[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 5 – ޞަޙާބީބޭކަލުން رضي الله عنهم އަށް މުސްލިމުން އަދާކުރަން ޖެހޭ ޙައްޤުތައް)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:

 

  • ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންދެކެ ލޯބިވުން. އެހެނީ އެބޭކަލުން ދެކެ ލޯބިވުމަކީ ދީނުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. އަދި އީމާންކަމާ ގުޅިފައިވާ ކަމެކެވެ. އަދި އެބޭކަލުން ދެކެ ނުރުހުންތެރިވުމަކީ ކުފުރުގެ ޢަމަލެކެވެ. އަދި ނިފާޤުކަމުގެ ޢަލާމާތެކެވެ.
  • ހަމަކަށަވަރުން އެންމެހާ ޞަޙާބީބޭކަލުންނަކީ މާތް އަދި ޢަދުލުވެރި ބޭކަލުންތަކެއްކަމަށް އިޢުތިޤާދުކުރުން.
  • އެ ބޭކަލުންނަށް ރުއްސުން ލެއްވުން އެދި ދުޢާކުރުން (رضي الله عنهم މިފަދައިން ދުޢާ ކުރުން) އަދި އެބޭކަލުންގެ ފާފަފުއްސަވާދެއްވުން އެދި ދުޢާކުރުން.
  • އެބޭކަލުންނަކީ މި އުންމަތުގެ އެންމެ މާތް ބޭކަލުންކަމަށް އިޢުތިޤާދުކުރުން. އެހެނީ ﷲގެ ރަސޫލާ صلى الله عليه وسلم ވަނީ އެކަމަށް ހެކިވެވަޑައިގަންނަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«خَيْرُ النَّاسِ قَرْنِي» [1]

މާނައީ: “މީސްތަކުން ކުރެ އެންމެ ހެޔޮ މީހުންނަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ ބޭކަލުންނެވެ.”

ފަހެ ﷲ ތަޢާލާވަނީ އެބޭކަލުން ދެކެ ލޯބިވެވޮޑިގަންނަވާފައެވެ. އަދި އެބޭކަލުންނާމެދު ޘަނާގެ ބަސްވަޙީކުރައްވާފައެވެ.

އަދި ﷲގެ ރަސޫލާ صلى الله عليه وسلم ވަނީ އެބޭކަލުން ދެކެ ލޯބިވެވަޑައިގަންނަވާފައެވެ. އަދި އެބޭކަލުންނަށް އެއްޗެހި ކިޔުމާ އެބޭކަލުންނަށް ގޯނާކުރުން ނަހީކުރައްވާފައެވެ.

އަދި މުއުމިނުން، އެބޭކަލުން ދެކެ ލޯބިވާނެކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ﴾‏ [سورة الحشر ١٠]

މާނައީ: “އަދި އެބައިމީހުންގެ ފަހުން އައި މީހުން ބުނެއެވެ. އަޅަމެންގެ ރައްބެވެ! އަޅަމެންނަށާއި އަޅަމެންނަށް ވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ރައްބެވެ! ހަމަކަށަވަރުން އިބަ އިލާހީ ނުހަނު އޯގާވަންތަ، ރަޙީމުވަންތަ އިލާހެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا تَسُبُّوا أَحَدًا مِنْ أَصْحَابِي، فَإِنَّ أَحَدَكُمْ لَوْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا أَدْرَكَ مُدَّ أَحَدِهِمْ، وَلَا نَصِيفَهُ» [2]

މާނައީ: “ތިމަންކަލޭގެފާނުގެ ޞަޙާބީން ކުރެ އެއްވެސް ބޭކަލަކަށް ތިޔަބައިމީހުން ބަދުބަސް ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން ހޭދަކުރިޔަސް އެ ބޭކަލުންގެ ތެރެއިން ބޭކަލެއް ހޭދަކުރެއްވި މުއްދެއްގެ މިންވަރާ އެއްވަރު ނުވާ ހުއްޓެވެ. އަދި މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރު ނުވާ ހުއްޓެވެ.”

  • އިސްލާމްދީން ދެނެގަތުމުގައި އަދި އެ ދީނަށް ޢަމަލުކުރުމުގައި އެބޭކަލުންގެ ގޮތަށް ތަބާވުން.

 

ސުވާލުތައް

 

  • މުސްލިމަކު، ޞަޙާބީބޭކަލުންނަށް އަދާކުރަން ޖެހޭ ބައެއް ޙައްޤުތަކަކީ ކޮބާ ހެއްޔެވެ؟
  • އަންނަނިވި ސުވާލުތަކުގައި ޞައްޙަ ޖާވާބު ޚިޔާރުކުރާށެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންދެކެ ލޯބިވުމަކީ:

(ހ) އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. (  )

(ށ) ސުންނަތް ކަމެކެވެ. (  )

(ނ) މަކްރޫހަ ކަމެކެވެ. (  )

 

ޞަޙާބީ ބޭކަލުންނާ މެދު މުސްލިމުން އިޢުތިޤާދުކުރަނީ:

(ހ) އެއީ ޢަރަބީންގެ ތެރެއިން އެންމެ މާތް ބޭކަލުންނެވެ. (  )

(ށ) މައްކާގެ އަހުލުވެރިން ކުރެ އެންމެ މާތް ބޭކަލުންނެވެ. (  )

(ނ) އިސްލާމީ އުންމަތުގެ އެންމެ މާތް ބޭކަލުންނެވެ. (  )

 

  • ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންނަށް މީހަކު އެއްޗެހި ކިޔާނަމަ އެކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެފަދަ މީހަކަށް ނަސޭޙަތްތެރިވާނީ ކިހިނެތް ހެއްޔެވެ؟
  • ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންނަށް އެއްޗެހި ކިޔުމަކީ ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށްދިނުމަށް ކީރިތި ޤުރުއާނުގެ ދަލީލަކާއި ސުންނަތުން ދަލީލެއް ލިޔާށެވެ.

 


 

[1] رواه البخاري (2652) ومسلم (2533).

[2] رواه البخاري (3673) ومسلم (2541) واللفظ له.

 

مادة التوحيد ٦