަރުކާރުގެ ވަޒީފާތައް އަދާކުރުން ޙަރާމްކުރުން.
  • މުސްލިމުންގެ މުދާ ހުއްދަކޮށް ފޭރިގަތުން.
  • އެބައިމީހުން ކަނޑައަޅާ ޚަލީފާއަށް ބައިއަތު ނުުހިފާ ކޮންމެ މީހެއްގެ ލޭހުއްދަކޮށް ކާފިރުކުރުން.
  • ޝަރުޢީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި، ކޯޓްތަކުގެ ޙުރުމަތް ކަނޑައިލުން.
  • ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފުރައިގެންދިއުން
  • ވެކްސިން ނުޖެހުމާއި، ޞިއްޙީ ފަރުވާއިން ކުޑަކުދިންނާއި އަންހެނުން މަޙްރޫމުކުރުން.

 

ބަޔާންވެދިޔަ ދެފިކުރަކީވެސް ދިވެހި އިސްލާމީ މުޖުތަމަޢު ހަލާކުކޮށްލަނިިވި ނުރައްކާތެރި ދެފިކުރެވެ. މިދެފިކުރުގެ ސަބަބުން މުޖުތަމަޢުގެ އަމްނުއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، ހަމަޖެހުމަށް ނޭދެވޭ އަޘަރުކުރާނެެއެވެ.

ލާދީނީ ސެކިއުލަރ ޢަލްމަނީ ފިކުރުތައް އިސްލާމީ މުޖުތަމަޢުތަކުގެ ތެރެއަށް ގެނެވޭ ހިނދު، އީމާންކަމުގެ އަހުލުވެރިންގެ ޣީރަތްތެރިކަން ކެކިގެންދާނެއެވެ. ޣީރަތްތެރިކަމުގައި އެކިމީހުންގެ ދަރަޖަ ތަފާތުވާނެއެވެ. އެއްބައިމީހުންނަކީ ޣީރަތްތެރިކަން ދީނީ އުސޫލުތަކުން ޤައިދުކުރަން ދަންނަމީހުންނެވެ. މިފަދަ އީމާންކަމުގެ އަހުލުވެރިން ﷲ ތަޢާލާގެ ދީނުގެ ދިފާޢުގައި އެބައިމީހުންގެ އީމާންކަން އެބައިމީހުންގެ މައްޗަށް ލާޒިމުކުރާ ދިފާޢަށް ނިކުންނާނެއެވެ. ނަމަވެސް އެބައިމީހުން އެކަމުގައި ކުރިއަށްދާނީ، ދީނީ ޢިލްމުވެރިންގެ ލަފާއާއި، ދީނުގެ އުޞޫލުތަކުގެ ތެރެއިންނެވެ. އަނެއްބައިމީހުންނަކީ ޖަޒްބާތު އިސްކޮށް، ޣީރަތްތެރިކަމުގެ ހައްދު ފަހަނައަޅައިދާނެ މީހުންނެވެ. ދީނީ ޢިލްމާއި، ޙިކުމަތުގެ މަޢުރިފާ މަދުވުމުގެ ސަބަބުން، މިފަދަމީހުން ލާދީނީ ޢަލްމާނީ ސެކިއުލަރ ފިކުރުތަކަށް ރައްދުދިނުމުގައި ދީނުގެ އުސޫލުތަކާއި، ޤާނޫނާއި ޚިލާފު ކަންތައްތަކަށް އަރައިގަތުމަކީ އެކަށީގެންވާކަމެކެވެ. ދީނީ ހައްދުފަހަނައަޅައިދިއުމުގެ ޢަމަލުތައް އިސްލާމީ މުޖުތަމަޢުތަކުގައި ޢާންމުވުމުގެ އެއްސަބަބަކީ ސެކިއުލަރ ލާދީނީ ފަރާތްތަކަށް އިސްލާމްދީނަށް ފުރައްސާރަކޮށް ކުޑައިމީސް ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން ދިނުމާއި، އެފަދަ މީހުންގެ މައްޗަށް ޤާނޫނޫ ތަންފީޒު ނުކުރެވުމާއި، އެފަދަ މީހުންނަށް ޙިމާޔަތްދިނުމެވެ. ލާދީނީ ސެކިއުލަރ މިފަދަ ފިކުރުތަކަށް ޖާގަދެވިއްޖެނަމަ ދިވެހި އިސްލާމީ މިޤައުމުގައި ޒަމާނުއްސުރެ އޮތް ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ އައިޑެންޓިޓީ ގެއްލިގެން ދިއުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމްދީނަށް ފުރައްސާރަކޮށް ދީނީ އަޘަރުތައް ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތްތަކުން މިޤައުމުގެ ދީނީ އެއްބައިވަންތަކަން ގެއްލި ދީނީ ވަޙުދަތު ގެއްލިގެންދާނެއެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި، ސުލްޙަ މަސަލަސްކަމާއި، އަމާންކަން ގެއްލި، ޒުވާބުކުރުމާއި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަމުގެ ޢަމަލުތަކާއި، ފިތުނަ ފަސާދައިގެ އަނދިރި އަނދަވަޅަކަށް މިޤައުމު ވެއްޓިގެންދާނެއެވެ.

އެހެންކަމުން މުޖުތަމަޢުގެ އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، ހަމަޖެހުން ދެމެހެއްޓުމަަށްޓަކައި އިސްލާމީ މުޖުތަމަޢުތަކުގައި ދީނަށް ފުރައްސާރަކުރުމާއި ކުޑައިމީސްބަސްބުނުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކުރުމުގެ ފުރުސަތު އެކީއެކަށް ބަންދުކުރެވެންޖެހޭނެއެވެ. އަދި އެފަދަ ކަންތައްކުރާ މުޖުރިމުންނަށް ޙައްޤު އަދަބުވެސް ލިބެންޖެހޭނެއެވެ.

އިސްލާމްދީނުގެ ފުރިހަމަ ޢިލްމާއި މަޢުރިފާ ލިބިފައިނެތް ޒުވާނުންތަކެއް، ދީނީ ޢިލްމުވެރިންނާއި ފެޔަށް ޖެހި، ޖަޒުބާތު އިސްކޮށްގެން، ދީނުގެ ނަމުގައި ހިންގާފައިވާ، އަދި ހިންގަމުންދާ ހައްދުފަހަނައެޅުމުގެ ހަރުކަށި ޢަމަލުތަކަކީ މުޅި ދުނިޔެ ސިއްސުވާލާފައިވާ ޢަމަލުތަކެކެވެ. މިބައިމީހުންވަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ނަމުގައި ބޮންގޮއްވައި، ޖާނުން ފިދާވެ، އެތަކެއް މަޢުޞޫމު މުސްލިމްތަކުންނެއްގެ ފުރާނަތައް ނަގާލާފައެވެ. މުސްތައުމަނުންނާއި މުޢާހިދުންނަށް ބެލުމެއްނެތި، ޣައިރު މުސްލިމުން ފެންނަ ކޮންމެތަނަކުން މަރަމުންގެންދެއެވެ. ޙައްޤުގެ މަގުގައި ތިއްބެވި އުންމަތުގެ ރައްބާނީ ޢިލްމުވެރިން ކާފިރުކޮށް މަރުގެ އިންޒާރު ދެމުންގެންދެއެވެ. މުދަލުގެ ޙައްޤަށް އަރައިގަނެ، މުސްލިމުންނާއި ޣައިރު މުސްލިމުންގެ މުދާތައް ފޭރި، ވައްކަން ކުރަމުންގެންދެއެވެ. އެބައިމީހުން ކަނޑައަޅާ ޚަލީފާއަށް ބައިއަތު ނުހިފުމުގެ ބަހަނާގައި އަމިއްލަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޢާންމުން ކާފިރުކޮށް ޤަތުލު ކުރަމުންގެންދެއެވެ. ޖަމާޢަތުގައި ނަމާދުކުރުމުން އެއްކިބާވެ، ދަރިން ތަޢުލީމުން މަޙްރޫމު ކުރުމުންގެންދެއެވެ. ކޯޓުން ބޭރުގައި ކައިވެނިކޮށް، ނަސްލު އޮޅުވާލުމުގެ ޖަރީމާތައް ހިންގަމުންގެންދެއެވެ. އަމިއްލަ ކޯޓްތައް ހަދައި، މީހުންގެ މައްޗަށް ނުޙައްޤުން ޙުކުމް ތަންފީޒުކުރަމުން ގެންދެއެވެ. ޅަޒުވާނުންގެ ސިކުނޑިތަކަށް ވެރިވެ ހައްދުފަހަނައެޅުމުގެ ފިކުރުގެ ތެރެއަށް ވައްދައި، މައިންބަފައިންނާއި ދަރިން ވަކިކޮށް، ބޭރުގެ ދާޚިލީ ހަނގުރާމަތަކަށް ގެންދެއެވެ. މިފަދަ ހަނގުރާމަތަކުގައި މަޢުޞޫމު ކުޑަކުދިންނާއި، އަންހެނުން މަރައި، އަޅުންނާއި ޖާރިޔާއިންގެ ގޮތުގައި ވިއްކަމުން ގެންދެއެެވެ. ކުޑަކުދިން ހަނގުރާމައިގައި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް، ޖާނުން ފިދާވުމުގެ ޢަމަލުތައް އެކުދިން ލައްވައި ހިންގަމުން ގެންދެއެވެ.

ދީނީ ހައްދުފަހަނައަޅައިދިއުމުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން، މުޖުތަމަޢުތަކުގެ ޢާންމުންގެ ހިތްތަކުގައި، ދީނީ ފޭރާމުގައި ތިބޭ އެންމެންނާއިމެދު ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ދީނީ ޞައްޙަ މަންހަޖުގެ މަތީގައިތިބި މީހުންނާއި، ހަރުކަށި ހައްދުފަހަނައަޅާފައިވާ މީހުން ވަކިކުރަން ޢާންމުންނަށް އޮޅި، އެންމެންގެ މައްޗަށް އެއްޙުކުމެއް ޢާންމުން ކުރަމުންގެންދެއެވެ. މީގެ ސަބަބުން ދީނީ ފޭރާމުގައި ތިބޭ އެންމެންނަށް ޢާންމުންގެ ރުޅިވެރިކަމާއި ނަފްރަތު އަމާޒުވެގެންދެއެވެ. ދީނީ ޢިލްމުވެރިންނަކީވެސް އެފަދަ ބައެއްކަމަށް ބައެއް ޢާންމުން ދެކުމުގެ ސަބަބުން، އިސްލާމްދީން ފޯރުކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ ދައުރަށްވެސް ހުރަސްއެޅިގެންދެއެވެ. ޣައިރު މުސްލިމުންގެ މެދުގައި އިސްލާމްދީނުގެ ސޫރަ ހުތުރުވެ، ހުރިހައި މުސްލިމުންނަކީ އެފަދަ ހަރުކަށި ބައެއްކަމަށް ތުހުމަތުކޮށް، އިސްލާމްދީނަށް ނަފްރަތު ކުރަމުންގެންދެއެވެ.


المصادر:

  • مشكلة الغلو في الدين في العصر الحاضر – د. عبد الرحمن بن معلا اللويحق
  • الغلو في الدين في حياة المسلمين المعاصرة – د. عبد الرحمن بن معلا اللويحق