[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 4 – ރަސޫލާ صلى الله عليه وسلم އަށް މުސްލިމުން އަދާ ކުރަން ޖެހޭ ޙައްޤުތައް)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް: [1]

 

 

ރަސޫލާ صلى الله عليه وسلم ގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުން. އޭގެ ތެރޭގައި:

  • އެކަލޭގެފާނަކީ ޙައްޤު ރަސޭލެއްކަމަށް އީމާންވުމާއި އެކަލޭގެފާނު ފޮނުއްވުނީ އެންމެހާ މީސްތަކުންގެ ގާތަށްކަމަށް އީމާންވުން.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا﴾ [سورة الأعراف ١٥٨]‏

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ.”

 

  • އެކަލޭގެފާނަކީ ރަސޫލުބޭކަލުންގެ ތެރެއިން އެންމެ މާތް އަދި އެންމެ ފަހުގެ ނަބިއްޔާކަމަށް އީމާންވުން.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ﴾ ‎ [سورة الأحزاب ٤٠]

މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކުކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސް މެއެވެ.”

 

  • އެކަލޭގެފާނު ދެކެ ލޯބިވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުން.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا﴾ ‎ [سورة الحشر ٧]

މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ!”

 

  • ޤިޔާމަތް ދުވަހު ﷲ ތަޢާލާ، މީސްތަކުންގެ މެދުގައި ނިޔާ ކަނޑައަޅުއްވަން ފައްޓަވަނީ ނަބިއްޔާ صلى الله عليه وسلم އެކަމަށްޓަކައި އެދިވަޑައިގެން އެއިލާހުގެ ޙަޟްރަތުގައި އެކަމަށްޓަކައި ޝަފާޢަތްތެރިވެވަޑައިގަތުމުންކަމަށް އީމާންވުން. ފަހެ އެއީ އެންމެ ބޮޑުވެގެންވާ ޝަފާޢަތެވެ. އެފަދައިން ޝަފާޢަތްތެރިވެވަޑައިގަތުމަށް އެކަލޭގެފާނު ފިޔަވާ އުލުލް ޢަޒުމުގެ އެންމެހާ ރަސޫލުބޭކަލުންވެސް ފަސްޖެހިވަޑައިގަންނަވާނެއެވެ. [2]

އެދުވަހު އެކަލޭގެފާނު އަރުޝީގެ ދަށުގައި ސަޖިދަކުރެއްވުމުން ޝަފާޢަތްތެރިވުމުގެ އިޛުނަ އެކަލޭގެފާނަށް ދެއްވޭނެއެވެ. އަދި ޢާލަމުތަކުގެ ރައްބު އެދުވަހު އެކަލޭގެފާނަށް ވަޙީކުރައްވާނެއެވެ.

“ކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާށެވެ. އަދި އެދިވަޑައިގަންނަވާށެވެ. ދެއްވޭނެއެވެ. އަދި ޝަފާޢަތްވެރިވެވަޑައިގަންނަވާށެވެ. ޤަބޫލުކުރެއްވޭނެއެވެ.”

 

ސުވާލުތައް

 

  1. މުސްލިމަކު، ރަސޫލާ صلى الله عليه وسلم އަށް އަދާކުރަން ޖެހޭ ބައެއް ޙައްޤުތަކަކީ ކޮބާ ހެއްޔެވެ؟
  2. ރަސޫލާ صلى الله عليه وسلم ފޮނުއްވުނީ ކޮން ބައެއްގެ ގާތަށް ހެއްޔެވެ؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.
  3. خَاتَمُ النَّبِيِّين ގެ މާނައަކީ ކޮބާ ހެއްޔެވެ؟
  4. ނަބިއްޔާ صلى الله عليه وسلم ދެކެ ތިބާ ލޯބިވާކަމުގެ ޢަލާމާތަކީ ކޮބާ ހެއްޔެވެ؟
  5. އުލުލް ޢަޒުމުގެ އެންމެހާ ރަސޫލުބޭކަލުންވެސް އެ ޝަފާޢަތަކަށް ފަސްޖެހިވަޑައިގަންނަވާނެ ޝަފާޢަތަކީ ކޮބާ ހެއްޔެވެ؟

 


 

[1]  އަހުލުއްސުންނާ ވަލް ޖަމާޢަތަކީ: ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތިއްބެވި ގޮތުގައި ތިބޭ މީހުންނެވެ. އެއީ ޢަޤީދާއާއި ދީނާ ގުޅޭ އެންމެހާ ޙުކުމްތަކެއްގައެވެ. އެބައިމީހުންނަށް މި ނަމުން ނަން ދެވުނީ އެބައިމީހުން ނަބިއްޔާ صلى الله عليه وسلم ސުންނަތަށް ތަބާވެ އެގޮތުގައި ވަރުގަދައަށް ހިފަހައްޓާތީއެވެ. އަދި ހައްޤުގެ މަތީގައި ޖަމާވެ، ޚިލާފުވެ ނުގަންނާތީއެވެ. އަދި ސަލަފުއްޞާލިޙުން އެކަންކަމުގައި އެއްބަސްވެފައިވާ ކަންތައްތަކުގައި އެބޭކަލުންނަށް ތަބާވާތީއެވެ.

[2] އުލުލް ޢަޒުމުގެ ރަސޫލުބޭކަލުންނަކީ: ނޫޙުގެފާނާއި އިބްރާހީމުގެފާނާއި މޫސާގެފާނާއި ޢީސާގެފާނު އަދި މުޙައްމަދު صلى الله عليه وسلم އެވެ.

 

مادة التوحيد ٦